English Edition
Dhivehi Edition

ޤައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާނުންނަށް ވީ ފަދައިން އެ ޤައުމެއްގެ އެންމެ އަގުބޮޑު ޚަޒާނާއަކީ އެ ޤައުމެއްގައި ދިރިއުޅުއްވާ ދޮށީ ޢުމުރުގެ މީހުންކަން ޔަގީނެވެ. ދޮށީ ޢުމުރުގެ މީހުންނަކީ އެންމެންގެވެސް ގަދަރާއި ލޯބި ލިބެންޖެހޭ މީހުންކަމާއި މެދު ދެ ބަސްވެވޭކަށް ނެތެވެ. އެމީހުންނަށް އެހާ ބޮޑު ގަދަރެއް ދޭންޖެހޭ އެންމެ ބޮޑު އެއްސަބަބީ އެމީހުންގެ ހަޔާތުގައި ލިބިވައިވާ ތަޖުރިބާއެވެ. ގައުމު ބިނާކޮށް ކުރިއަށް ގެންދިއުމުގައި އެމީހުންގެ ހިއްސާ މިއަދުވެސް ނުލާހިކު ބޮޑު ކަން ޔަގީނެވެ.

ބައިނަލްއަޤްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު އެ ފަރާތްތަކުގެ ހީވާގިކަމާއި، ހިތްވަރާއި މިންނަތަށް ހަމަ ސާބަސް ހައްގުވެއެވެ.

ސ.މީދޫ ގަނޑޮވަރި އަހައްމާއްދީގެ ހަސަންދީދީ ގެ އަހައްމަދު ދީދީ އާއި ހައްވާ ރަނިޔަގެ އައިސާފުޅުގެ  ތިންވަނަ އަންހެން ދަރިފުޅު އާމިނަތު ސޫދާ ރަށު މީހުންގެ ބަހުން ނަމަ ސޫދައްތާ އަކީ މިފަދަ ޙިވާގި މުރާލި ހިތްވަރުގަދަ އަންހެނެކެވެ. ސޫދައްތާގެ މަންމަ އައިސާފުޅުއަކީ މޮޅު ފޫޅުމައަކަށްވީ ހިދު މުޅި އާއިލާގައިވެސް ތިބީ ފޫޅުމައިންނާއި، ދިވެހިބޭސްވެރިންނެވެ. ސޫދައްތާގެ މަންމަ އައިސާފުޅު އަކީ މާލޭގެ މަޝްހޫރު ފޫޅުމައެކެވެ. ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދަރިކަނލުން އަހްމަދު ނާސިރު އާއި މާލޭގެ މަޝްހޫރު ތުއްތުދޮން ސިއްތީގެ ކުދިންނާއި ކުރީގެ ރައީސް އަމީން ދީދީގެ ކުދިން ވިއްސުމުގައި އެންމެ ކުރީގައި ހަރަކާތްތެރިވި އެކަކީ ހައްވާރަނިޔަގެ އައިސާފުޅުއެވެ.

މަންމަގެ ކިބައިން ކުދިންނަށް ބޭސްވެރިކަން ވާރުތަވެގެންދިޔައިރު ސޫދައްތާގެ އުމުރުން 25 އަހަރުން ފެށިގެން ދިވެހި ބޭސް ވެރިކަންކުރުމާއި މީހުން ވިއްސުމުގައި ވަނީ ހަރަކާތްތެރިވާން ފަށައިފިއެވެ. “އެއްވެސް މީހަކު ދިވެހި ބޭސް ހަދަން ދަސްކޮށެށް ނުދޭ. އޭރު މަންމަ ކުރާތަން ބަލައިގެން ދަސްވީ. ދެން ފަހުން މަންމަ ބަލިވެ އެ މަސައްކަތް ހުއްޓާލީމަ ކުރަން ފެށީ.” ފޫޅުމައިންގެ އެހީތެރިއެއްގެ ގޮތުގައި 20 އަހަރު ހިދުމަތްކޮށްދީފައިވާ ސޫދައްތާ ބުންޏެވެ. “ކޮއްކޯ ޒަރީނާވެސް ފޫޅުމައިކަން ކުރުމާއި ދިވެހިބޭސް ހެދުން ފަދަ މަސައްކަތްކުރިއަށް ގެންދާނެ.މި މަސައްކަތް ނޭގޭ މީހަކު މުޅި އާއިލާގައިވެސް އޭރު މަދުވާނެ “ސޫދައްތާ ބުންޏެވެ،

ބޭސްވެރިކަމުގެ ރޮނގުން ރާއްޖެ އަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނެތް ޒަމާނުގައިވެސް ކުދިން ވިހައިގެން ދޭ ހިލާބޭސް ހެދުމާއި ބޮނޑިތާން ދެމުމުގައި ސޫދައްތައަކީ އަރާހުރި މޭސްތިރިއެވެ. އޭރު މީދޫގައި ކުއްޖަކު ވިހައިފިނަމަ ސޫދައްތަގެ ބޭސް ނުލިބޭ މީހަކުނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މީގެ އިތުރުން މުޅި އަތޮޅުގައިވެސް ސޫދައްތަގެ ދިވެހި ބޭހާއި ތެލަކީ މަޝްހޫރު އެއްޗެކެވެ.”ކުޅިވަރުކުޅެން އުޅޭ ޒުވާނުންގެ ތެރޭގައިވެސް މަދުވާނެ އަހަރެން ކައިރިއަށް ފަރުވާ ހޯދަން ނާންނަ މީހަކު. ކުޅިވަރު ކުޅެގެން ލިބޭ ގެއްލުންތަކަށް ފަރުވާ ހޯދަން އަތޮޅުގެ އެހެން ރަށްރަށުންވެސް މީހުން އާދޭ.”ސޫދައްތާ ބުންޏެވެ. ސޫދައްތާއަކީ އެ ޒަމާނުގައި ޖެހުނު ކޮންމެ މަސައްކަތެއް ހިތްވަރާއި އެކު ކެރިގެން ކުރި ހީވާގި ކަނބަލެކެވެ. ކުދިން ދުނިޔެއަށް އުފަންވާ ވަގުތުން ފެށިގެން މަރުވުމަށްފަހު ކުރަންޖެހޭ ކަށުކަމާ ކެމީގެ ކަންތައްތަކަށް ދާންދޭން ސޫދައްތާވަނީ ފިސާރި ރަގަޅަށް ކޮށްފައެވެ.ސޫދައްތާ ދުވަހަކުވެސް ބޭސްފަރުވާ ކޮށްދިނުމަށްފަހު އަމިއްލަ އަށް އަގުކިޔާފައިނުވާއިރު އެކަން ކުރާ މީހުންދޭ އުޖޫރައާއި މެދު ޝަކުވާއެއްކޮށްފައެއް ނުވެއެވެ.މިހާރު އުމުރުން 86 އަހަރުވެފައިވާ ސޫދައްތާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާރު މި ފަދަ މަސައްކަތް ދަސްކުރަން ބޭނުންވާ އަދި ކުރަން އެގޭ މީހުން ނެތުމެވެ.

ސޫދައްތާގެ ޅައުމުރުގައި ކައިވެންޏެއްކޮށް 5 ކުދިން ލިބުނުއިރު މިހާރު ދުނިޔޭގައި ތިބީ ތިން ކުދިންނެވެ. އުމުރުގެ ޒުވާން ދުވަސްވަރު ފިރިމީހާ މަރުވެފައިވީ ނަމަވެސް ސޫދައްތާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ދިރިއުޅުމަށްޓަކައި ބުރަ މަސައްކަތްކޮށް އަބުރުވެރި ދިރިއުޅުމެއް އުޅެމުން އަންނަ ސޫދައްތާއަށް މިހާރުވެސް ކަމެއް ކޮށްނުލާ ހުރުމަކީ އުދަގޫ ކަމެކެވެ. “އަބަދުވެސް ހުންނާނީ ކޮންމެވެސް ކަމެއް ކޮށްލަ ކޮށްލާ. އެކަމަކު މިހާރު ކުރިން ކުރާ ގޮތަކަށް މަސައްކަތެއް ނުކުރެވޭ ބަލިކަމުން. އެކަމަކު މިހާރުވެސް ކުޑަކޮށް ތެޔޮ ދެމުން ކަހަލަ ކަންތައް ކުރާނެ”ސޫދައްތާގެ ކުއްޖަކު ބުންޏެވެ.

ހަމަ ޔަގީނުންވެސް ސޫދައްތާއަކީ ހިތްވަރާއި ހީވަގިކަމުގެ ނަމޫނާ އެކެވެ. ‘އޭއޯ ނިއުސް’އިން އެދެނީ ސޫދައްތާއަށް ދިގު އުމުރެއް މިންވަރު ކުރެއްވުމެވެ. އާމީން

1 ކޮމެންޓް
Waleed
އޮކްޓޯބަރު 2, 2019
Soodhaaththage umurugai barakaah lavvaash