English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމަށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމައި އެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެގޮތުން މި މަސައްކަތް ޓެންޑާ ބޯޑުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. މި މަޝްރޫޢުގެ އަގަކީ 9,060,059.01 ރުފިޔާ އެވެ. މި މަޝްރޫޢު ނިންމަން ދީފައިވާ މުއްދަތަކީ 120 ދުވަހެވެ.

ފޭދޫގެ އިތުރުން ޓެންޑާ ބޯޑުން ވަނީ އިތުރު 12 ރަށެއްގައި ޓާފް ފުޓްބޯޅަ ދަނޑު އެޅުމަށް ވެސް އަމީން ކޮންސްޓްރަކްޝަނާއި މަސައްކަތް ހަވާލުކޮށްފައެވެ. އެރަށްތަކަކީ ހއ.ދިއްދޫ ، ހދ.ނެއްލައިދޫ ، ނ.ހޮޅުދޫ ، ނ.ކެނދިކުޅުދޫ ، ރ.އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ފ. ނިލަންދޫ، ލ.ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ.

ފޭދޫގައި ޓަރފް ފުޓްބޯޅަ ދަނޑެއް އެޅިގެން ދިއުމަކީ ،ފޭދޫގެ ޒުވާނުން ކުރަމުންދާ ވަރަށް ފޮނިއުއްމީދެކެވެ. ރާއްޖޭގެ ފުޓްބޯޅަ ޢާއިލާގައި 1970 ވަނަ އަހަރުއްސުރެން ފެށިގެން މިއަދާއި ހަމަޔަށްވެސް ފޭދޫގެ ހުނަރުވެރި ކުޅުންތެރިން ދަނީ ބައިވެރިވެ ރަންވަނަތައް ހޯދަމުންނެވެ.

ފޭދޫގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ހައްދަވައި ދެއްވާނެ ކަމަށް މަޖިލިސްއިންތިޚާބުގެ ތެރޭގައި ރައީސް މުޙައްމަދު ޞޯލިޙް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

މި އަދު ޓާރފް ދަނޑު އެޅުމަށް ޓެންޑަރ ކުރެވުނު 13 ރަށުގެ އިތުރުން ޔޫތް މިނިސްޓްރީން ދާދިފަހުން ވަނީ ޓާފް ދަނޑު އެޅުމަށް އިތުރު 14 ރަށެއް ކަނޑައަޅާފައެވެ. އެ ރަށްތަކުގެ ދަނޑުތަކުގެ މަސައްކަތްކުރާނެ ކުންފުނިތަކެއް ހޯދުމަށް ވަރަށް އަވަހަށް ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން މި އަހަރުގެ ތެރޭގައި 27 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑުތަކެއް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.