English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޝެއިޚް ހުސައިން ރަޝީދު އަހްމަދުގެ “ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ”ގެ ދިހަވަނަ ބައި ނެރެދެއްވުމަށް މިރޭ އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.އަދި ދީނާ މެދު ނަފްރަތު އުފެއްދުމުގެ ނިޔަތެއް ރިޕޯޓު ކިޔާލުމުން ފެނިފައިނުވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ،

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ބޭނުންކޮށްފައި ހުރި ބަސްތައް ގޯސް ކަމަށާއި، ނަމަވެސް އެއީ އިނގިރޭސިބަހުން އެއްޗެއް ލިޔަން އުޅެނިކޮށް “ވެފައިހުރި ގޮތެއް” ކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި މިފަދަ ބޮޑެތި ކަންކަމަށް އަހުލުވެރިނުވެ، ބޮޑު ރިޕޯޓެއް ލިޔަން އުޅުމުގެ ސަބަބުން އެފަދަ ނަތީޖާއެއް ނުކުތުން އެކަށީގެންވާ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވާހަކަ ދެއްކެވުމާއި ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔާފައިވާއިރު މި މައްސަލައިގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކާއި ދެމެދުވެސް ވަނީ ބަހުގެ ހަމަލާތަކެއް ދީފައެވެ