English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ އަދި ހުޅުދޫ އަވަށުގައި އިމާރާތް ކޮށްފައިވާ ފްލެޓް ތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އައްޑޫސިޓީ ކައުންސިލުން ޢާއްމުކޮށްފިއެވެ.

މިރޭ ޢާއްމު ކުރެވުނު ލިސްޓްގައިވަނީ ، އައްޑޫސިޓީ ހިތަދޫ އަވަށުގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ،ކެޓަގަރީ އޭ،ބީ،ސީ އަށް ޝަރުޠު ހަމަވާ ފަރާތް ތަކާއި ،ހުޅުދޫ އަވަށުގައި އިމާރާތް ކޮށްފައިވާ ފްލެޓް ތަކުގެ ކެޓަގަރީ، އޭ، އަދި ސީ، ކެޓަގަރީ ތަކަށް ހޮވުނުފަރާތް ތަކެވެ.

މީގެ ތެރޭގައި ހުޅުދޫ އަވަށުގައި ޢިމާރާތް ކުރެވުނު 48 ފްލެޓާއި ހިތަދޫ އަވަށުގައި ޢިމާރާތް ކުރެވިފައިވާ 264 ފްލެޓް ހިމެނެއެވެ.ހިތަދޫ އަވަށުގައި ޢިމާރާތް ކުރެވުނު 264 ފްލެޓް ވަނީ ހަތަރު އަވަށެއްގެ ރައްޔިތުންނަށް ޚާއްޞަ ކުރެވިފައެވެ. އެއީ، ފޭދޫ އަވަށުގެ ރައްޔިތުންނަށް ޚާއްޞަ ކުރެވުނު 50 ފްލެޓް (ސީ ކެޓަގަރީ)، މަރަދޫ ފޭދޫ އަދި މަރަދޫ ރައްޔިތުންނަށް ޚާއްޞަ ކުރެވުނު 30 ފްލެޓް (ބީ ކެޓަގަރީ) އަދި ހިތަދޫ ރައްޔިތުންނަށް ޚާއްޞަކުރެވުނު 150 ފެލްޓް (އޭ ކެޓަގަރީ) އެވެ.

http://adducity.gov.mv

ކައުންސިލުން ނެރުނު އިޢުލާންގައިވާ ގޮތުން މިލިސްޓް ތައް ސަރުކާރުގެ ގެޒެޓާއި، ކައުންސިލްގެ ވެބްސައިޓް އަދި އަވަށު އޮފީސްތަކުން ފެންނަން ހުންނާނެ އެވެ.

އަދި މީގެ އިތުރަށް ފްލެޓް ލިބޭ ފަރާތްތަކާއިއެކު އެގްރިމެންޓް ހެދުމުގެ ކުރިން ، އެކަޓަގަރީއެއްގެ ދަށުން ޢާއްމު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުގައިވާ ގޮތުގެ މަތިން،ގޯތި ގެދޮރާއި ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކް ކުރެވޭނެ ކަމަށާއި، އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ފްލެޓް ހަވާލުކުރެވޭނީ މިކަމާއި ގުޅޭގޮތުން އެކަޓަގަރީއެއްގެ ޝަރުޠު ތަކުގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތަށް ކަމަށް ސިޓީ ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

މިފްލެޓް ތަކަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޢިމާރާތް ކުރަން ފެށުނު ފްލެޓް ތަކެކެވެ.