English Edition
Dhivehi Edition

އިންޑިޔާގެ މަދްޔަ ޕްރެދޭޝްގައި ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ “ސްވީޕް 2019” ގައި ތަފާތު 20 ގައުމަކުން މީހުން ބައިވެރިވެފައިވާއިރު އެންމެ ބޮޑު ޑެލިގޭޝަނެއް ބައިވެރިކޮށްފައިވަނީ ދިވެހި ރާއްޖެއިންނެވެ. މި ޑެލިގޭޝަނުގައި އިއްތިފާގުން ނަމަވެސް ހިމެނިފައިވަނީ އައްޑޫސިޓީއަށް ނިސްބަތްވާ މީހުންނެވެ، ތަފާތު އެކި ނަންނަމުގައި އައްޑޫއަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރާ އައްޑޫގެ ރައްޔިތުންނެވެ.

ގްލޯބަލް ސަމިޓް އޮފް ވިމެން އޮންޓްރަޕްރެނިއަރޝިޕް (ސްވީޕް) އަކީ އޮންޓްރަޕްރިނިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މީގެ ތެރެއިން ވިޔަފާރިވެރި އަންހެނުން އެއްތަނަކުން ބައްދަލުކޮށް ނެޓްވޯކް ގާއިމުކުރުމަށް މަގުފަހިކުރުމާއި ބައިނަލް އަގުވާމީ މާކެޓްތަކަށް ލޯހުޅުވި ބައިނަލް އަގުވާމީ ޕޮލިސީތައް ތަރައްގީކޮށް އަންހެނުންނަށް ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ހޯދައި ދިނުން ފަދަ ކަންކަން ވަނީ ހިމެނިގެން ގޮސްފައެވެ. ހަމަ މިއާއެކު ވިޔަފާރީގައި ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށް އެމީހުންގެ ވިޔަފާރި، ބައިނަލް އަގުވާމީ މާކެޓްތަކަށް ފޯރުކޮށްދިނުމަށް އެހީތެރިވާނެ ގޮތްތައް ޕްރޮގްރާމުގެ ތެރެއިން ވަނީ ދަސްކޮށްދީފައެވެ.

ސްވީޕްގައި އައްޑޫސިޓީގެ ޑަބްލިޔުޑީސީ އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް)، އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) މޯލްޑިވްސް ވިމެން ޗެމްބަރަ އޮފް ކޮމާރސް (އެމްޑަބުލިޔުސީސީ) އަދި މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާ ( އެމްއީސީ) އިން މުޅިއެކު 21 އަންހެނުން ވަނީ ބައިވެރިވެފައެވެ. ޕްރޮގްރާމު އިންތިޒާމުކުރި، މަދްޔަ ޕްރެދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓްރަޕްރެނިއަރސް އެސޯސިއޭޝަން (މާވޭ) އިން ރާއްޖޭގެ ޑެލިގޭޝަނުގެ އިސް ބޭފުޅެއްގެ ގޮތުގައި ކަނޑައަޅުއްވަވާފައިވަނީ ޑރ މަރިޔަމް ޝަކީލާއެވެ. ޑރ މަރިޔަމް ޝަކީލާއަކީ މާވޭ އުފެދުނީއްސުރެ އެ އެސޯސިއޭޝަނާއެއްކޮށް މަސައްކަތް ކުރައްވަވަމުން ގެންދަވާ އަދި ދުނިޔޭގެ ފެންވަރުގެ ޕްލެޓްފޯމުތަކުގައި އަންހެނުންނަށް މިފަދަ ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަވަމުން ގެންދަވާ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރި އަންހެން ކަނބަލަކަށް ވުމުންނެވެ.

