ޙަގީގީ ވާހަކަ: މަސްތުވާތަކެތި ބޭނުންކުރާ ފިރިމީހާއާއެކު އަންހެނަކު ހޭދަކުރި ބިރުވެރި ދިރިއުޅުން
3 ހަފްތާ ކުރިން
ޝިމްލާ އަހްމަދު

ބައެއް މީހުން ބުނާ އަޑުއިވެއެވެ. މަސްތުވާތަކެތި ބޭނުންކުރާ ފިރިހެނުން އެމީހުންގެ އަނބިންނަށް ވަރަށް ހެޔޮވާނެއެވެ. މަސްތު ހާލުގައި ތިބޭއިރު ކިތަންމެ ހުތުރު އެއްޗެއް ގޮވައި އަނިޔާކޮށް ހެދިކަމުގައި ވީނަމަވެސް ރަނގަޅަށް ހުންނަ ވަގުތުތަކުގައި އެހާ ހެޔޮ ފިރިއަކު ނުހުންނާނެ ކަމަށް އެފަދަ މީހުންގެ އަނބިން ބުނާ އަޑުއިވެއެވެ. އަދި ފިރިމީހާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަން އެނގިހުރެވެސް އޭނާއާއެކު ދިރިއުޅުން ކުރިއަށް ގެންދާން ބޭނުންވާ ސަބަބަކީ އެއީ ކަމަށާއި ދަރިންނަށްޓަކައި ވެސް އަމިއްލަ ނަފުސު ގުރުބާން ކޮށްގެން އުޅެނީ ކަމަށް ބައެއް އަނބިން ބުނެއެވެ. ނަމަވެސް މިއީ އެފަދަ އަންހެނުން އެމީހުންގެ އަމިއްލަ ދިރިއުޅުން އަމިއްލައަށް ނަގާލުން ކަމަށާއި އެފަދަ އަނިޔާ އަންހެނުންނަށް ހައްގު ނޫންކަމަށް ދެކި އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުލާ އަންހެނުންވެސް މަދެއް ނޫނެވެ. މަސްތުހާލުގައި ހުރެގެން ފިރިމީހާގެ ފުށުން ލިބޭ ބިރުވެރި އަނިޔާވެރި ގިނަ ހަމަލާތަކެއް އަންހެނުން ތަހައްމަލު ކުރާ ކަމަށާއި އެއީ ފޮރުވައިގެން ތިބެން ޖެހޭ ކަމެއް ނޫންކަމަށް ދެކި އަމިއްލަ ނަފުސު އެކަމުން ސަލާމަތް ކުރާ އަނބިން ވެސް ގިނައެވެ.

މި ގެނެސްދެނީ އެފަދަ އަނިޔާތަކެއްގެ ޝިކާރައަކަށް ވި އަންހެނަކު އޭނާގެ ހަޔާތް މަސްތުވާތަކެތި ބޭނުންކުރާ ފިރިމީހާގެ ވަކިދަށުން ސަލާމަތްކޮށް ދެވަނަ ފަހަރަށް އާ ޙަޔާތެއް ފަށައިގެން އުފަލުގައި ކުރިއަށް ގެންދިޔަ ވާހަކަ އޭނާ ކިޔައިދިން ގޮތަށެވެ.

Advt

Advertisement

ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މަރީ، (އަސްލު ނަމެއް ނޫން) އޭނާގެ ފުރަތަމަ ކައިވެނިކުރީ ލޯބިންނެވެ. ފިރިމީހާ ނިހާދަކީ ކިޔަވައިގެން ހުރި ރަނގަޅު ވަޒީފާއެއްގައި ފުދޭވަރެއްގެ އާމްދަނީއެއް ލިބިގެން ދިރިއުޅެމުން ގެންދިޔަ އުތުރުގެ ރަށެއްގެ މީހެކެވެ.

މާލޭގައި މަރީގެ އާއިލާ ދިރިއުޅެމުން ދިޔަ ދުވަސްވަރު ނިހާދާއި ދިމާވެ، ލޯބިވެ، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ނިޔަތުގައި ދެމީހުން ވެސް ކައިވެނި ކުރީއެވެ. ފިރިމީހާ އަށް ލިބޭ އާމްދަނީން ފުދިގެން އުޅެވޭތީ މަރީ އިތުރު ވަޒީފާއަކަށް ނުދެއެވެ. މަރީ ބޭނުންވީ ދަރިން ހޯދައި އެދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ގެވެހި އަންބެއްގެ ގޮތުގައި އިންނާށެވެ.

ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އެދެމީހުންނަށް ދަރިއަކު ލިބުނެވެ. ފިރިމީހާ ހެވެވެ. ރިސޯޓުގައި ވަޒީފާ އަދާކުރާ މީހެއް ކަމުން އެ ދެމީހުން ދިމާވަނީ ފިރިމީހާއަށް ލިބޭ ޗުއްޓީތަކުގައި އެކަންޏެވެ. ގިނަ ދުވަސްތަކަކަށް ފަހު ދިމާވާ ކޮންމެ ދުވަސްތަކަކީ ލޯބިން ފުރިގެންވާ ދުވަސްތަކަކަށް އޮންނަނީ ވެފައެވެ. ޝަކުވާއެއް ނެތެވެ. ދިމާވާ ކުދި ކުދި ކަންތައްތަކުގައި ބައެއްފަހަރު ފިރިމީހާ ރުންކުރުކޮށް ވާހަކަ ދެއްކި ނަމަވެސް މަރީ، އެކަން މާ ބޮޑުކަމަކަށް ނަހަދައެވެ. ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން ހައްލު ވޭތޯ ބަލަނީއެވެ.

ކައިވެންޏަށް 5 އަހަރުވީ އިރު އެމީހުންނަށް 2 ދަރިން ވަނީ ލިބިފައެވެ. އެހެންކަމުން އަމިއްލަ ރަށުގައި މަރީއަށް ލިބިފައިވާ ގޯއްޗެއްގައި ގެ އަޅައިގެން މަރީ އާއި ކުދިން ރަށަށް ބަދަލުވީއެވެ. އާއިލާ ބޮޑުވީވީހެން މާލޭގައި ދިރިއުޅުން ވެސް އުނދަގޫވާތީއެވެ.

“އަހަންނަށް ކުރީގައި އެއްގޮތަކަށް ވެސް ޝައްކެއް ވެސް ނުކުރެވޭ ނިހާދަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަކަށް. އެއީ ކިޔަވައިގެން ހުރި އަދި ރަނގަޅު ވަޒީފާއެއް އަދާކުރާ މީހުން ގަދަރު ކުރާ ރަނގަޅު މީހެއް. ރައްޓެހިންނަށް ވެސް އެހާ ހެޔޮވާނެ. އަހަރެމެންނަށް ވެސް އެހާ ރަނގަޅު. ކުރަންޖެހޭ އެއްވެސް ޚަރަދެއް ނުކޮށް ފަހަށް ޖައްސާލާފައެއް ނޯންނާނެ” މަރީ ކިޔައިދިނެވެ.

މަރީއަށް ފިރިމީހާގެ އަސްލު އޮޅުން ފިލީ ކައިވެންޏަށް 2 ކުދިން ވެސް ލިބި އަމިއްލަ ދިރިއުޅުމެއް ބިނާކޮށް އުފަލުގައި ދިރިއުޅެމުންދަނިކޮށް ހަމަކުއްލިއަކަށެވެ. އެއްފަހަރު ޗުއްޓީއެއްގައި ފިރިމީހާގެ ރަށަށް ކުރި ދަތުރެއްގައެވެ.

“އެހެންޏާ ނޫޅޭ ގޮތަކަށް އުޅުނީމާ ޝައްކު ކުރެވުނީ. ދެން އޭނާ ނިދިފައި އޮއްވައި ޖީބުތަކާއެއްޗެތި ޗެކް ކުރީ. މަސްތުވާތަކެތި ފެނުމުން ޝައްކު ޔަގީން ވި. އެހާ ހިސާބުން އެއްކޮށް ފޫހިވީ. ކުރިން ކުރި ގަދަރުވެސް ކެނޑީގެން ދިޔައީ.” މަރީ އޭނާގެ ބިރުވެރި ދިރިއުޅުން ފެށިގެން އައި ގޮތް ކިޔައިދިނެވެ.

މަރީ އޭނާއަށް ފެނުނު ކަންތައްތައް ސިއްރުކޮށްގެން އެވާހަކަ އޮއްބާލައިގެން އިންނާކަށް ބޭނުމެއް ނުވިއެވެ. ފިރިމީހާ ގާތު އެކަމާ ބެހޭ ގޮތުން ސުވާލުކުރިއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭކަމަށް ވެސް މަރީ ބުންޏެވެ.

“އެހާ ހިސާބުން މުޅި ދިރިއުޅުން ބަދަލުވީ. ފިރިމީހާގެ ކިބައިން ކުރީގައި ނުފެންނަ ސިފަތައް ފެންނަން ފެށީ އެހާ ހިސާބުން. ހުތުރު ބަހުން ވާހަކަ ދެއްކުމާއި ހިތު ހުރިއެއްޗެއް ގޮވައި ހެދުން އާންމުވި. މަސްތުވާތަކެތި ބޭނުންކުރާ ކަމަކަށް އޭނާ ދެކޮޅެއްވެސް ނަހަދާ. އެއީ ވަރަށް ހިތްދަތި ދުވަސްތަކެއް. ވަރަށް ބޮޑަށް ވިސްނިން ކަންތައްކުރާނެ ގޮތަކާ މެދު. މަސްތުވާތަކެތި ބޭނުންކޮށްގެން ހުންނަ ވަގުތުތަކުގައި އޭނަ އަކީ ނުރައްކާތެރި މީހެއް. އެކަމަކު ރަނގަޅަށް ހުންނަ ވަގުތުތަކުގައި ހަމަ ކުރީގެ ހެޔޮކަން. އެއީ ގޮތް ނިންމަން ވަރަށް އުނދަގުވި ވަގުތުތަކެއް” މަރީ ކިޔައިދިނެވެ.

މަރީ އޭނާގެ ދިރިއުޅުމުގެ ހަގީގަތް އާއިލާގެ މީހުންނާ ހިއްސާކުރިއެވެ. އެންމެން ވެސް ބުނަމުން ދިޔައީ ނިހާދަކީ ރަނގަޅު މީހެއް ކަމަށާއި ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫންކަން މަރީއަށް ވިސްނެއެވެ.

“އެހާ ހިސާބުން އަހަންނަށް އެނގުނީ އަހަރެމެން ކައިވެނި ކުރި އިރުވެސް އަދި އޭގެ ކުރިން ވެސް ނިހާދަކީ މި ވަބާގައި ޖެހިފައިވާ މީހެއް ކަން. އޭނާގެ އާއިލާގެ މީހުންނަށް އެކަން އެނގޭ. ރިސޯޓުގައި ހުންނާތީ އަހަންނަށް އެކަން އެނގިފައި ނެތީ. އަދި ޗުއްޓީތަކުގައި އައިސް އުޅޭއިރު އެއްގޮތަކަށް ވެސް ބޭނުން ނުކުރާތީ އަހަންނަށް ޝައްކުވެސް ކުރަން ނޭނގުނީ. އަހަންނަށް އެކަން ފަޅާ އެރުމުން ކޮންމެހެން އަހަންނަށް އެކަން ސިއްރުކުރާކަށް ވެސް އޭނާ ބޭނުމެއް ނުވި. އެހާ ހިސާބުން ދެން ހައްދުފަހަނަޅައި ދިޔައީ” މަރީ އޭނާގެ ރީތި ދިރިއުޅުން އޮޔާ ދިޔަގޮތް ކިޔައިދިނެވެ.

މަރީ ނިންމީ އަމިއްލަ ނަފުސު އެކަމުން ސަލާމަތް ކުރުމަށެވެ. މުޅި އުމުރު އެފަދަ މީހަކާއެކު ބިރުވެރިކަމެއްގެ ތެރޭގައި ގަނަތެޅެން ދޫކޮށް ނުލުމަށެވެ. އަމިއްލަ ޙަޔާތް އެހެންމީހެއްގެ އަޅަކަށް ވުމަށް ދޫކޮށް ނުލުމަށެވެ.

