English Edition
Dhivehi Edition
ސީޕީ ހަމީދު، ފޮޓޯ: ރާއްޖެއެމްވީ

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ހަމީދު ވިދާޅުވެފައި ވަނީ އެ ރިޕޯޓުގެ މައްސަލައަށް އިސްކަންދީގެން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާ ކަމަށެވެ. އަދި އެއްވެސް ބިރެއްނެތި، ވަކި ފަރާތަކަށް ނުޖެހި ޤާނޫނީ ވާޖިބުތައް ފުލުހުންގެ މުއައްސަސާއިން އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

ހަމީދު މިހެން ވިދާޅުވިއިރު، އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބަލައި، ދިވެހި މުޖުތަމަޢުގައި ޤާއިމްވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެ ކަމަށެވެ.