ސްވީޕްގައި ބައިވެރިވި ހުރިހާ މެމްބަރުންނަކީ އައްޑޫއަށް ނިސްބަތްވާ މެމްބަރުން ކަމަށް ވުމުން ޕްރޮގްރާމު ކާމިޔާބު ކަމާއެކު ނިންމާލާ އެއިން ހާސިލްވި އެއްޗަކާއެކު އެނބުރި އައްޑޫއަށް އަންނައިރު އައްޑޫއަށް ފައިދާކުރާނެ ގިނަ ކަންތައްތަކެއް ގެންނަން ޖެހެއެވެ. ވަކިން ޚާއްޞަކޮށް އައްޑޫސިޓީ ކައުންސިލުން ލައްކައެއްހައި ދިވެހި ރުފިޔާ ޚަރަދުކޮށް ޓީމެއް ފޮނުވާފައިވާ އިރު އޭގެ ބަދަލުގައި އައްޑޫއަށް ބޮޑު ކުރިއެރުމެއް އަންނަން ޖެހެއެވެ. އެހެން ނަމަވެސް ޕްރޮގްރާމު ނިމިގެން ދިޔައިރު ފެނިގެން ދިޔައީ އުއްމީދުކުރި ގޮތަށް ކަންތައްތައް ވެދާނެ ކަމާމެދު ސުވާލު އުފެދޭފަދަ ކަންތައްތަކެވެ. އެންމެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ ރާއްޖެއިން ބޭރުގައުމެއްގައި ތިބެ، ޕްރޮގްރާމުގައި ބައިވެރިވި އެހެން މެމްބަރުންނާއި އައްޑޫސިޓީ ކައުންސިލުން ފޮނުވި ޓީމުގެ ގުޅުން ކުޑަވުމެވެ. ގުޅެން ބޭނުން ނުވެ މުޅިން ވަކި ގުރޫޕެއްގެ ގޮތުގައި މަސައްކަތް ކުރަން އުޅުމެވެ. އެންމެން އެކައްޗަކަށް ވެ ތިބެ އަމިއްލަ ސިޓީއާއި އަމިއްލަ ގައުމަށް ފައިދާ ވާނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ވަކި ޖަމާއަތެއްގެ ގޮތުގައި އެކަނި މަސައްކަތް ކުރުމަށް އެޓީމުން ޝައުގުވެރިވުމެވެ. އެކަން ފާހަގަކުރީ އެހެން ގައުމުތަކުން ގޮސް ތިބި މިފަދަ ޕްލެޓްފޯމުތަކުގެ ތަޖުރިބާ ކާރުންނެވެ. މީގެ އިތުރުން ޕްރޮގްރާމު އިންތިޒާމު ކުރި ފަރާތުން ތަފާތު އެތައް ފަހަރެއްގެ މަތިން ޑެލިގޭޝަންގެ ލީޑަރ ޑރ މަރިޔަމް ޝަކީލާއާއި އެސުވާލު ކުރިމަތި ކުރުވިއެވެ.

ސްވީޕް ޕްރޮގްރާމާ ބެހޭ މައުލޫމާތު އެންމެ ފުރަތަމަ ރާއްޖޭގެ ޖަމިއްޔާތަކަށް އިއުލާން ކުރީވެސް އައްޑޫވިމެންސް އެސޯސިއޭޝަނުންނެވެ. އެއާއެކު ޕްރޮގްރާމުގައި ބައިވެރިވާނެ އޮންޓްރަޕްރިނިއަރުން ހޯދުމުގެ މަސައްކަތް “އަވަ” އަދި “ސްކީމް” އިން ފެށިއެވެ. އެގޮތުން އައްޑޫ ސިޓީގެ ޑަބްލިޔުޑީސީ އާއި ބައްދަލުކޮށް ޕްރޮގްރާމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނެވެ. މީގެ އިތުރުން ޑރ މަރިޔަމް ޝަކީލާގެ އެދިލެއްވުވުމުގެ މަތިން މާވޭއިން ވަނީ ޑަބްލިޔުޑީސީއަށް ރަސްމީކޮށް ލިޔުމުން ޕްރޮގްރާމުގައި ބައިވެރިވުމަށް ދައުވަތުވެސް ފޮނުވާފައެވެ.

ސްވީޕްގައި ބައިވެރިވި ކޮންމެ މެމްބަރަކުވެސް ކުރި ހުރިހާ ޚަރަދެއް ކުރަންޖެހުނީ އަމިއްލަ ޖީބުންނެވެ. އެގޮތުން ޕްރޮގްރާމުގައި ބައިވެރިވުމަށް ކޮންމެ މެމްބަރަކު ދައްކަން ޖެހުނު 250 ޔޫއެސް ޑޮލަރާއި ޖަބަލްޕޫރާ ހަމައަށް ދާން ޖެހޭ ދެކޮޅު ޓިކެޓުން ފެށިގެން ތިބުމުގެ ޚަރަދުވެސް ކުރަން ޖެހުނީ އަމިއްލައަށެވެ. އެއީ ގާތްގަނޑަކަށް މެމްބަރެއްގެ މައްޗަށް 900 ވަރަކަށް ޔޫއެސް ޑޮލަރެވެ.

ޕްރޮގްރާމުގައި ބައިވެރިވި މެމްބަރުން ބައިވެރިވީ މި ޚަރަދު އަމިއްލައަށް ކޮށްގެންނެވެ. އަމިއްލަ ކުރިއެރުމަށާއި ޖަމިއްޔާގެ ކުރިއެރުމަށެވެ. އަދި ހަމައެހެންމެ އެއިން އަމިއްލަ ރަށާއި ގައުމަށް ފައިދާ ހޯދައިދިނުމަށެވެ.

އަމިއްލަ ޖީބުން ޚަރަދު ނުކޮށް 8 މެމްބަރުން ބައިވެރިކޮށްފައިވަނީ އައްޑޫސިޓީ ކައުންސިލުންނެވެ. ޑަބްލިޔުޑީސީގެ 6 މެމްބަރުންނާއި ހިތަދޫ މެދުދާއިރާގެ ކައުންސިލަރ އާއި އަދި ކައުންސިލް އިދާރާގެ މުވައްޒަފަކު ޕްރޮގްރާމުގައި ބައިވެރިކުރުމަށް ޚަރަދުކޮށްފައިވަނީ ޑަބްލިޔުޑީސީގެ ބަޖެޓުންނާއި ރައްޔިތުންގެ ޓްރަސްޓް ފަންޑުންނެވެ. ގާތްގަނޑަކަށް ލައްކައަކަށް ވުރެ ގިނަ ފައިސާ މި ޕްރޮގްރާމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ޚަރަދުކޮށްފައެވެ.

މައްސަލަ ދިމާވީ އެހިސާބުންނެވެ. ކޮންމެ ޖަމިއްޔާއަކުން ވެސް އަމިއްލަ ޖީބުން ބޮޑު ޚަރަދެއްކޮށް އެ ޖަމިއްޔާ ތަމްސީލްކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ޑަބްލިޔުޑީސީން ބޭނުންވީ އަމިއްލަ ޖަމިއްޔާގެ ބަދަލުގައި ހުރިހާ ޖަމިއްޔާތަކުންވެސް އައްޑޫސިޓީގެ ނަމުގައި ސްވީޕްގައި ތަމްސީލް ކުރުމަށެވެ. އަދި އައްޑޫގެ ޑެލިގޭޝަނެއްގެ ގޮތުގައި ސްވީޕްގައި ބައިވެރިވުމަށެވެ. ނަމަވެސް ބައިވެރިވި އެހެން ޖަމިއްޔާތަކުން ބުނެފައިވަނީ އަމިއްލައަށް އެހާބޮޑު ޚަރަދެއް ކޮށްގެން ދާއިރު، ބައިނަލް އަގުވާމީ އެފަދަ ޕްލެޓްފޯމެއްގައި ތަމްސީލު ކުރެވޭނީ އަމިއްލަ ޖަމިއްޔާ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ އެންމެންނަކީ ވެސް އައްޑޫއަށް ނިސްބަތްވާ މީހުންކަމުން އައްޑޫސިޓީއިން އަންނަ ޓީމަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ. އެހާ ހިސާބުން ޑަބްލިޔުޑީސީއިން “ސްވީޕް” ގެ ނަމުގައި ހަދާފައިވާ ވައިބަރ ގުރޫޕުން ވެސް އެހެން މެމްބަރުން ނެރެލީއެވެ.

ބައިނަލް އަގުވާމީ ޕްލެޓްފޯމުތަކަކީ ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރަންޖެހޭ ތަންތަން ކަމަށް ވުމާއެކު ސްވީޕްގައި ބައިވެރި އެހެނިހެން މެމްބަރުން އެކުވެގެން މަސައްކަތް ކުރީ އައްޑޫސިޓީ ޓީމާވެސް ގުޅިގެން މަސައްކަތް ކުރުމަށެވެ. ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ ޓީމުން ދައްކާފައިވަނީ ތަފާތު މަންޒަރެކެވެ. މީގެ އިތުރުން ބޭރުގެ އެކިއެކި އެންޖީއޯ ތަކާ ބައްދަލުކޮށް ، އައްޑޫގައި އަންހެނުންނަށް ފައިދާ ވާ ގޮތަށް މަސައްކަތް ކުރާ ހަމައެކަނި ޓީމަކީ ޑަބްލިޔުޑީސީ ކަމަށް ބުނެ ވާހަކަ ދެއްކުމުން އެ އެންޖީއޯ ތަކުން ވަނީ ޕްރޮގްރާމުގައި ބައިވެރިވި އެހެން މެމްބަރުންނާ އެސުވާލު ކުރިމަތިކުރުވާފައެވެ.

“ތިޔައީ ދެ ޑެލިގޭޝަނެއްތަ؟ އަހަރެމެން ހީކުރީ ރާއްޖެއޭ ބުނީމާ ތިޔައީ އެއްބައެއް ކަމަށް. އެކަމަކު އެމީހުން އެއުޅެނީ މުޅިން ވަކިން. އެއީ ކީއްވެ؟ ކޮމިޔުނިޓީ މަސައްކަތް ކުރާއިރު ތިޔަ ދައްކަނީ ރަނގަޅު ނަމޫނާއެއް ނޫން” މާވީގެ ރައީސާ އަރުޗަނާ އެތައްފަހަރަކު އެވާހަކަ ތަކުރާކުކޮށް ވިދާޅުވުމުން ލަދުގަންނަން ޖެހުނެވެ.

