English Edition
Dhivehi Edition

މާލޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި 82 ގުދަން އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މާލޭގައި ހުރި ގުދަންތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރި އިރު 126 ގުދަން ހުރި ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައިކަމަށެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ މާލޭގައި ގުދަންކުރުމަށް ހުއްދަދެނީ ކުލަ އާއި ތިނަރު، ފާހަނާ ސާފުކުރުމަށް ބޭނުންކުރާ ކެމިކަލް އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ވައްތަރުގެ ކެމިކަލް ފަދަ ވިޔަރާފީގެ ބޭނުމަށް އެތެރެކޮށްފައި ހުންނަ ކެމިކަލް ގުދަން ކުރުމަށް ކަމަށެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މާލޭގައި ހުރި ގުދަންތައް ޗެކްކޮށް އެކަމުގެ ރިޕޯޓެއް ތައްޔާރުކުރުމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އެކު ކަމާއި ގުޅޭ މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އަދި އެފަދަ ތަންތަން ބަލައި ޗެކްކޮށް، ރަނގަޅުކުރަންޖެހޭ ތަންތަނަށް އެކަން ރަނގަޅު ކުރުމަށް އެންގި ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހަތް ގެއަކާއި 4 ގުދަނެއް އަނދައި އަޅިޔަށް ވެފައި ވާއިރު މި ހާދިސާ ގައި އެކަކު ވަނީ ނިޔާވެފައެވެ. މި ހާދިސާ ހިނގުމަށް މެދުވެރިވީ އެ ސަރަހައްދުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެގެންނެވެ.