English Edition
Dhivehi Edition

މީހުން ދައްކާހާ ވާހަކަ ނުވަތަ އިވޭހާ އަޑަކީ ބައެއް ފަހަރު ހަގީގަތަކަށް ނުވެދާނެއެވެ. ނަމަވެސް ކަންކަން ލޮލަށްފެނި އިތުރު ގޮތެއް ނެތުނީމާ ދެން ޖެހޭނީ ގަބޫލުކުރާށެވެ. އަދި ހަމަ އެފަދަ ވާހަކަތައް އަނެކާ ގާތު ނުބުނެ ހުރެވޭތޯ މަސައްކަތް ކުރިއަސް އެންމެންނަށް އެކަން އެނގުނީމާ ދެން ހެދޭނެ ގޮތެއް ނޯވެއެވެ.

މިދައްކަނީ ދުރު މާޒީއެއްގެ ވާހަކަ އެއް ނޫނެވެ. އިއްޔެގެ ވާހަކަ އެވެ. އޮކްޓޯބަރ 05 ގެ ވާހަކައެވެ. މުދައްރިސުންގެ ދުވަހުގެ ވާހަކައެވެ. އެންމެންނަށްވެސް އެނގޭ ހަގީގަތަކީ މުދައްރިސުންގެ ދުވަހަކީ ފާހަގަ ކުރުން މުހިއްމު ދުވަހެއްކަމެވެ. އަދި އެމުދައްރިސުން ކުރާ މިންނަށް މަސައްކަތުގެ އަގު ވަޒަން ކުރުމަކީ ކޮންމެ މީހަކަށްމެ ކުރުން ލާޒިމް ކަމެކެވެ. މައްސަލައަކީ އެ އެއް ނޫނެވެ. މައްސަލައަކީ ކަންކުރާ ގޮތެވެ. ކަން ކުރި ގޮތެވެ.

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާހެއްޔެވެ. އޭރުވެސް މުދަރިސުންގެ ދުވަސް ފާހަގަ ކުރެއެވެ. އޭރުގެ ސަގާފަތަކީ އެދުވަހުވެސް ދަރިވަރުންނަށް އެއްޗެއް އުގަންނައި ދިނުމެވެ. ލޯބިވާ މީހާ ނުވަތަ ކަމެއްކޮށްދޭ މީހަކަށް ހިތްހަލާސްކުރަން ދަސްކޮށް ދިނުމެވެ. އެގޮތުން ދަރިވަރުން އެންމެ ހިތްކިޔާ މުދައްރިސަށް ޝުކުރާއި އިހްތިރާމާއި އެކު ހަދިޔާ ދީހެދި މަންޒަރު ފެނިފައި ވެއެވެ. ޝުކުރުގެ ބަސްތައް އަމުނަމުން ލަވަ އާއި ޅެމާއި ސަގާފީ ކިޔުންތަކުން ޖައްވު ގުގުމާލަމުން ދިޔައެވެ. ނަމަވެސް މި އާދަކާދަތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން މުދައްރިސުންނަށް ދަރިވަރުން ހަދިޔާ ދިނުން ހުއްޓުމަކަށް ގެނަވުނެވެ.

މިއަދުގެ މަންޒަރާއި އެހާރާއި އަޅާކިޔުމުން އޭރުގެ ގޮތްތައް މާރަނގަޅޭ ބުނެވޭ ކަހަލައެވެ. މިއަދު މުދައްރިސުންގެ ދުވަސް ފާހަގަ ކުރޭތޯ ސުވާލުކޮށްލެވޭ ކަހަލައެވެ. ނޫންނަމަ އެދުވަހަކީ ކޮން ދުވަހެއްކަން މުދައްރިސުންނަށް އެނގޭ ބާއޭ ސުވާލުކޮށްލާ ހިތް ވެއެވެ. މިހެން މިދެންނެވީ މިދުވަހަށް ވާތައްޔާރީތައް ދެތިން މަސް ކުރިން ފަށަން ޖެހޭތީ އެވެ. ދުވަސް ގާތްވާހެން ހީވާ ހިސާބުން އެކިކަހަލަ ކުޅިވަރުތައް ކުޅުމާއި، ގޭމްތައް ރޭވުމާއި، ކެއުންތަކާއި މުބާރާތްތައް ރޭވުމަށް މުދައްރިސުންގެ ގިނަ ބަޔަކު އައްޔަން ކުރެވެއެވެ. އަހަރުތެރޭގައި އަންނަ އެންމެ ބުރަ ދުވަސްކޮޅަށް އެދުވަސް ވެގެން ދެއެވެ. ރެއާއި ދުވާލު މުދައްރިސުން މިކަމުގައި ހަރަކާތްތެރިވާން ޖެހެއެވެ. މީގެ ނަތީޖާ ވެސް ބަލާލަން ހިނގާށެވެ. މިކަމަށް ދޭންޖެހޭ އަހައްމިއްޔަތުގެ ސަބަބުން ދަރިވަރުން މަތިން ހަނދާން ނެތެނީ ކިތައް މުދައްރިސުންހެއްޔެވެ. އެކުދިންގެ ކިޔެވުމަށް އޭގެ އަސަރު އިންތިހާއަށް ކުރާތަން ފެންނަމުން ދަނީ މަދު ދުވަސްތަކެއް ފަހުން ފެށޭ އިމްތިހާނުންނެވެ. މުދައްރިސުންގެ ބުރަ ތާވަލަށް އިތުރު ބުރަތަކެއް ގެނައުމުން ދެންވާނެ ގޮތް ތަސައްވަރު ކޮށްލާށެވެ.

