English Edition
Dhivehi Edition
ސަަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ: ލުބްނާ މަޖީދު މުޚްތާރު (އޭއޯ ނިއުސް)

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓު ކިޔުއްވާފައިވާ ކަމަށާއި، އޭގައި ނުރަނގަޅު ވާހަކަތައް އެބަހުރިކަން ފާހަގަކުރެއްވުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް މަލާމާތްކޮށް، ދީނުގެ އުސޫލްތަކާއި ޚިލާފަށް ބައެއް ވާހަކަތައް ގެނެސްފައިވާ މައްސަލަ ހޫނުވެފައިވަނިކޮށް މިއަދު ކުރެއްވި ޓްވީޓްތަކެއްގަ އެވެ.

އޭގެ ތެރެއިން ފުރަތަމަ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވަނީ އެ ރިޕޯޓު ވިދާޅުވުމުން ފާހަގަވި އެއް ކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާ އާއި ބެހޭގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވިފައިވާ ކަމަށާއި، އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ދެވަނަ އަށް ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތައް ކަމަށެވެ.

“އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަދެއްކުން ރަނގަޅެއް ނުވާނެ”، އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީ (އޭޕީ) އިންވެސް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެ ރިޕޯޓު ކުށްވެރިކޮށް ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ ހުއްޓުވުމަށް ސަރުކާރަށް ގޮވައިލަމުންނެވެ.