English Edition
Dhivehi Edition

މީސްމީޑިޔާގައި އާންމުވި، އެހީތެރިކަން ބޭނުންވެފައިވާ މާބަނޑު އަންހެން މީހާގެ މައުލޫމާތު މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާވިސް އިން ހޯދުމަށްފަހު އެހީތެރިކަން ފޯރުކޮށްދޭން އުޅުމުން ޖެންޑާގެ އެހީތެރިކަން ބޭނުން ނުވާކަމަށް ބުނެފިއެވެ.

“‏އެހީތެރިކަން ބޭނުންވާ މާބަނޑު އަންހެނަކު ބާޒާރުމަތީ ސަރަޙައްދުގައި އުޅޭ ކަމުގެ މަޢުލޫމާތު ލިބުމުން، އޭނާ ހޯދުމަށް ފަހު މިނިސްޓްރީން ވަނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކޮށްފައި. ނަމަވެސް ހުށަހެޅި އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ޤަބޫލުކޮށްފައި ނުވާ ކަން ފާހަގަކޮށްލަން.” ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މިހާރު ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

“‏ބާޒާރުމަތީ ސަރަޙައްދުން މީޑިއާގެ ސަމާލުކަމަށް ގެނެވުނު މާބަނޑު އަންހެން މީހާ މިއަދުގެ ވަގުތެއްގައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދެވި އޭނާގެ ޙާލަތު ބެލެވިފައި.” ޖެންޑަރ މިނިސްޓްރީން ބުނެފައި ވެއެވެ.

މާލޭގެ މާރުކޭޓު ސަރަހައްދުގައި އާއިލާއިން އެއްވެސް އަޅާލުމެއް ނުލިބި އަދި ބޯހިޔާ ވާނެ ތަނެއް ނުލިބި އެސަހައްދުގައި ސަލާންޖަހަން ކޮންމެ ދުވަހަކު އެތައް ބައެއް ތިބޭއިރު ޖެންޑަރ މިނިސްޓްރީން މި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ. އަދި މާލޭގެ ބައެއް މަގުމަތީގައި ބޭނުންޖެހިފައިވާ އެތައް ފަރާތްތަކެއްގެ ވާހަކަ މީސްމީޑިޔާގައި ދައުރުވަމުން މިނިސްޓްރީގެ ސަމާލުކަމަށް މިކަންކަން އައިސް އެމީހުންނަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެއެވެ.