English Edition
Dhivehi Edition

ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން އަހަރަކު އެއް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ފޮރިން މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ޗައިނާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރު ވާން ޔީއާ ބައްދަލު ކުރެއްވުމަށް ފަހު ދިވެހި ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުކުރުމަށް، އެ ގައުމާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް ގިނަ ކުރަން މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ.

” ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމަކީ ޗައިނާ. ޗައިނާގެ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާތަކެއް ވަނީ ކުރެވިފައި. އެގޮތުން ޗައިނާއާއި ރާއްޖެއާ ދެމެދު އިތުރު ފްލައިޓްތައް އޮޕަރޭޓްކުރުމާމެދު މަޝްވަރާކޮށްފައިވަނީ. އަދި ބެއިޖިންގައި އޮކްޓޫބަރުމަހު ހުޅުވާ އާ އެއަރޕޯޓު ހުޅުވުމާއެކު، މޯލްޑިވިއަންގެ އިތުރު ފްލައިޓެއް އޮޕަރޭޓްކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައި” ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އެކި އެއަރލައިންތަކުން ހަފްތާއަކު 26 ފްލައިޓް އެބަ އޮޕަރޭޓްކުރާ ކަމަށާއި ޗައިނާއާއި ރާއްޖެއާ ދެމެދު. (ޗައިނާގެ) ޚާރިޖީ ވަޒީރާއެކު ކުރި މަޝްވަރާގައި އެ ފްލައިޓްތައް އިތުރުކުރުމާމެދު މަޝްވަރާކުރެއްވެވި ކަމަށް ޝާހިދު ވަނީ ވިދާޅުވެފަައެވެ.

“ފްލައިޓްތައް އިތުރުކުރުމުގެ ބޭނުމަކީ ޗައިނާއިން ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް ޖާގަ އިތުރުކުރުން، ޗައިނާގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކައިން އުއްމީދުކުރެވެނީ 2023 ވަނަ އަހަރު އަންނަންވާއިރަށް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން 1 މިލިއަން ފަތުރުވެރިންނަށް އިތުރުކުރެވޭނެ ގޮތަށް ކަންކަން ހަމަޖެއްސުން” ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗައިނާގެ މީހުން ރާއްޖެ އަށް ޒިޔާރަތްކުރަން އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެހެން އެކަން އޮތް އިރު އެ ގައުމަށް ދިވެހިން ދަތުރުކުރުމުގައި ވެސް އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވާންޔީ އަރިހުގައި ވިދާޅުވެފައިވާނެ ކަމަށެވެ. ދިވެހިންނަށް ވިސާ ފަސޭހަކޮށްދިނުމަށް ޗައިނާ އިން ކުރަން ޖެހޭ ދިރާސާތައްކޮށް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ވާންޔީއާ ހަވާލާ ދެއްވައި ޝާހިދު ވިދާޅުވި އެވެ

ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް ޗައިނާގެ އެހީތެރިކަން ހިފެހެއްޓުމެއް ނެތި ލިބޭނެ ވާހަކަ ވާންޔީ ވަނީ ޝާހިދު އަރިހުގައި ވިދާޅުވެފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރާއްޖޭގެ ރައްޔިތުންގެ ވިންދާ އެއްގޮތަށް ދުނިޔޭގެ ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހިކުރާ ސަރުކާރެއް ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރަށް ދެއްވާފައި ވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.