“ބައެއް މީހުން ބުނޭ ދަރިންނަށްޓަކައި ކެތް ކުރާށޭ. އެކަމަކު އެއީ އަހަރެން ގަބޫލު ކުރާ ގޮތެއްނޫން. ދަރިން އުފަލުގައި ބެއިތިއްބޭނީ އަހަރެން އުފަލުގައި އިނދެގެން. ގޭތެރޭގައި ބިރުވެރިކަމާއި ތަޅާފޮޅުމާއި ހަޅޭލެވުން އޮންނަނަމަ އެއީ ދަރިންނަށް ދެވޭ ނުރަނގަޅު ތަރުބިއްޔަތެއް. އެކުދިންވެސް އެކަމުގައި ބައިވެރި އެ ކުރެވެނީ. އަހަރެން ބޭނުންވީ އަމާން މާހައުލެއްގައި އަހަރެންގެ ދަރިން ބޮޑެތިވުމަށް. އަހަންނަށް ގަބޫލު ކުރެވުނީ ނިހާދާއެކު ދިރިއުޅެގެން އެފަދަ މާހައުލެއް ނުލިބޭނެކަން. ވަރިވީ އަހަރެން އަމިއްލައަށް. އުއްމީދާ އެކު ބިނާކުރި ދިރިއުޅުން ރޫޅާލަން އަހަރެން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު” މަރީ ބުންޏެވެ.

މަރީ އޭނާގެ ފިރިމީހާ ގާތުން ވަރިވި ނަމަވެސް ފިރިމީހާއާއި ދަރިން ވައްކެއް ނުކުރެއެވެ. ދަރިންނާ ބައްދަލު ކުރުމަށް އޭނާ އެގެއަށް އައުމަށް މަރީ ހުރަހެއް ނާޅައެވެ. އެއީ މަރީގެ އަމިއްލަ ބިމެއްގައި ފިރިމީހާގެ ލާރިން އަޅާފައިވާ ގެއެއްކަމުން އެގެއިން ނިހާދަށް ހައްގުބައި ނިގުޅައިގަންނާކަށް މަސައްކަތެއް ނުކުރެއެވެ.

“އެހާ ހިސާބުން އަނެއްކާ ވެސް މައްސަލަޖެހެން ފެށި. ވަރިކުރުމަށް ފަހު އަލުން މާފަށް އެދި ދެން އެގޮތަށް ނޫޅޭނެ ކަމަށް ބުނެ އަލުން ކައިވެނިކުރަން އާދޭސްކުރި. އަހަންނަށް އެނގޭ ނިހާދު ރަނގަޅު ނުވާނެކަން. އޭނާ އަހަންނާ ދިމާއަށް ކިޔާފައި ހުރި ހުތުރު އެއްޗެއްސާއި ކޮށްފައި ހުރި ކަންތައްތަކަށް ބަލާއިރު އަހަރެންގެ ހިތުގައި ކުރިން އުފެދުނު ލޯބި އޮތީ ފޫއްސަށް ބަދަލުވެފައި. އަހަރެން މީހަކާ ނީނދެ އުމުރު ހުސްކޮށްލިޔަސް އަލުން ނިހާދާ އިންނާކަށް ބޭނުމެއް ނުވި. އެކަން ސަރީހަކޮށް ބުނެދިނިން. އަހަރެން ދަރިންނާއެކު ހަމަޖެހިގެން އުޅުމަށް ދޫކޮށްލާށޭ ބުނިން. ބައްޕައެއްގެ ގޮތުގައި ދޭންޖެހޭ ހުރިހާ ޚަރަދެއް އޭނާ ދިޔައީ ކުރަމުން. އެވަރުން އަހަންނަށް ފުދޭ” މަރީ ކިޔައިދިނެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފިރިމީހާގެ ކިބައިން ދުރުވެ ހަމަޖެހިގެން ދިރިއުޅެވޭތޯ މަރީކުރި މަސައްކަތް ނުބައިން ނުބަޔަށް ގޮސް އޭނާގެ އަނިޔާވެރި ހަމަލަތަކުގެ ޝިކާރައަކަށް މަރީވެގެންދިޔައީ ހީވެސް ނުކުރާ ގޮތަކަށެވެ.

“އޭރުވެސް ވަރަށް ގިނައިން ކިޔާނެ އަލުން އިންނަން ހިނގާށޭ. އެކަމަކު އަހަރެން ބޭނުންނުވި. ދެން އޭނަ ހީކުރަނީ އަހަރެން އެހެން މީހަކާ ރައްޓެހިވެގެން އުޅެނީ ކަމަށް. އެއީ ކުށް ހީއެއްކަމަށް ވެސް ބުނިން. އެކަމަކު ގަބޫލެއް ނުކުރޭ. ދެން ހަމަކުއްލިއަކަށް އެއްރޭ ދަންވަރު ގެއަށް އައިސް ހަމަލަ ދިނީ. އެއީ ހަޔާތުގައި ދިމާވި އެންމެ ބިރުވެރި ރޭ. އެ ރޭ މަތިން ހަނދާން ވިޔަސް ބިރުންވިރޭ ވަރުވޭ. އަދި މިހާރުވެސް ނިހާދު ފެނިއްޖެއްޔާ އެހާވަރަށް ބިރުގަނޭ. އޭގެ ސަބަބުން އަހަންނާއި އަދި ދަރިންނަށް ވެސް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރި” މަރީ ކިޔައިދިނެވެ.

