English Edition
Dhivehi Edition

މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޓީގެ މަަސައްކަތް ގޮސްފައިވާ ހިސާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނޫސްވެރިންނާއި ޙިއްޞާ ކޮށްފިއެވެ.

މިގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޓީން ރިޟްވާނުގެ މައްސަލަ، އަންނަ ހަފްތާގައި ޕީ.ޖީ އަށް ފޮނުވޭވަރުވާނެ ކަމަށާއި، ޔާމީން ރަޝީދުގެ މައްސަލަ ބަލައި، ރިޕޯޓް ތައްޔާރުކޮށް ނިމިފައި އޮތް ނަމަވެސް، އެ މައްސަލައަކީ ޝަރީޢަތުގައި މިހާރު ހިނގަމުންދާ މައްސަލައަކަށްވާތީ، އެ މައްސަލަ މި އަންނަ މަހުގެ ކުރީކޮޅުގައި ޝަރީޢަތުން ނިމުމުން އެ ރިޕޯޓް ހާމަކުރާނެ ކަމަށް ވެސް ރައީސްވަނީ ހާމަކުރައްވާފައެވެ.

ރ. މީދުއަށް އުފަން އަނަސްގެ މަރުގެ މައްސަލައިގެ ރިޕޯޓުވެސް މިހާރުވަނީ މުޅިން ނިމިފައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި. އަދި އެހެންނަމަވެސް، ދެ ފަރާތަކާ ކޮށްލަންޖެހޭ ބައެއް ސުވާލު ހުރުމުން، އެކަން ނިމުމާ އެކީގައި، އެ ރިޕޯޓުވެސް ހާމަ ކުރާނެ ކަމަށާއި ،އަދި ރައުދާ ޢާތިފުގެ މައްސަލަވެސް ބަލައި ނިމި، ރިޕޯޓް ހާމަކުރާ ހިސާބަށް ގޮސްފައިވާ ކަމަށްރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.މިބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ މި މަރުތަކުގެ އިތުރުން ، އިތުރު ހަތަރު ފަރާތެއްގެ މައްސަލަ ބަލަމުންދާ ކަން ހާމަކުރައްވާފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޓީއަކީ، ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އެމަނިކުފަނުގެ ޚާއްޞަބެއްލެވުމުގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.