English Edition
Dhivehi Edition

އަހަންނަކީ ކުލާހުގެ “ދާދާ” ކަމަށް ހުރިހާ މުދައްރިސުން ބުނާ އަޑު އިވެއެވެ. އަހަންނަށް ސްކޫލަށް ނުދެވޭ ދުވަސް ތަކަކީ މުދައްރިސުންނަށް ފަސޭހަ ކަމާއެކު ބޭނުންވާ ފިލާވަޅު ދަރިވަރުންނަށް ފޯރުކޮށްދެވޭނެ ދުވަސްތަކެއްކަން ޚުދު އަހަންނަށް ވެސް އެނގެއެވެ. މުޅި ކްލާސް ކޮންޓްރޯލް ކުރާ މީހަކީ އަހަންނެވެ. އަހަރެން ކުލާހުގައި ބައިންދައިގެން ފިލާވަޅެއް ބުނެދިނުމަކީ ކޮންމެ ކޮންމެ މުދައްރިސަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަހަރެންގެ އަޑު ގަދަ ކަމުންނެވެ. މައްސަލަތައް ގިނަކަމުންނެވެ. ބޭކާރު ކަންކަން ކޮށް މުޅި ކުލާހުގެ ސަމާލުކަން އަހަންނަށް ހުއްޓުވާތީއެވެ. އަހަރެން ސްކޫލަށް ނާންނަ ދުވަސްތައް އެއީ މުދައްރިސުންނަށް ވެސް އުފާވެރި ދުވަސްތަކެއް ކަމުގައި އޮންނަނީ ވެފައެވެ. އެހެނަސް ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ސްކޫލަށް ދެވޭތޯ އަހަރެން ބަލަމެވެ. ބޮޑު ކަމެއް ދިމާވެގެން ނޫނީ އަހަރެން ސަލާމް ބުނެފައެއް ނުހުންނާނެއެވެ.

އަހަރެންގެ ނަމަކީ ސްކޫލުގެ ސްޓާފް މީޓީން ތަކުގައްޔާއި ސްޓާފް ރޫމުގައި މުދައްރިސުން މަޝްވަރާ ކުރާ ނަމަކަށް ވެފައި އޮންނަކަން އަހަންނަށް އެނގެއެވެ. އަހަރެންގެ މައްސަލަތައް ހައްލު ކުރާނެ ގޮތަކާ އަހަރެން ކިޔެވުމަށް ހިތްޖައްސާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރާކަން އަހަންނަށް އެނގެނީ އެ ބައްދަލުވުން ތަކުގައި ބައިވެރިވާ ބައެއް މުދައްރިސުންގެ ފަރާތުންނެވެ. ކޮންމެ ހަފްތާއަކު ދެތިން ފަހަރު ނުވަތަ ކޮންމެ ދުވަހަކު ހެން ޕްރިންސިޕަލްގެ މޫނު ދެކެން އަހަންނަށް ޖެހެއެވެ. ކުލާހުން ބޭރުގައި ލީޑިން ޓީޗަރުންގެ ކޮޓަރީގެ ދޮރުމަތީގައި ހުންނަ ގޮނޑިބަރީގައި ގަޑިއަކު އެއްފަހަރުހެން އިންނަން ޖެހެއެވެ. ތަފާތު އެކި މައްސަލަތަކުގައެވެ. ދެވޭ މަސައްކަތްތައް ނުނިންމާތީއެވެ. ފޮތް ނުލާ ކުލާހަށް އަންނާތީއެވެ. ކުލާހުގެ ގަވައިދުތަކާ ޚިލާފުވާތީއެވެ. މިއީ ހައްތަހާވެސް އަހަރެން ކުރާ ކަންތައްތަކެވެ. މިކަމާ އަހަންނެއް ވެސް ދެކޮޅެއް ނަހަދަމެވެ! މިކަންތަކުން ދެރަވުމުގެ ބަދަލުގައި އަހަންނަށް ވަނީ މަޖަލެވެ! މުޅީ ސްކޫލުގެ އެންމެންގެ ސަމާލުކަން އަހަންނަށް ލިބޭ ކަމީ އަހަރެން ނުހަނު އުފާވާ ކަމެކެވެ!