މަރީ އުޅެނީ އެހެން މީހަކާ ރައްޓެހިވެގެން ކަމަށް ބަޔަކު ބުނި ބުނުން ގަބޫލުކޮށް ނިހާދު އައިސް މަރީއަށް ހަމަލަ ދިނީ މަސްތު ހާލުގައި ހުރެގެންނެވެ. މިނިކާވަގަކު އޭތީގެ ޝިކާރައަށް އަރައިގަންނާނެ ފަދަ އަކުން އޭނާ މަރީއަށް ހަމަލަދީ އެތައް ތަނަކުން ލޭ ކޮށާލިއެވެ. އަތުގައްޔާއި ކަރުގައި ދަތްއަޅައި ތޫނު ދަތްތަކުންވަކި އަޅައި ނޮޅާލިއެވެ. އެހީއަށް އެދި މަރީ ލެވި ހަޅޭކުގެ އަޑަށް މަރީގެ މަންމައާއި ކުދިން ބޭރަށް ނިކުމެ މަރީ ދޫކޮށްލުމަށް އާދޭސްކޮށް ރޮމުންގެންދިޔައެވެ. ނަމަވެސް އެގަޑީގައި ނިހާދު ހުރީ ހަމަހެޔަކު ނޫނެވެ. ގޮތެއް ގޮތެއް ނުބަލައި މަރީއަށް އަނިޔާކުރަމުން އޭނާ ދިޔައެވެ.

“އަހަރެންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ފާރުގައި ޖެހުމުން ބޮލަށް އެނބުރުން އަރައިގެން ދިޔަ. އޭރުވެސް ނިހާދު ދަތް އެޅިތަންތަނުން ލޭ އަންނަކަން އެނގޭ. ލޭގެ ވަސްވެސް ދުވާ. އެ ހާލުގައި ހުރެގެންވެސް އަހަރެން ބެލީ ސަލާމަތް ވެގެން ބޭރަށް ނިކުމެވޭތޯ. ހިތްވަރުކޮށްފައި މަސައްކަތް ކުރުމުން އެކަން ކާމިޔާބުވި. ދޮރުން ބޭރަށް ނިކުމެވުނުކަން އެނގުނު ދެންވީގޮތެއް ނޭނގުނު. ހޭ އެރިއިރު އޮތީ ހޮސްޕިޓަލުގައި. މުޅި ހަށިގަނޑު އޮތީ ދުޅަވެ އަރާފައި. ހިރިވެސް ނުލެވޭ. އޭރުވެސް ބިރުން ގޮސް ރޯމަހެއް ތެޅޭހެން ހިތް ތެޅޭ. ގިނަ ދުވަސްތަކެއް ވަންދެން ކުރި ފަރުވާއިން ހަށިގަނޑުގެ ބޭރުގައި ފެންނަން ހުރި ފާރުތައް ހިކުނު ނަމަވެސް ހިތުގައިލީ ރޯފާރުތައް ފަސޭހަވާން ދުވަސް ނެގި. އެކަމުން އަރައިގަނެވުނީ ވަރަށް މަސައްކަތުން”

އާއިލާގެ މެމްބަރުންނާއި ރައްޓެހިން ދިން ހިތްވަރާއެކު އަލުން އާ ހަޔާތެއް ފެށުމަށް މަރީ ނިންމިއެވެ. ކުރީގައި ދިމާވި ގޮތް ނުވާނެ ކަމަށް އުއްމީދުކުރަމުންނެވެ.

