English Edition
Dhivehi Edition

ނަޗް ބަލިއޭގެ މިއަހަރުގެ ސީޒަންގެ ކޮންސެޕްޓް، ޕްރޮޑިއުސާރ ސަލްމާން ހާން ވަނީ މުޅިން ބަދަލުކޮށްލާފައެވެ.ކުރީގެ ލޯބިވެރިޔާ އާއި އެކު މި ސީޒަނުގެ ހުނަރު ދައްކާލުމަށް ނަޗްބަލިއޭގެ ޕްރޮޑެކްޝަން ޓީމުން ތައްޔާރުވާން ފެށުމާއެކު ބެލުންތެރިންގެ މެދުގައިވެސް އެކަން ވެގެން ދިޔައީ ބޮޑު ބަހުސެއް ކުރެވުނު ކަމަކަށެވެ. ހަގީގީ ދިރިއުޅުމުގައި އެކުގައި ނޫޅެވިގެން ވަކިވެފައިވާ ދެމީހުންނަށް މި ފަދަ ޝޯއެއްގައި އެކުވެރިކަމާއި އެކު މަސައްކަތްކުރެވޭނެތޯ ގިނަ ބަޔަކުވަނީ އޭރު ސުވާލުވެސް އުފައްދާފައެވެ. މި ހުރިހާ ސުވާލުތަކާއެކުވެސް މި އުދަގޫ މަސައްކަތްކުރަން ނިކުތް ޓީމަށް ޝޯ ފެށުނު ދުވަހުން ފެށިގެންވެސް އަންނަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންނެވެ.

މި ގޮތުން ޝޯ ފެށުނު ދުވަހުން ފެށިގެންވެސް މި ޝޯގައި އެންމެ ހިޔާލު ތަފާތު ދެ ބައިވެރިންނަކީ މަދުރިމާ އާއި ވިޝާލްއެވެ. މި ދެތަރިންގެ ޒުވާބުތައް ބޮޑުވެ ބައެއްފަހަރު މި ދެތަރިން މައިތިރިކުރުމަށް މި ޝޯގެ ޖަޖުންނަށްވެސް މަސައްކަތްކުރަންޖެހިފައި އެބަހުއްޓެވެ. މި ދެތަރިންގެ ހިޔާލު ތަފާތުވުމުގެ ސަބަބުން ޝޯގައި އެންމެ އަކަށީގެންވާ ހުނަރު ދެއްކުމަށް ހުރަސް އެޅި ދެ ތަރިންވެސް ޝޯ އާއި އަލްވަދާއު ކިޔަން ޖެހުނެވެ. އޭރު ދެ ތަރިންވެސް ބުނީ އިތުރު ފުރުސަތެއް ލިބިއްޖެނަމަ ދެމީހުން ސުލްހަވެރިކަމާއެކު ޝޯ ކާމިޔާބުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ވައިލްޑް ކާޑް އެންޓްރީ އާއި އެކު މި ދެތަރިންނަށް އަލުން ޝޯގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ނަމަވެސް މި ދެތަރިންގެ ޒުވާބުތަކަށް އެއްވެސް ބަދަލެއް ނައިސް އެންމެ ފަހުން މިވަނީ އެކަން މާރާމާރީއަށްވެސް ބަދަލުވެފައެވެ. މި ގޮތުން ރޭ ބޭއްވި ރިހާސަލް ގައި ދެ ތަރިންގެ ހިޔާލު ތަފާތުވެ އަކަކު އަނެކަކަށް އަނިޔާކޮށް މާރާމާރީ ހިންގާފައިވާއިރު ވިޝާލްވަނީ އޭނާގެ އަމިއްލަ ހަށިގަނޑަށްވެސް ގެއްލުންދީފައެވެ. މި ޝޯގެ އެހެން ބައިވެރިންވެސް އެދެމީހުން ސުލްހަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވައިރު ދެމީހުންވެސް މި ފަހަރު ސުލްހަވާން ބޭނުން ނުވާކަމުގައި މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި މި މައްސަލައާއި ގުޅިގެން މަދުރިމާގެ މަންމަވެސް އެމީހުން ރިހާސަލް ކުރާތަނަށް ގޮސްފައިވާއިރު މިއީ އަނެއްކާވެސް މި ދެމީހުންނަށް ޝޯ ގައި ކުރިއަށް ދިއުމަށް އެޅުނު ހުރަހެއްކަމުގައި ގިނަ ބަޔަކުވަނީ ބުނެފައެވެ.