ދަރިވަރުންގެ ކިޔެވުމާއި، މުދައްރިސުންގެ ޖިސްމަށްކުރި އަސަރުގެ ވާހަކައިގެ އިތުރުން މާލީ ހާލަތަށްވެސް ބަލަންޖެހެއެވެ. ގިނަ މުދައްރިސުންނަކީ ލިބޭ މަދު އާމްދަނީކޮޅުން މުޅި އާއިލާ ހިންގަމުންދާ ބައެކެވެ. ނަމަވެސް މިދެންނެވުނު ގޮތަށް ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ ސަބަބުން މާލީ ގެއްލުން ލިބުނީ ކިތައް މުދައްރިސުންނަށް ހެއްޔެވެ. ކުރަންޖެހުނު ގިނަ ހަރަދުތަކަށް ލޯން ނެގީ ކިތައް މުދައްރިސުން ހެއްޔެވެ. އެދުވަހަށް ހާއްސަ ހެދުމެއް ލާން ޖެހުމުން އެކަމަށް ބޮޑު ހޭދަކުރީ ހަމަ އެމުދައްރިސުންނެވެ.

ސްކޫލްތަކުގެ ބަޖެޓްއިން މުދައްރިސުންގެ ދުވަހަށް ކަނޑައެޅޭ މިންވަރެއް ހޭދަ ކުރުމަކީ ނުކުރެވޭނެ ކަމެކޭ އެއްގޮތަކަށް ވެސް ދަންނަވާކަށް ނެތީމެވެ. ނަމަވެސް ހޭދަކުރާ ކޮންމެ ފައިސާފޮއްޗަކީ ދެންތިބީންގެ ހައްގެއްކަން ދެނެގަންނަން ޖެހެއެވެ. މުދައްރިސުންނަކީ މުޅި މުޖުތަމަޢުގެ ފަހުރުކަމަށް ވީހިނދު އެވެރިންނަށް އިޙްތިރާމާއި ލޯތްބާއި އެކު އަޅާލާނެ އެންމެ ދުވަހެއް އަންނަތަން ބަލަން ކޮންމެ މީހަކުވެސް ކެތްމަދުވެފައިވެއެވެ. ނަމަވެސް މިދެންނެވުނު ގޮތަށް އެވެރިން ނިކަމެތިކޮށްގެން ނޫނެވެ. މުދައްރިސުންގެ މަސައްކަތަށް ހަޖޫޖަހާ ބީދައިން ވެސް ނޫނެވެ.

މުދައްރިސުންގެ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއްބޭނުމަކީ އެފަރާތުން ކުރާ މިންނަށް މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުވެރިވާކަން އެނގުމެވެ. އެދުވަހެއްގައި ދައުލަތުގެ ޒިންމާއަކަށްވާން ޖެހެނީ މުދައްރިސުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އިހަށްވުރެ ފަހި ލަނޑުދަނޑިތަކެއް ކަނޑައެޅުމެވެ. ފޫނެއްފަޔަށް ފެންފުރާލާ ބީދައިން ކެއުމަކުން މުދައްރިސުންގެ ބުރަ މަސައްކަތް އޮތްބާލުމެއް ނޫނެވެ.

 

3 ކޮމެންޓް
ނައި
އޮކްޓޯބަރު 13, 2019
މުއްދައްރިސުންގެ ދުވަސް ފާހަނގަ ކުރުން އެއީ ބޮޑު ކަންތައްގަނޑެއް ހެދިކާ ހަދާ ހަދިޔާދީ އަޅުގަނޑުމެންވެސް ކިޔެވިން އެކަމަކު މިވަަރެއް ނުވޭ
Mudharibu
އޮކްޓޯބަރު 7, 2019
Miothy salhi habarah. Mee miko kan keraa goi. Afinnas miko olhige
Mary
އޮކްޓޯބަރު 7, 2019
Alige thiya vaahaka vara thaaeedh kuran.