English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ އިޙްތިސާސްއިން ބޭރުން އެކޯޓުން ކޮށްފައިވާ ކަންކަމާއި ގުޅިގެން، އެކަންކަމުގައި ބައިވެރިވެވަޑައިގަންނަވާ އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 69 ވަނަ ބައްދަލުވުމުގަ އެވެ. ނަމަވެސް ބަލަން ނިންމާފައިވަނީ ކޮން ފަނޑިޔާރުންގެ މައްސަލަތަކެއް ކަމަށް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

ޖޭއެސްސީ އިން ބުނީ ސުޕްރީމް ކޯޓުގެ އިޙްތިސާސްއިން ބޭރުން ކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ “ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފް ނިންމުންތަކާ ގުޅޭ ރިޕޯޓް”ގައި ހިމެނޭ މައްސަލަތަކުގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ޖޭއެސްސީ އިން ބުނީ އެގޮތަށް އެ ކޮމިޝަނުން ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ “އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް” ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އިޙްތިސާސް އިން ބޭރުން ކޮށްފައިވާ އިތުރުކަމެއް ކޮމިޓީއަށް ފާހަގަކުރެވޭނަމަ އެކަމެއް ހިމަނައިގެން އެ ތަޙުޤީޤު ކުރިއަށްގެންދިއުމަށްވެސް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

ޖޭއެސްސީ އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސުޕްރީމް ކޯޓުން ނިންމާ ދުސްތޫރީ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީއާ މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ.