English Edition
Dhivehi Edition

ރާއްޖެއަށް ހަނގުރާމަވެރިންނާއި އެކު އަރައި ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށްލި ލޭއޮހޮރުވުމުގައި އިސްކޮށް ހުރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީގެ މައްސަލަ ތަޙުޤީޤުކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ލުތުފީގެ މައްސަލަ ތަޙުޤީޤުކޮށް ނިންމައި، އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ބޭރަށް ފޮނުވުމުން ފިލާފައެވެ. އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ ބޭސްފަރުވާއަށް ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އޭނާ އޭރު އިންޑިއާ އަށް ފޮނުވީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން ދިޔައީ ލަންކާގައެވެ. މިދިޔަ މެއި 1 ގައި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް ލުތުފީ ސަރުކާރާއި ހަވާލުވީ، އޭޕްރީލް 21 ގައި ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޤަވައިދާއި ޚިލާފަށް އުޅޭ މީހުން ހޯދަން ފެށުމުންނެވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާއާއި ގުޅިގެން އެންމެ ފުރަތަމަ ލުތުފީގެ މައްޗަށް ކުރީ މަރުގެ ޙުކުމެވެ. ނަމަވެސް ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވަނީ އަދަބު ލުއިކޮށްދެއްވައި، އެ ޙުކުމް 25 އަހަރުގެ ޖަލު ޙުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ. ލުތުފީގެ މައްޗަށް ކުރި އެ ޙުކުމް ތަންފީޒުކޮށް ނިމެން އަދި ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު އެބައޮތެވެ.