ގިނަ މުދައްރިސުންނަށް ނޭނގޭނެ ކަމަކީ އަހަރެން އެގޮތަށް ކަންތައްތައް ކުރާ ސަބަބެވެ. އަހަރެންގެ މައްސަލަތަކުގެ ފެށުމެވެ. ގްރޭޑް 7 އާއި ހަމައަށް ރަނގަޅު ނަތީޖާ ހޯދަމުން އައި އަހަރެން ކުއްލިއަކަށް ބަދަލުވި ގޮތެވެ! އަހަންނަކީ ގޯސް މީހެއް ނޫންކަމާއި ގޯސް ކޮށް ދަނީ އަހަރެން ކުރާ ކަންތައްކަން ގަބޫލު ނުކުރާ ކަމެވެ!

ތެދެކެވެ. އަހަންނަކީ ކުލާހުގެ ދާދާ އީމެވެ. މުޅި ކުލާހުގެ ކޮންޓްރޯލް އޮންނަނީ އަހަރެންގެ އަތުގައެވެ. ސަބަބުތައް ބައިވަރެވެ. ހުރިހާވެސް ކަމަކީ އަހަރެންގެ މުއްސަނދިކަމެވެ. ގިނަ ދުވަހު ކުލާހުގެ ހުރިހާ ކުދިންގެ އިންޓަވަލް ޚަރަދު ހަމަޖައްސާދޭނީ އަހަރެންގެ ޖީބުންނެވެ. އަހަރެންގެ އަތުގައި ފަހުގެ ޓެކްނޮލޮޖީގެ ހުރިހާ އާލާތެއް ހަމައެވެ. އެއީ އަހަރެންގެ އަމިއްލަ އެއްޗެއްސަށް ވާތީ ރަޙްމަތްތެރިންނަށް އެތަކެތި ބޭނުންކުރުމުގައި ހުރަހެއް ނޯވެއެވެ. ކުލާހުގެ ގިނަ ކުދިންގެ ބާތްޑޭ ޕާޓީތައް ރާވައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަނީ އަހަރެން އަމިއްލަ އަށެވެ. ކުލާސް ދަތުރު ތަކާއި ކޮފީ ޕާޓީތަކުގެ ބިލަކީ އަހަރެންގެ ޖީބުން ކުރާ ޚަރަދުތަކެވެ. އަހަރެންގެ ރަޙުމަތްތެރިންގެ ކުރިމަތީގައި އަހަރެންގެ އަގު ބޮޑެވެ. ހަގީގަތުގައި ވެސް އަހަންނަކީ ހިތްހެޔޮ އަދި ރަހުމަތްތެރިންނަށް ހެޔޮ މީހަކީމެވެ.

އޭރު އަހަރެން ކިޔަވަމުން އައީ ގްރޭޑް 11 ގައެވެ. ގްރޭޑް 7 ނިންމި އިރު ނަތީޖާ ރަނގަޅުވި ނަމަވެސް ސާނަވީ ގްރޭޑްގައި އަހަރެން ދިޔައީ ފަނު ފުލުންނެވެ. އޯލެވެލް ގައި ވެސް އަހަރެންލިބުނީ ގާތްގަނޑަކަށް ހެން، ޔޫ ސެޓެކެވެ. އޭލެވެލް ގައި ކިޔަވަން އަހަރެން ބޭނުންވީ ކިޔަވާ ހިތަކުންނޫނެވެ. މައިންބަފައިން ބޭނުން ވެގެންނެވެ.

