English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް.

މުދައްރިސުންގެ ދުވަސް ހުޅުދޫ ސްކޫލްގައި ވަރަށް ކުލަދަކޮށް ފާހަގަ ކުރަމުން އެބަގެންދެއެވެ.

މުދައްރިސުންގެ ބުރަމަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ސްކޫލްގައި މުދައްރިސުންގެ ދުވަސް ފާހަގަ ކުރަމުން ދަނީ “ޓީޗަރސް އެޕްރިއޭޝަން ވީކް 2019 ” ގެ ނަމުގައި އެއް ހަފްތާގެ މުއްދަތަށެވެ.

އެގޮތުން މިހަފްތާގެ ތެރޭގައި ތަފާތު އެކިއެކި ހަރަކާތްތައް އެސްކޫލްގައި ކުރިއަށް އެބަގެންދެއެވެ. އޭގެ ތެރޭގައި ހިމެނޭ “ޓީޗަރސް ޓެެލެންޓް ޝޯވް” އަކީ ފާހަގަ ކޮށްލެވޭ، މުދައްރިސުންގެ ތަފާތު ހުނަރުތައް ފެނިގެންދިޔަ ހަރަކާތެކެވެ. މި ޓެލެންޓް ޝޯވްގައި ކުރިއަށް ގެންދެވުނު ކަރޯކޭ މުބާރާތް ، މަދަހަ މުބާރާތް އަދި ޤްރުއާން މުބާރާތް ފާހަގަކޮށްލެވެއެވެ. ޤުރުއާން މުބާރާތުން އެއްވަނަ އެލްކޭޖީގެ އާންޓީ އާމިނަތުމާޒިނާ ހޯދި އިރު މަދަހަ މުބާރާތުން އެއްވަނަ ހޯދީ އެޑްމިން އޮފިސަރ ޝާހީން އަލީއެވެ.

މީގެ އިތުރުން ސްކޫލްގެ މުދައްރިސުންގެ މެދުގައި ފަރުމަސް ބޭނުމުގެ ފޯރިގަދަ މުބާރާތެއްވެސް ކުރިއަށް ގެންދެވުނެވެ.ޖުމްލަ 3 ޓީމެއްގެ މެދުގައި ކުރިއަށް ގެންދެވުނު ފަރުފަސް ބޭނުމުގެ މުބާރާތުން އެއްވަނަ ހާސިލް ކުރީ ޔޫކޭޖީ ކުލާހުގެ އާންޓީ ނަޒުހަތު ޝަފީޤްގެ ރެޑް ޓީމެވެ. އެދުވަހު ބޭނުނު މަސް ބޭނުން ކޮށްގެން އެސްއެމްޓީގެ ފަރާތުން ވަނީ މުދައްރިސުންނަށް ބާބަކިއުއެއް ބާއްވާފައެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ޕީޓީއޭގެ ފަރާތުން ވަނީ ކެނެރީފް ރިސޯރޓްގައި ރޭގަޑުގެ ކެއުމާއެކީ “ޓީޗާރސް ގާލާ ނައިޓް” ގެ ނަމުގައި ހަރަކާތެއް ބާއްވާފައެވެ. މިގާލާ ނައިޓުގައި ވަނީ ހެޔޮއެދޭ ފަރާތްތަކުން ވަރަށް އަގުހުރި އިނާމުތަކެއް މުދައްރިސުންނަށް ދެއްވާފައެވެ. އެގޮތުން އަސްކޮއި ހައްޖު އެންޑް އުމްރާގެ ފަރާތުން ވަނީ 2 މުދައްރިސަކަށް އުމްރާ ދަތުރު ދެއްވާފައެވެ. އުމްރާ ދަތުރު ލިބިލެއްވީ ލީޑިންގ ޓީޗަރ އާއިޝަތު މިލްޒާ އަދި ޓީޗަރ ޢާއިޝަތު އަލީ އަށެވެ. އަދި ސަންލޭންޑް ހޮޓެލްސް އެންޑް ރިސޯރޓްގެ ފަރާތުން 4 ދުވަހުގެ ހުރުމާއި އެ ރިސޯރޓްގެ ހުރިހާ ޚިދުމަތްތަކެއް ހިލޭ ލިބިގެންދާ ” ހޮލިޑޭ ޕެކޭޖް ” ޓީޗަރ ފިދާދު ޖަލީލުއަށް ލިބުނު އިރު އެންހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ޕްރެޝަރ ކުކާރ ލިބިލެއްވީ ޤްރުއާން މުދައްރިސް މަރިޔަމް ނިޒާމާ އަށެވެ. މީގެއިތުރުން އައިލޭންޑް އޭވިއޭޝަނުން ހުށަހަޅާފައިވާ ރާއްޖޭގެ ކޮންމެ މަންޒިލަކަށްވެސް ދަތުރުކުރެވޭ ޓިކެޓް ލިބިލެއްވީ ދިވެހި މުދައްރިސް މަރިޔަމް އިނާސާއަށެވެ.

މުދައްރިސުންގެ ދުވަހުގެ އެންމެ ޚާއްސަ އެއްކަމެއްގެ ގޮތުގައި ކުރިއަށްދަނީ ހުޅުދޫ މީދޫގެ ހުރިހާ ސްކޫލްތަކަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ނެޓްބޯލް މުބާރާތެވެ. މި މުބާރާތުގައި ހުޅުމީދޫގައި ހުންނަ 5 ސްކޫލުން ބައިވެރިވިއެވެ. މިނެޓް ބޯލް މުބާރާތުގެ މައިގަޑު މަޤުސަދަކީ 2020 ވަނައަހަރު ހުޅުމީދޫގެ ސްކޫލްތައް ސ.އަތަޮޅުމަދަރުސާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، ދެރަށުގެ ސްކޫލް ތަކުގައި މަސައްކަތް ކުރައްވާ މުދައްރިސުންގެ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުންކަމަށް ހުޅުދޫސްކޫލްގެ ޕްރިންސިޕަލް ނާޒުނީން ޢަބްދިﷲ ދީދީ ހާމަކުރެއްވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ސްކޫލްގައި ބޭއްވުނު ޚާއްސަ އެސެމްބްލީ ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. މި ޚާއްސަ އެސެމްބްލީގައި މުދައްރިސުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޕީޓީއޭގެ ފަރާތުން ވަނީ ހަދިޔާ ދީފައެވެ. އަދި ޕްރިންސިޕަލްގެ ފަރާތުންވެސް ސްކޫލްގެ ހުރިހާ މުވައްޒަފުންނަށްވަނީ ހަދިޔާ ދެއްވާފައެވެ.މީގެ އިތުރުން ދަރިވަރުންވެސް ވަނީ މުދައްރިސުންނަށް ދުވަހުގެ ތަހުނިޔާ ކިޔާ ކުލާސް ޕާޓީ ބާއްވާފައެވެ.

މުދައްރިސުންގެ ދުވަސް މިހާ ކުލަގަދަކޮށް ފާހަގަ ކުރަމުން ގެންދާތީ ސްކޫލްގެ މުދައްރިސުން ތިއްބެވީ ވަރަށް އުފަލުންނެވެ. އަދި ޕްރިންސިޕަލަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށް މުދައްރިސުން ހާމަ ކުރެއްވިއެވެ.

އަޅުގަނޑުމެން ހުރިހާ ދަރިވަރުންނާއި ބެލެނިވެރިންގެ އުއްމީދަކީ ، މިއަންނަ އަހަރުވެސް މުދައްރިސުންގެ ދުވަސް މިއައްވުރެ ކުލަގަދަކޮށް ފާހަގަވެގެން ދިއުމެވެ.