English Edition
Dhivehi Edition

މާލޭގެ ޓީޖެޓީ ސަރަހައްދުގައި އިއްޔެ ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ފިހިގެން ފަރުވާ ދެމުންދާ ހަތް މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރ ވިދާޅުވީ ޓީޖެޓީ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އެ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 7 ބިދޭސީން ކަމަށެވެ. އޭގެތެރެއިން އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާއަށް އެތަނުގައި ފަރުވާދެމުން އަންނަނީ ވޯޑަށް ބަދަލުކުރުމަށްވުރެ އައިސީޔޫގައި ބާއްވައިގެން މިވަގުތު ފަރުވާދިނުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ވާތީކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ބޮޑަށް ފިހުނު މީހާގެ ހަށިގަނޑުން 50 ޕަސެންޓު ވަނީ ފިހިފައިވާއިރު ދެން ތިބި ހަމީހުން ގެ ހަށި ގަނޑުން ފިހިފައި ވަނީ 20 ޕަސެންޓާ 30 ޕަސެންޓާ ދެ މެދުގެ މިންވަރަކަށް ކަމަށް ވެސް މީޑިއާ އޮޕިޝަލް ވިދާޅުވި އެވެ.

ޓީޖެޓީ ސަރަޙައްދުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެގެން ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ނުވަ މީހަކަށް އެކިވަރުގެ ހާނީއްކަވެގެން އައިޖީއެމް ހޮސްޕިލުގައި ފަރުވާ ދީފައިވެއެވެ. އޭގެ ތެރެއިން 2 މީހަކަށް ފަރުވާދިނުމަށްފަހު ރޭވަނީ ދޫކޮށްލާފައެވެ.

ޓީޖެޓީ ސަރަހައްދުގައި އިއްޔެ އެންމެ ފުރަތަމަ ރޯވީ އެ ސަރަހައްދުގައި ތެޔޮ އަޅަން އޮތް ލޯންޗެއްގަ އެވެ. ލޯންޗުގައި އަލިފާން ރޯވެ އަނދާ ހުލިވުމާ ގުޅިގެން ލޯންޗްގެ ބޮޑުބައި ވަނީ ޓީޖެޓީގެ ފަޅުތެރެއަށް އަޑިއަށް ގޮސްފަ އެވެ. އަލިފާން ރޯވި ލޯންޗަކީ އއ. އަތޮޅާއި މާލެއާއި ދެމެދު ދަތުރުކުރާ އއ. އުކުޅަހު ލޯންޗެއް ކަމަށް އެނގިފައިވެ އެވެ.