English Edition
Dhivehi Edition

ރާއްޖޭގެ ތިން ރަށެއްގައި ބޯފެނުގެ ނިޒާމް ގާއިމް ކުރުމަށް ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމަށްވާ އެންޖެލިކް އިންޓަނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑާއެވެ. ދ. ކުޑަހުވަދޫއާ ތ. ގުރައިދޫ ގއ. ވިލިނގިލީގައި ބޯފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގައެވެ. މި ތިން ރަށުގެ މަސައްކަތް ނިންމަން ދީފައިވަނީ 18 މަހެވެ. މި މަޝްރޫއުގެ އަގަކީ 6,801,718.2 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ބަލާކަމަށްވާނަމަ ގާތްގަނޑަކަށް 104،882،496ރުފިޔާ އެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ. އެންޖެލިކް އިންޓަނޭޝަނަލް ލިމިޓެޑް އެންޑް އަޔަން އެކްސްޗޭންޖް ލިމިޓެޑުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީނިއަރ ޖެނެރަލް މެނޭޖަރ، ޕްރޮޖެކްޓްސް އަނިލް އަރޯރާއެވެ. މިމަޝްރޫއުގެ ދަށުން ކުޑަހުވަދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ 22 ކިލޯމީޓަރުގެ ބޯފެނުގެ ނިޒާމެކެވެ. އަދި 105 ޓަނުގެ އާރުއޯ ޕްލާންޓެއް އެރަށުގައި ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. ގުރައިދޫގައި ގާއިމް ކުރަނީ 8 ކިލޯ މީޓަރުގެ ބޯފެނުގެ ނިޒާމެކެވެ. އަދި 78 ޓަނުގެ އާރުއޯ ޕްލާންޓެއް އެރަށުގައި ބަހައްޓާނެއެވެ. ވިލިނގިލީގައި 10 ކިލޯމީޓަރުގެ ބޯފެނުގެ ނިޒާމެއް ގާއިމް ކުރާނެއެވެ. އަދި 159 ޓަނުގެ އާރުއޯ ޕްލާންޓެއް ބަހައްޓާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫއުގެ ދަށުން އެ ތިން ރަށުގެ ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ތިމާވެއްޓާބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.