English Edition
Dhivehi Edition

މީސްމީޑިއާގައި އާއި ދެމީހަކު އެއްތަން ވެލާ އިރަށް އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކަށް މިހާރު ވެފައި އޮންނަނީ މަސްކާށީގެ ވާހަކަ އެވެ. އެކި ދިމަ ދިމާލުން ފެންނަމުންދާ އެކި ވައްތަރުގެ، އެކި ރަހައިގެ، އެކި ނަން ނަމުގެ މަސްކާށިތަކުގެ ވާހަކައެވެ. ފެންނަ ފެނުމަށް ކުޅުދިޔާ ނުވާ އެކަކުވެސް ނެތް ކަހަލައެވެ.

މަސްކާށިގެ އަވައިގައި ދިވެހިން ޖެހިގެން އައިސްފައި ވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެއާއި އެކު އެކިއެކި ސުފުރާތަކުން ފެންނަމުން ދިޔަ މަސްކާށިތަކަށް ޒަމާނީ ކުލަ އައިސް މިހާރު މިވަނީ މަސްކާށީގެ ހަޤީގަތް ވެސް އޮޅޭ ހިސާބުގައެވެ. ދިވެހިންގެ މަސްކާށިއަކީ ވަރަށް ތަރުތީބު އަދި އެހާމެ ވައްޓަފާޅި ގެނުވާފައި ހުރިއެއްޗެކެވެ. އަދި އެއީ ވަކި ބާވަތްތަކެއް ނެތިއްޖެނަމަ އޭގެ އުންސުރުތައް ހަމަ ނުވާ އެއްޗެއްކަމަށް ވެސް ބުނެ ޔޯލައެވެ.

ފަންނީ ނަޒަރަކުން ބަލާއިރު މަސްކާށީގައި މައިގަނޑު ތިން ބާވަތެއް ނެތްނަމަ އެއަށް ނޫނެކޭ ބުނާ މީހުން ވަރަށް ގިނައެވެ. އޭގެ ތެރޭގައި ވަޅޯ މަހާއި، ކާއްޓާއި ކުޅި ރިހާކުރަކީ ކޮންމެހެން ހުންނަން ޖެހޭ ބާވަތްތަކެވެ. މީގެ އިތުރުން މައިގަނޑު ހަތަރު ރަހަ މޮޅު މަސްކާއްޓަކުން ނުކުންނަން ޖެހޭ ކަމަށް ގިނަ މީހުން ދެކެއެވެ. އެގޮތުން ކުޅި ރަހައާއި، ލޮނު ރަހައާއި، ހުތް ރަހައިގެ އިތުރުން ފޮނި ރަހަ އެކުލެވޭ ބާވަތްތައް ނެތްނަމަ މަސްކާށިއަކީ މޮޅު މަސްކާށިއެކޭ ދަންނަވަން ދައްޗެވެ.

މަސްކާށި ތަށީގައި ހުންނަން ޖެހޭ ރަހަތައް ގެނައުމަށްޓަކައި އެކި މީހުން ގެންގުޅޭ އުކުޅުތައް ތަފާތެވެ. އެގޮތުން ކުޅިކަން ދެމެހެއްޓުމަށް މަސްމިރުހާއި، މިރުސް ފަދަ ތަކެތި ބޭނުން ކުރާއިރު އާއްމުކޮށް ދިވެހިން ކާން ބޭނުންކުރާ ހުތްކަން އެކުލެވޭ ބާވަތްތައް ހިމަނާފައި ހުންނަތަން ފެނެއެވެ. އެގޮތުން ހުތް އަނބާއި، ބިލިނމަގާއި، ގޯނބިލި ފަދަ ތަކެތި ބޭނުންކުރެއެވެ. ނަމަވެސް ގިނަ ބާވަތްތަކަކީ މޫސުމީ އެއްޗެއްސައް ވުމުން އެތަކެތި ނުލިބޭ ދުވަސްވަރު އޭގެ ބަދަލުގައި އެހެން ބާވަތްތައް ބޭނުންކޮށްފައި ހުންނަތަން ވެސް ފެނެއެވެ. ހުތް ރަހައިގެ އިތުރުން ލޮނުރަހަ ގެނައުމަށް ލޮނުމިރުސް ބޭނުންކޮށްފައި ހުންނައިރު ފޮނިކަން ދެމެހެއްޓުމަށްވެސް ވަރަށް ހާއްސަ ސަމާލުކަން ދީފައި ހުންނަތަން ފެނެއެވެ. އެގޮތުން ބަލާއިރު މޭވާގެ ބާވަތްތަކުން ޒީނަތްތެރިކޮށްފައި ހުންނައިރު އައްޑޫ ބޮނޑިއެއް އަަޅާ ނުލައި މަސްކާއްޓެއް ފުރިހަމަ ނުވާކަމަށް ގިނަ ބަޔަކު ދެކެމުން ދެއެވެ.

