English Edition
Dhivehi Edition

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ކުރަމުންގެންދާއިރު، އެ ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، އެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

އޭޖީގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު މި އޮފީހުން ޢައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވަމުންގެންދަވާ މިސްޓަރ އިމެނުއަލް ގުއިންޝާޑު ކަމަށެވެ.

އަދި ބިލު އެކުލަވާލުމުގައި ވިސްނާފައިވާނީ، މަދަނީ ދަޢުވާތަކާބެހޭ އުސޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތަކާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، ޙުކުމް ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ ޢާންމު އުސޫލުތައް، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިޢާޔަތްކުރުމާއެކު، ހިމެނުން ކަމުގައިވެސް އޭޖީގެ އޮފީހުން ބުނެއެވެ.

“މިއީ، މަޝްވަރާގެ ބޭނުމަށްޓަކައި އެކުލަވާލާފައިވާ މަދަނީ އިޖުރާއަތުގެ ބިލުގެ ފުރަތަމަ ދެލިކޮޕީއެވެ. ބިލަށް ޚިޔާލު ހުށަހަޅުއްވާއިރު، ބިލުގައި އެކުލެވޭ މާއްދާތަކުގެ އޮށްޓަރަށާއި އެ މާއްދާތަކުން ކަނޑައަޅައިދޭ އުސޫލުތަކަށް ރިޢާޔަތްކޮށްދެއްވުން އެދޭ ވާހަކަ ދަންނަވާލުމާއެކު، ޢިމްލާ ކުށާއި، ޙަވާލާދިނުމާއި، ޢިބާރާތް ފުރިހަމަކުރުން ފަދަ ކަންކަމަކީ، މުޅި ބިލު އެކުގައި ފުރިހަމަކޮށް ނިމޭއިރު އިޞްލާޙުކުރެވިގެންދާނެ ކަންކަން ކަމުގައިވެސް ދަންނަވަމެވެ.”، އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ ބިލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ، 15 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން ކުރެއްވުމުގެ ފުރުޞަތު ހުޅުވާލާފއިވާ ކަމަށެވެ. ލިޔުމުން ހުށަހަޅާ ޚިޔާލުތައް، ރަސްމީ ގަޑީގައި އެ އޮފީހަށް ހުށަހެޅޭނެ ކަމަށާއި، އީ-މެއިލް މެދުވެރިކޮށްނަމަ، [email protected] އަށް އީމެއިލްކުރެވޭނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.