English Edition
Dhivehi Edition

ސަގާފީ ތަރިކައިގެބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސް ޞާލިޙް މިއަދު ތަޞްދީޤު ކުރެއްވެވި މިބިލަކީ މިއަހަރުގެ އޮގަސްޓް 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

ސަޤާފީ ތަރިކައިގެ މިބިލުގައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ ޢަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައަޅާފައިވެއެވެ.

އަދި މީގެ އިތުރަށް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެޤާނޫނުވެސް މިބިލުގައިހިމެނިފައިވެއެވެ.
މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ސަޤާފީ ތަރިކަ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަޤާފީ ތަރިކަ ދެނެގަނެ، ސަޤާފަތް ދިރުވައި އާލާކޮށް، އެ ތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ވެސް ހިމެނެއެވެ. އަދި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި އެކިއެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ޤާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ޤާނޫނުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކުރާ ކަންކަމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ހިމެނެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.