ފެންނަ ފެނުމަށް މަސްކާށި ތައްޓަކީ ބަލާލަން އެހާމެ ހިތްގައިމު އެއްޗަކަށްވާއިރު، އޭގައި ހިމެނޭ ހުރިހާ ރަހައެއް އެކުވުމުން ދިވެހި ވަންތަ މީރު ރަހައެއް ނުކުންނަކަމަށް މަސްކާށީގެ ލޯބިވެރިން ބުނަމުން ދެއެވެ. މަސްކާށިގެ ހަގީގަތަކީ މިދެންނެވުނު ރަހަކަމަށް ވެފައި، އެމަސްކާށި ކާންބޭނުންވާ މީހުން ބޭނުންވަނީވެސް އެގޮތްކަމަށް ވީނަމަވެސް މިއަދުގެ މަންޒަރު ބަދަލުވެފައި ވެއެވެ. ފުރިހަމަ މަސްކާއްޓެއް ކާލަން ބޭނުންވާ މީހާއަށް އެފަދަ މަސްކާއްޓެއް މަދުން ނޫނީ ނުލިބެއެވެ.

ބައެއް ފަރާތްތަކުން ވިޔަފާރީގެ ގޮތުގައި މަސްކާށި ވިއްކަމުން ދާއިރު، ގަންނަ މީހާގެ ރަހައަށް ބެލުމުގެ ބަދަލުގައި އަވަހަށް މަސްކާށި ވިއްކާލުމަށް އޮންނަ އެދުން ބޮޑުވެ ރަހަތައް މަތިން ހަނދާން ނައްތާލެވެއެވެ. މަސްކާށި ޒީނަތްކުރުމުގެ ގޮތުން އެކު ކުލަކުލައިގެ އެކި ބާވަތް ބާވަތުގެ މޭވާ އަޅައި، މަސްކާށީގެ ހަގީގަތް ގަނޑުބޮޑު ކޮށްލައެވެ. މޭވާ ވަށިގަނޑަކާއި އެއް ބީދައަކަށް މަސްކާށި ތަށިވެސް ތިރި ކޮށްލީއެވެ. ނަމަވެސް އެމޭވާތަކުގެ އަގު ހަމަކުރުމަށް މަސްކާށިތަށީގެ އަގު ބޮޑުކޮށްލީއެވެ. މީގެ ސަބަބުން ދިވެހިންނަށް ކުރިން ލިބެމުންދިޔަ މީރު މަސްކާށިތައް ލިބުން ހުއްޓުނީއެވެ. ހަމަ އެއާއި އެކު މަސްކާށިތައް މަތިން ގިނަ ބަޔަކު ފޫހިކުރުވީއެވެ.

މަސްކާށިފަދަ ދިވެހިންގެ ސަގާފަތާއި ގުޅިފައި ހުރި ކެއުންތަކަކީ އެއަށް އުނި އިތުރުކޮށްގެން ޒަމާނަށް ފައްތަން ޖެހޭ އެއްޗެއްސެއް ނޫނެވެ. އޭގެ ބަދަލުގައި އޭގައި ހުންނަން ޖެހޭ ރަހައަށް އިތުރުކަން ގެނައުން ނޫންކަމެއް ކޮށްފިނަމަ މަސްކާށި ނެތިގެން ދިޔުމުގެ ބިރު އެބައޮތެވެ.

ޓެގު