English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށްޓަކައި މުޅި ޝަރުޢީ ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ޢައްޔަންކުރި ކޮންސަލްޓަންޓް ކަމަށްވާ ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ހެދި ދިރާސާ ރިޕޯޓު، “އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް” އާންމުކޮށްފި އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓު މިހާރު އެ އޮފީހުގެ ރަސްމީ ވެބްސައިޓުގައިވެސް އާންމުކޮށް ޝާއިއުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ގުޅޭގޮތުން ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ކުރެއްވި ދިރާސާގައި ހިމެނުނު މައިގަނޑު ބައިތަކުގެ ތެރޭގައި، ޝަރުޢީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކުގައި އަދި އެ ޤާނޫންތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުޢީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުޜަޖަޢާކުރުމާއި، ފަނޑިޔާރުން ޢައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތައް ސަރުކާރށް ހުށަހެޅުން ހިމެނެއެވެ.

އޭޖީ އޮފީހުން ބުނާ ގޮތުގައި އެ މަސައްކަތް ކުރެއްވުމުގައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ވަނީ ދެފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި، މަދަނީ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި އެހެނިހެން ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލު ހޯއްދަވާފައި ކަމަށެވެ.

ރިޓަޔަރޑް ޖަސްޓިސް ޔޮހާން އަކީ 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައިވާ، ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވުމުގެ އިތުރުން، އެބޭފުޅާ ވަނީ އެޤައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައިވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ.