English Edition
Dhivehi Edition

ރީތި އަލި ރީނދޫ ކުލައެއްގައި ހުންނަ ހަވާދުގެ ބާވަތެއް ކަމަށް ވާ ރީނދުލަކީ ސިއްޙަތަށް އެތައް ފައިދާއެއް ކުރާ އެއްޗެކެވެ. މިއީ ސުފްރާ މަތީގެ މީރު ކާނާ ތަކުގައި ކާހިތްވާ ފަދަ ނަލަ ކުލައެއް ޖައްސައިދޭ އެއްޗެއްގެ އިތުރުން ޙަޖަމް ކުރުމާއި ،ސިކުނޑީގެ ބަލިތަކާއި ގޭސްޓްރިކް މައްސަލަތަކާއި ހިތުގެ މައްސަލަފަދަ އެތައް ބައްޔެއްގެ ފަރުވާ އެކުލެވޭ ފައިދާހުރި ބާވަތެކެވެ.

ކަން މިހެން އޮތްކަމުގައި ވިޔަސް ބަނގްލަދޭޝްގައި ހައްދާ ޕްރޮސެސް ކޮށްފައިވާ ރީނދުލުގައި ނުރައްކާތެރި ވިހަ މާއްދާއެއް ކަމަށް ވާ ތިމަރަ ނުވަތަ “މެޓަލްލެޑް” އާދައިގެ މިނަށްވުރެ 500 ދަރަޖަ މަތީގައި ހުންނަ ކަން ދާދިފަހުން ކުރި ދިރާސާ އަކުން ވަނީ ދައްކާފައެވެ. އެޤައުމުގައި ރީނދޫ ހައްދާ 9 ކާރުޚާނާގެ ތެރެއިން 7 ކާރުޚާނާއިން ޕްރޮސެސް ކުރާ ރީނދުލުގައި ވަނީ ނުރައްކާތެރި “ލެޑްކްރޮމޭޓް” މާއްދާ ހިމަނާފައެވެ. މިއީ ރީނދުލުގެ ކުލަ ގަދަކޮށް ތާޒާކޮށް ބެހެއްޓުމަށްޓަކައި އެއަށް އެއްކޮށްލާ މާއްދާއެކެވެ.

ލެޑްކޮރޮމޭޓް އަކީ ވިހަގަދަ މާއްދާއެކެވެ. ހަށިގަނޑުގެ ސެލްތައް ނެތިކޮށްލާ މިމާއްދާ ،ބަނގްލަދޭޝްގެ ރައްޔިތުންގެ ހަށިގަނޑުގައި މަތީ ދަރަޖައަކަށް ހުންނަ ހުރުމަކީ ވެސް ރީނދޫ ގިނަ ޢަދަދަކަށް ކެއުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއްކަމަށް އެދިރާސާއިން ދައްކައެވެ.

ބަންގްލަދޭޝްއަކީ ދުނިޔޭގެ ގިނަ ޤައުމުތަކަށް ރީނދޫ ސަޕްލައިކޮށް އެކްސްޕޯޓް ކުރާ ޤައުމެކެވެ. 1980 ގެ އަހަރުތަކުގެ ތެރޭ އެޤައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާދިސާގައި ރީނދޫ ދަނޑުބިންތަކުގައި ފެންބޮޑުވެ ކުލަ ފޭދުމުގެ ސަބަބުން ފަރުނީޗަރުތަކާއި ކުޅޭތަކެތީގައި ވެސް ކުލަ ޖެއްސުމަށް ބޭނުންކުރާ “ލެޑްކްރޮމޭޓް” ވަނީ ބޭނުން ކުރަންފަށާފައެވެ. މިކަން ވެގެންދިޔައީ ފެންވަރުދަށް،ކުލަފަނޑު ރީނދޫވެސް ބޮޑު އަގުގައި ވިއްކާލެވޭ ކަމަކަށް ވުމުން އެންމެންވެސް ވަނީ މިމާއްދާ ބޭނުން ކުރަން ފަށާފައެވެ. ރާއްޖެއަކީވެސް ބަނގްލަދޭޝްއިން ރީނދޫ އެތެރެ ކުރާ ޤައުމެކެވެ. ނޭނގިނަމަވެސް މީރު ދޮންރިހައާއެކު ހަށިގަނޑަށް ފޮނުވާލެވޭ ތިމަރަތަކުން ނުރައްކާ ކުރާނެމިންވަރު ވަޒަން ކޮށްލައްވާށެވެ.