English Edition
Dhivehi Edition

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މި މަހުގެ 3 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 45 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

މި ބިލުގައި މީރާގެ ބޯޑުއެކުލެވިގެންވާ ގޮތަށް އިސްލާޙް ހުށަހަޅާފައިވެއެވެ. އެގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެމްބަރެއްގެ މައްޗަށްކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެމްބަރަކާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

މީގެ އިތުރުންވެސް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ އެކިއެކި މާއްދާތަކަށް މި ބިލުން އިޞްލާހު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމާބެހޭ މާއްދާއަކާއި މުޢާހަދާއަށް ޢަމަލުކުރުމާބެހޭ މާއްދާއެއް އިތުރުކޮށް ޤާނޫނުގެ ފަސްވަނަ ބާބުގެ ސުރުޚީގެ ނަން ބަދަލުކުރުންވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.