“މި ހުރިހާ ކަމެއް އެންމެންގެ ކުރިމަތިން ހިނގައި ދިޔައިރުވެސް ތިބި އަހަރެން ކުށްވެރިކޮށް ވާހަކަ ދައްކާ މީހުން. ދެރައީ މިކަހަލަ ކޮންމެ ކަމެއްގައި ގިނަފަހަރަށް އަންހެން މީހާ ކުށްވެރިވާތީ. ބައެއް މީހުން ބުނަމުން ދިޔައީ އަހަރެން ނިހާދުގެ ފައިސާއިން ގޯތީގައި ގެ އަޅައި އެ ފައިސާ ބޭނުންކުރުމަށް ފަހު އޭނަގެ ކިބައިން ވަރިވީ ކަމަށް. އެއްވެސް މީހަކަށް ނޭނގޭނެ އަހަރެމެން ދެމީހުންގެ ދެމެދުގައި ބަންދު ކޮޓަރި ތެރޭގައި ހިނގާ ކަންތައްތަކެއް. އަހަރެން ރުއި ރުއިމާއި ހޭދަކުރި ބިރުވެރި ރޭތައް އެހެންމީހުންނަކަށް ނޭނގޭނެ. އެކަމަކު ދެރައީ މިކަހަލަ ކަންތައްތަކުގައި އަންހެނުން ކުށްވެރި ކުރާތީ. އާއިލާއެއް ރޫޅޭ ކޮންމެ ފަހަރަކީ އަންހެން މީހާ ގެ ގޯސްކަމުން ވާކަމެއްކަމުގައި ބުނެ ލޭބަލް ކުރާތީ. ހަގީގަތް އެނގޭނީ ދިރިއުޅުން އެކީގައި ހޭދަކުރި ދެމީހުންނަށް. ކުޅިބަލާމީހުންނަކަށް ނޫން” މިހުރިހާ ހާދިސާތަކަކަށް ފަހުވެސް ބައެއްމީހުން މަރީ ކުށްވެރިކޮށް ދެއްކި ވާހަކަތަކާ ބެހޭގޮތުން މަރީ ކިޔައިދިނެވެ.

ފުރަތަމަ ކައިވެނިން ލިބުނު ހިތްދަތި ތަޖުރިބާ އަކީ އެކަމުގެ ހިތާމައިގައި މުޅި އުމުރު ފަނާކުރަން ޖެހޭނެ ކަމެއްކަމަށް މަރީ ގަބޫލެއް ނުކުރެއެވެ. ދިރިއުޅުމުގައި ލިބުނު ފިލާވަޅުތަކުން އިބްރަތް ހާސިލް ކުރަމުން އަލުން ތެދުވެ ހިންދެމިލައިގެން އާ ބައިވެރިޔަކާއެކު އުފާވެރި ދިރިއުޅުމެއް މަރީ ފެށިއެވެ. ދިރިއުޅުމުގައި އިނދަޖެހޭ ކޮންމެ ފަހަރަކު އެކަމާ ކަރުނައޮހޮރުވައި މުޅި ދިރިއުޅުން ނަގާލުމުގެ ބަދަލުގައި އިތުރު ހިތްވަރަކާއެކު އަލުން ތެދުވެ ހިންދެމިލާން ޖެހޭނެ ކަމަށް މަރީ ގަބޫލު ކުރެއެވެ.

“މަސްތުވާތަކެތި ބޭނުންކުރާ ފިރިއަކާ އެކު އަހަރެން ކުރީ ބިރުވެރި ތަޖުރިބާއެއް. ކޮންމެވެސް ދުވަހަކުން އެކަހަލަ މީހަކު ރަނގަޅު ވެދާނެ ކަމަށް އުއްމީދުކޮށް، ނުވަތަ ދަރިންނަށްޓަކައޭ ބުނެ ނަގާލެވެނީ އަމިއްލަ ދިރިއުޅުން” މަރީގެ އަމިއްލަ ތަޖުރިބާއަށް ބުރަވެ އިނދެ ކިޔައިދިނެވެ.

ނޯޓް:މި ސިލްސިލާގައި މި ގެނެސްދެނީ މުޖުތަމައުގައި އަންހެނުންނަށް ދިމާވާ ތަފާތު މައްސަލަތަކާއި ދިރިއުޅުމުގައި ދިމާވެފައި ހުންނަ ހަގީގީ ވާހަކަތަކެވެ. މިވާހަކަތައް ހިއްސާކުރުމުގެ ބޭނުމަކީ ތިމާއަށް ދިމާވި ހާލަތު ދިމާވެފައިވާ އެހެން އަންހެނުން އެވާހަކަތަކުން އިބްރަތް ހާސިލްކޮށް އަމިއްލަ ދިރިއުޅުމާމެދު ފުންކޮށް ވިސްނުމަށެވެ.