English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2017 އޯގަސްޓް 7 ވަނަ ދުވަހުގެ 14:25ހާއިރު އައްޑޫ ސިޓީ ހިތަދޫ ކޯއްޓޭ ސަރަޙައްދުންނެވެ.

މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު މިދެމީހުންގެ ތެރެއިން އެކަކުގެ އަތުން އެއްޗެއް އެއްލާލިތަން ފުލުހުންނަށްފެނުމުން އެދިމާ ބަލައިފާސްކުރިއިރު ތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 201 ކުދި ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުންވަނީ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.