އަަހަރެންގެ މައިންބަފައިންނަކީ މުއްސަނދި ބައެކެވެ. ބައްޕައަކީ ވިޔަފާރިވެރިއެކެވެ. ބައްޕަ އެމަސައްކަތުގައި އަބަދުމެ ބިޒީއެވެ. މަންމަ އަކީ ސިޔާސީ ޕާޓީއެއްގެ އިސް މީހެކެވެ. ސިޔާސީ ވާހަކަ ނުން އެހެން އެއްވެސް ވާހަކައެއް މަންމަގެ ކަންފަތުން އަޑުއަހަން ބޭނުން ނުވާކަހަލައެވެ. އަހަރެން ގްރޭޑް 7 އާއި ހަމައަށް ދަންދެން މަންމަ ކުރަމުން ގެންދިޔައީ އަމިއްލަ މަސައްކަތެވެ. މަންމަގެ އަމިއްލަ ފަހާތަނުގައެވެ. އެހެނަސް ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ މީހުން އެކަމުގެ މަސްތުގައި އާއިލާ ދޫކޮށް މަގުމައްޗަށް ނިކުތް ހިސާބުން މަންމަ ވެސް އަހަރެން ދޫކޮށް އެ މަސްތުގައި ޖެހުނީއެވެ. ގޭތެރޭގައި ވެސް އޮންނަނީ އެ މަޝްވަރާތަކެވެ. ޓީވީ އިން އިތުރު އެއްޗެއް އަޑެއް ނީވެއެވެ. ޕާޓީގެ ވާހަކައެވެ. މުޒާހަރާތަކުގެ މަޝްވަރާތަކެވެ. އެހާ ހިސާބުން އަހަރެން ބާކީވީއެވެ. ސިޔާސީ ކަންތައްތަކަކީ އަހަރެން ފޫހިވާ ކަމަކަށް ވީމައެވެ. ސާނަވީ ގްރޭޑާ ހަމައިން އަހަންނަކީ ވެސް ބޮޑު މީހެއް ކަމަށް މަންމައަށް ގަބޫލު ކުރެވުނީމައެވެ!

އަހަރެންގެ އަތުގައި ފައިސާ މަދެއް ނޫނެވެ. މަންމައާއި ބައްޕަ އަށް ވަގުތު ނުދެވޭތީ އޭގެ ބަދަލު ދެނީ ނޫޓު ތަކުންނެވެ. ބޭނުންކޮންމެ ކަމެއް ކޮށްލައިގެން ރަނގަޅަށް ކިޔެވުމަށެވެ. ގްރޭޑް އަށެކުން ފެށިގެން އަހަރެންގެ ކިޔެވުމަށް މަންމަ ކުރާހާ ވެސް ކަމަކީ ރަށުން ނަންހިނގާ މޮޅު މުދައްރިސުންނަށް ފައިސާ ދީފައި އަހަންނަށް ޓިއުޝަން ދޭން ފޮނުވުމެވެ. ނަމަވެސް މަންމަ އަށް ނުވިސްނުވީ ޓިއުޝަން ޓީޗަރު ކިތަންމެ މޮޅަސް އަހަރެން ކިޔަވަން ބޭނުން ނުވާ އެއްޗެއް ނުކިޔެވޭނެކަމެވެ! ސްކޫލުގައި ވެސް ކިޔަވައިދެނީ މޮޅު ޓީޗަރުންނެވެ. ކިޔަވަން ބޭނުންނަމަ ކުލާހުގައި ވެސް ކިޔަވަން ވީތާއެވެ!

އަހަރެން ބޭނުންވީ މައިންބަފައިންގެ ލޯތްބެވެ. ކުރިން ވެސް ލިބުނު ސަމާލުކަމާއި އަޅާލުމެވެ. އުމުރުގެ ވަކި ހިސާބަކުން އެކަންތަކުން މަހުރޫމް ވުމުން އަހަރެން އެ ސަމާލުކަން ހޯދަން ފެށީ ތަފާތު ގޮތަކަށެވެ. ސްކޫލުގެ މާހައުލުންނެވެ. އެގޮތަށް އުޅެން ފެށުމުން އަހަންނަށް ހިތްހަމަޖެހުން ލިބޭތީއެވެ!

