English Edition
Dhivehi Edition

މިހާރު ރާއްޖޭގައި މި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކުރެވޭނެ ކަމުގައި، ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީޕާޓީއަށް ބައެއް މީހުން ސޮއިކުރުމަށް، އެޕާޓީގެ މައި އޮފީސް މާފަންނު ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަަފުޅު ދައްކަވަމުން ގާސިމް ވަނީ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފައެވެ.

“މިވެރިކަން ވައްޓައި ނުލެވޭނެ . އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެސް ނުކުރެވޭ” ގާސިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މި ސަރުކާރުން ކަންކަން ނުކުރެވޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާއިރު، މިސަރުކާރަށް މިވީ މުއްދަތުގައި ގިނަ މަސައްކަތްތަކެއްކޮށް އެއްބަސްވުންތައް ހެދިފައިވާ ކަމަށެވެ. އަދި ބޮޑެތި މަޝްރޫއުތައް ހިނގައިގަތުމަށް ވަގުތުވެސް ބޭނުންވާނެ ކަމަށެވެ.

ޤާސިމް ވިދާޅުވީ، ޖުމުހޫރީ ޕާޓީއަށް މެމްބަރުން އިތުރުކޮށް ޕާޓީބޮޑުވަމުން ދާއިރު ބައެއް ފަރާތްތަކުން ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް، ރައީސް އިބުރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ވައްްޓާލައި އެމަނިކުފާނަށް ދެރައެއް ދިނުމަށް މަސައްކަތް ނުކުރާކަމަށެވެ.

ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކަށް އިޝާރަތްކުރައްވައި ޤާސިމް ވިދާޅުވީ، މިއަދު އޮތް ސަރުކާރުން ކަންތައްތައް ނުކުރެވޭ ކަމަށް ބުނެ ވާހަކަތައް ދައްކަމުން ގެންދަނީ ކޮންބޭނުމެއްގައި ކީއްްވެކަން ވިސްނިވަޑައިގަންނަވާ ކަމަށެވެ.

ޖުމުހޫރީ ޕާޓީއަށް ރޭވެސް ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރައްވާފައި ވާއިރު އޭގެތެރޭގައި ކުރިން ޕީޕީއެމްގެ އިސްސަފުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ރައީސް ޔާމީނާއިއެކު މަސަައްކަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ.