ފަލަސްތީންގެ ރައީސްގެ ޚާއްސަ މަންދޫބަކު ރާއްޖެ ވަޑައިގެންފި
3 ހަފްތާ ކުރިން
އައިޝަތު ފަތުޙީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ މަންދޫބެއް ކަމުގައިވާ ޑރ. މަހްމޫދު އަލްހަބަޝް ރާއްޖެ ވަޑައިގެންފި އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ، އަބްދުލްގަފޫރު މުހައްމަދެވެ.

ރައީސް އޮފީހުން ބުނާގޮތުގައި ފަލަސްތީނުގެ މަންދޫބަކު ރާއްޖެ ވަޑައިގެންފައިވަނީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ޚައްސަ ސިޓީފުޅެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެރުވުމަށެވެ. ނަމަވެސް ޑރ. މަހްމޫދުގެ މި ދަތުރުފުޅާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Advt

Advertisement

މިދިޔަ މަހު އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އދގެ 74ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ މެދުއިރުމަތީ ޤައުމްތަކުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރައްވައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން، އިސްރާއީލާއި ޢަރަބި ޤައުމްތަކާ ދެމެދު މަޝްވަރާކޮށް، މި ހަމަނުޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ އދގެ މެމްބަރުންނަށްވެސް ގޮވާލައްވައިފަ އެވެ.