ގްރޭޑް 11 ގެ ދެވަނަ ސެމިސްޓާގައި އަހަރެމެންގެ އިސްލާމް މުދައްރިސް ބަދަލުވިއެވެ. ރާއްޖެތެރޭގެ ރަށެއްގެ މީހެކެވެ. އިސްކޮޅުން ކުރުވެފައި ހިމަތޮޅިއެވެ. މޫނުމަތިން ހިތްހެޔޮ ވައްތަރު ޖަހާ ޒުވާން މުދައްރިސެކެވެ.

މުދައްރިސް އަހަރެމެން ކުލާހަށް އަންނަންވާއިރަށް އަހަރެމެން ތިބީ ތައްޔާރަށެވެ. މިއީ އަދި ބޭނުންހާ ގޮތަކަށް ކުޅެލެވޭނެ ކުލާހެއް ނޫންކަން އަންގައިދޭށެވެ. އަދި ކޮންމެ ކޮންމެ މުދައްރިސަކަށް އަހަރެމެން ކުލާހުގައި ހިފަހައްޓައި ނުލެވޭނެކަން އަންގައި ދޭން އަހަރެމެން ތިބީ ރެޑީގައެވެ.

ހިތް ހެޔޮ ހިނިތުންވުމަކާއެކު އިސްލާމް މުދައްރިސް ، ހަމީދު ސަރ ކުލާހަށް ވަނެވެ. ކުލާހުގެ ކުރިމަތީގައި ހުރެގެން ހުރިހާ ކުދިންނަށް ބަލާލަމުން ސަލާމް ގޮވާލިއެވެ. އަހަރެމެން އަޅައެއް ނުލަމެވެ. އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރުމުގައި ތިބީއެވެ. ގޮތް ދައްކާލައިގެންނެވެ. ދެވަނަ ފަހަރު މުދައްރިސްގެ އަޑު ކުޑަކޮށް ބާރެވެ. އަނެއްކާވެސް ސަލާމް ގޮވާލިއަޑެވެ. ކުއްލިއަކަށް އަހަންނަށް ބާރަށް ހީގަނެވުނެވެ. އަހަންނާއެކު އެހެން ދެތިން ކުއްޖަކުވެސް ހޭން ފެށިއެވެ. އެފަދަ ވަގުތުތަކުގައި މުދައްރިސުންނަށް ވާގޮތް އަހަރެމެންނަށް ފެނެއެވެ. ނަމަވެސް ހަމީދު ސަރ ގެ މޫނު މަތިން ތަފާތު ގޮތެއް ނުފެނުނެވެ. އަހަރެމެން ހައިރާންވީ އަހަރެމެންގެ ހުނުމުގައި ހަމީދުސަރ ވެސް ބައިވެރިވީމައެވެ. ކުޑައިރުކޮޅެއް ވަންދެން މުޅި ކުލާހުގެ އެންމެން ހީނ މަޖާކުރީއެވެ. ހަމީދު ސަރ ވެސް އަހަރެމެންނާ ބައިވެރިވީއެވެ. އެންމެފަހުން ހުއްޓާލަން ޖެހުނީ އަހަރެމެންނަށެވެ.

“އަސްލު ބުނަންތަ. މިކުލާސް ވަރަށް މަޖާ. ހުރިހާ ކުދިންވެސް ވަރަށް ހިތްހެޔޮ. ވަރަށް އުފާވެއްޖެ ތިޔަ ކަހަލަ ކުދިންނާ ދިމާވީތީ. ސަރ މިއީ މިރަށަށް އަދި ބީރައްޓެއްސެއް. ބަލަމާ ހިނގާ ތިޔައީ ސަރގެ މިރަށުގެ އެކުވެރިންކަމަށް” ސާބިތު ކަމާއެކު ހަމީދު ސަރ އެހެން ބުނުމުން އަހަރެމެން ވަކި އިތުރު އެއްޗެއް ނުބުނަމެވެ.

ޖެހިގެން އައި ދުވަސްތަކުގައި ވެސް އެ މުދައްރިސްގެ ގަޑީގައި އެހެންގަޑިތަކުގައި ކުރާ ކަންތައްތައް ކޮށް މުދައްރިސަށް އުނދަގޫ ކުރެވޭތޯ ބެލީމެވެ. ނަމަވެސް މިފަހަރު ނާކާމިޔާބުވީ އަހަރެމެންނެވެ. ހަމީދު ސަރ އަކާ ކުޅެވޭ ގޮތެއް ނުވިއެވެ. އެއަށް ވުރެ ސަރ ގެ ވިސްނުން ފުޅަލެވެ. ބުއްދިވެރިމެއެވެ. މުދައްރިސުންގެ ކޯހުގައި ކިޔެވި ތަކެތީގެ ބޭނުން ރަނގަޅަށް ހިފާކަން އެނގުނެވެ.

ހަމީދު ސަރ ބެލީ އަހަރެމެން އެންމެ ކުރަން ބޭނުންވާ ކަންތައްތަކުގައި ބައިވެރިވުމަށެވެ. ހަވީރު ގަޑީގައި ފުޓުބޯޅަ ކުޅުމާއި މަސްދަތުރުތަކުގައި އަހަރެމެންނާއި ބައިވެރިވީ ރަހުމަތްތެރިއެއް ފަދައިންނެވެ. ބައެއް ވަގުތުތަކުގައި ކޮފީއަކަށް ދާން ވިޔަސް ސަރ އަހަންނަށް ގުޅައެވެ. ކޮފީގައި ތިބޭ ވަގުތު ކިޔެވުމުގެ ވާހަކަ އެއްގޮތަކަށް ވެސް ސަރ ނުދައްކާތީ ސަރ އާއި އެކީގައި ކޮފީއަށް ދާހިތް އަހަރެންވާން ފެށިއެވެ. އެންމެ ފަހުން ގޮސް އަހަރެމެން ކުރާ ގިނަ ކަންތައް ތަކުގައި ސަރ ބައިވެރިކުރަން ފެށީމެވެ.

ހަމީދު ސަރ އަހަރެމެންގެ އިތުބާރު ހޯދީ އެފަދައިންނެވެ. އެހާ ހިސާބުން ކުލާހުގެ ގަވައިދުތައް އަހަރެމެން ލައްވާ ހެއްދުވިއެވެ. ލީޑަރަކަށް ލީ އަހަންނެވެ. އަހަރެމެން ވަރަށް ފޯރީގައި އެމަސައްކަތް ކުރީމެވެ. ސަރ ބޭނުންވީ އެ ގަވާއިދުތައް ކުލާސް ހުރިހާ ކުދިން ތަންފީޒުކުރޭތޯ ބަލަން އަހަރެން ހުރުމަށެވެ. އަމިއްލަ އަތުން ހަދާފައިވާ ގަވާއިދު ތަކަށް އެންމެ ފަހުން އަމިއްލަ އަށް ބޯލަނބަން ޖެހުނީއެވެ. އަދި އެވެސް ނިމުނީއެއް ނޫނެވެ. ހުރިހާ މާއްދާތަކަކުން ކުރީ ޓާމަށް ވުރެ ކުލާހުގެ ގިނަ ކުދިންގެ ނަތީޖާ ރަނގަޅު ނަމަ ފުރިހަމަ މަސްދަތުރެއް ރާވާނެ ކަމަށް ސަރ ބުނުމުން އެންމެން ހޭވައްލާ ތައްޔާރު ކިޔަމުން އެކަމަށް މަސައްކަތް ފެށިއެވެ. އެކަކު އަނެކަކަށް އެހީތެރިވެ ދީގެން ފިލާވަޅުތައް ނިންމައި ގުރޫޕް ސްޑަޓީހަދައިގެން ކިޔެވުމުގެ ފޯރި ހިފާލީމެވެ. ޓާމު ނިމިގެން އޮންނާނެ ފުރިހަމަ މަޖާ މަސްދަތުރާ މެދު ވިސްނަމުންނެވެ.

އެޓާމު ނިމިގެން ނަތީޖާ އަތަށް އެރި ދުވަހު ޚުދު އަހަރެންވެސް ހައިރާން ވިއެވެ. ހުރިހާ މާއްދާއަކުން ފާސްވެފައި ވުމުންނެވެ. އަހަރެންގެ ނަތީޖާ ފެނިފައި އަހަރެންގެ ޓިއުޝަން ޓީޗަރުންނަށް މަންމަ ހަދިޔާ ބެހިއެވެ. އަހަރެމެން ކުލާހުގެ ހުރިހާ މުދައްރިސުންނަށް ޕްރިންސިޕަލް ތައުރީފް ކުރިއެވެ. އެހެނަސް މިހުރިހާ ތައުރީފެއް ހައްގުވަނީ ހަމީދު ސަރ އަށްކަން އެނގެނީ އަހަރެމެން ދަރިވަރުންނަށެވެ. ނަތީޖާ ހިފައިގެން އެންމެ ފުރަތަމަ ވެސް އަހަރެމެން ބައްދަލުކުރަން ބޭނުންވީ ހަމީދު ސަރ އާއެވެ. ފުރިހަމަ ކޮފީއަށް ގޮސް ތިބެ މަސްދަތުރު ރާވާލަން ބޭނުންވިއެވެ.

އަހަރެމެން މާޔޫސްވީ ކުއްލިއަކަށް ލިބުނު ޚަބަރަކުންނެވެ. ލޯބިވާ މުދައްރިސް ބަލި އެނދުގައި އެޑްމިޓްކޮށްފައި އޮތް ޚަބަރުންނެވެ. ވަގުތުން އަހަރެމެން ހޮސްޕިޓަލަށް ދިޔައީމެވެ. އަހަރެންގެ އާއިލާގެ މީހަކު ބަލިވިޔަސް އެހާ ދެރައެއް އަހަރެން ނުވާނެއޭ ހިތަށް އެރިއެވެ. އަހަރެމެން ހޮސްޕިޓަލަށް ދިޔައީ ސަރ އަށް ދޭން ތަފާތު ގިނަ ހަދިޔާ ހިފައިގެންނެވެ.

އެނދުމަތީގައި އޮތް މުދައްރިސްގެ މޫނު މަތިން ފެނިގެން ދިޔައީ ވޭނުގެ އަސަރެވެ. އެހެނަސް އަހަރެމެން ފެނުމުން މުދައްރިސް ހިނިތުން ވެލިއެވެ. ގާތަށް ގެނެސް ނަތީޖާ އާ މެދު އުފާވާ ކަމަށާއި އަހަރެމެންނަށްޓަކައި ފަޚުރުވެރިވާ ކަމަށް ބުންޏެވެ. އަދި ބަލިން ގަދަވިހާ އަވަހަކަށް މަސްދަތުރު ދާނެ ކަމަށާއި މުދައްރިސަށް އަވަސް ޝިފާއެއް ލިބުން އެދި ދުއާކުރުމަށް އެދުނެވެ. އެއީ ވަރަށް ވެސް ހިތްދަތިވި ވިަގުތުކޮޅެކެވެ. މިފަދަ ވަގުތެއްގައި މުދައްރިސް އެގޮތަށް ބަލިވާކަށް އަހަރެމެން އެއްވެސް ކުއްޖަކު ބޭނުމެއް ނޫނެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނޯންނާނެތާއެވެ!

އަހަރެން އަމިއްލައަށް ގޮސް ވަކިން ޑޮކްޓަރާ ބައްދަލު ކުރީމެވެ. މުދައްރިސްގެ ބައްޔަކީ ކޮބައި ކަމާއި އަދި ކުރަންޖެހޭ ކޮންމެ ޚަރަދެއް ކުރުމަށް އަހަރެން ތައްޔާރުކަމަށް ބުނީމެވެ. ޑޮކްޓަރު އަހަރެން ގޮވައިގެން ގޮސް ޑޮކްޓަރުގެ ކޮޓަރީގައި ބޭންދުމަށް ފަހު މުދައްރިސްގެ ހާލު ވަރަށް ރަނގަޅަށް ކިޔައި ދިނެވެ. ޑޮކްޓަރުގެ ވާހަކަ އަޑުއަހަމުން ދިޔައިރު އަހަރެންގެ ދެ ލޮލުން ކަރުނަ އޮހޮރެމުން ހިތް ކުދިކުދިވަމުން ދިޔައެވެ!

“ޑޮކްޓަރ…އަހަރެން ބޭނުން މުދައްރިސަށް އެހީވާން. އަހަރެން މުދައްރިސަށް އަހަރެންގެ އެއް ކިޑްނީ ހަދިޔާ ކުރާނަން. އެއީ އަހަރެން ވަރަށް ލޯބިވާ މުދައްރިސެއް. މުދައްރިސްގެ އޮޕަރޭޝަން ހަމަ މިހާރު ފަށަން ތައްޔާރުވޭ. ކިޑްނީ ދޭނީ އަހަރެން. އަހަރެންގެ ލޯބިވާ މުދައްރިސް ސަލާމަތް ކޮށްދީ” ޑޮކްޓަރުގެ ދެއަތުގައި ހިފައި އާދޭސް ކުރަމުން އަހަރެން ބުނީމެވެ.

އަހަރެންގެ ވާހަކަތައް ޑޮކްޓަރު ގަބޫލު ކުރިއެވެ. އަދި 2 ކިޑްނީ ފެއިލްވެ މަރުގެ ތުންފަތް މަތީގައި އޮތް ހަމީދު ސަރ ގެ އޮޕަރޭޝަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ވީހާ އަވަހަކަށް ހަމަ ޖައްސައިދޭނެ ކަމަށް ބުނެ ވައުދުވިއެވެ.

އޭގެ ދެތިން މަސް ފަހެވެ. އެއީ އަހަރެމެންނަށް ވަރަށް ވެސް އުފާވެރި ދުވަހެކެވެ. އެއަހަރުގެ މުދައްރިސުންގެ ދުވަހުގައި އަހަރެން ކުރި އެންމެ ޚާއްޞަކަމަކީ ހަމީދު ސަރ އާއި އެކީގައި ކުރިން ވެސް ރޭވި ގޮތަށް މަސްދަތުރު ދިއުމެވެ. ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މުދައްރިސް ފެންނަނީ އިހުނަށް ވުރެންވެސް ތާޒާކޮށެވެ. 2 ކިޑްނީ ފެއިލްވެ ދިރިހުރުމުގެ އުއްމީދު ގެއްލިފައިވަނިކޮށް ކޮންމެވެސް ހެޔޮ އެދޭފަރާތަކުން ހަމީދު ސަރ އަށް ކިޑްނީއެއް ޑޮނޭޓް ކުރި ކަމަށް އެންމެންވެސް ބުނެއެވެ. އެފަރާތަކަށް އަބަދުވެސް ހެޔޮ ދުއާ ކުރާކަމަށާއި އެއީ ވަރަށް ދީލަތި މީހެއް ކަމަށް ސަރ ބުނާ އަޑު އިވުމުން އަހަރެން ވަރަށް އުފާވެއެވެ. ދިރިއުޅުމުގައި ދާންވާ ރާސްތާ ނޭނގި މަގު ގެއްލިފައިވަނިކޮށް އަލުން އަހަންނަށް އަލި ރާސްތާއެއް ކޮށައިދިން ލޯބިވާ މުދައްރިސަށް ދެވުނު ހަދިޔާ އަދިވެސް ކުޑަކަމަށް އަހަރެން ގަބޫލު ކުރަމެވެ. އެހެނަސް އެކަން މުދައްރިސަށް އަންގަން އަހަރެން ބޭނުމެއް ނުވެއެވެ! އެއީ ދަރިވަރަކު ލޯބިން މުދައްރިސަށް ކުރި ހަދިޔާއެކެވެ!

4 ކޮމެންޓް
Aminath muxna
އޮކްޓޯބަރު 14, 2019
??????
Ahmed
އޮކްޓޯބަރު 5, 2019
?
Imo
އޮކްޓޯބަރު 4, 2019
?
Zeen
އޮކްޓޯބަރު 4, 2019
Salhi