މީގެ އިތުރުން އެންމެ ބޮޑަށް އަރުޗަނާ ފާހަގަކުރެއްވެވީ އައްޑޫގައި ފެޝަން ޑިޒައިނަރސް ވީކެއް ބޭއްވުމަށް އިއުލާން ކުރުމުން އެކަމަށް ޑަބުލިޔުޑީސީ ޓީމުން ދިން ފިނި ތަރުހީބަށެވެ.

“އަޅުގަނޑު އެވާހަކަ ކައުންސިލަރ ޖަމްޝީދާއާއި ދެއްކިން. ޖަމްޝީދާ ވިދާޅުވީ އެކަހަލަ އިވެންޓަކުން ފައިދާވާނީ ހަމައެކަނި ފެހުންތެރިންނަށް ނޫންހޭ. އެކަމަކު އިންޓަނޭޝަނަލް އިވެންޓެއް އައްޑޫގައި ބޭއްވޭނެ ގޮތް ވުމަކީ އޭގެ ސަބަބުން ގިނަ ފައިދާ ތަކެއް އައްޑޫއަށް ލިބި އައްޑޫ ޕްރޮމޯޓް ކުރުމަށް ލިބޭނެ ފުރުސަތަކަށް ވެގެންދާނެ. މީގެ ސަބަބުން ފަހާ މީހުންނާއި ޑިޒައިނަރުންނާއި އައްޑޫގެ ޓޫރިޒަމަށާއި އަދިވެސް މިފަދަ ކިތަންމެ ބަޔަކަށް ފައިދާ ކުރާނެ. މިފަދަ އިވެންޓެއް ބޭއްވުމަށް ކޮންމެހެން ސަރުކާރު ބައިވެރިކުރާކަށް ނުވެސް ޖެހޭ. ޖަމިއްޔާތަކުން މިކަން ފުރިހަމައަށް ކުރެވޭނެ. މި އިވެންޓް އައްޑޫގައި ބޭއްވުމަށް އަޅުގަނޑު ރެކޮމޮންޓް މި ކުރީވެސް ޑެލިގޭޝަނުގައި ތިބީ އައްޑޫ މީހުންކަމަށް އައްޑޫއަށް ފައިދާއެއް ހޯދައި ދިނުމަށް” ޑރ ޝަކީލާ ވިދާޅުވިއެވެ.

ޑަބްލިޔުޑީސީ ޓީމުން މުޅިން ވަކިން މަސައްކަތް ކުރަން ބޭނުންވި ނަމަވެސް ޑެލިގޭޝަން ލީޑަރަކަށް ހުންނަވައިގެން ޑރ ޝަކީލާ ވަނީ އެޓީމާއެކު ރަނގަޅު ނެޓްވޯކްތައް ގާއިމު ކުރެވޭނެ ފަދަ ގިނަ މަސައްކަތް ކޮށްފައެވެ. އެގޮތުން މަޝްހޫރު ފަރާތްކާއި ބައްދަލު ކުރުވާ އެފަރާތްތަކަށް ޓީމު ތައާރަފް ކޮށްދެއްވުމަށް ޝަކީލާ މަސައްކަތް ކުރެއްވެވިތަން ފެނުނެވެ.

“ޑަބްލިޔުޑީސީ ޓީމުން ވަކިން މަސައްކަތް ކުރަން ބޭނުންވިކަން އެއީ އެޓީމުގެ ބޭފުޅުންގެ ވިސްނުން. އަޅުގަނޑު މަސައްކަތް ކުރަނީ ސްވީޕްގައި ބައިވެރިވި ހަމަ ކޮންމެ މީހަކަށް ވެސް މިތަނުން އެނބުރި ދާއިރު ފައިދާތަކެއް ކޮށްގެން ދެވޭނެ ގޮތް ހޯދައިދެވޭތޯ. އަޅުގަނޑާ ވާހަކަ ދައްކަން އެޓީމުން ބޭނުން ނުވިޔަސް އަޅުގަނޑު ދައްކާނަން. އަޅުގަނޑު މަސައްކަތް ކުރަނީ ޕްރޮފެޝަނަލްކޮށް. އަދި ގަބޫލުކުރަނީ މިތަނަށް އައި ކޮންމެ މީހަކީ ޕްރޮފެޝަނަލް މީހެއް ކަމަށް” ޑރ ޝަކީލާ ވިދާޅުވިއެވެ.

ސްވީޕްގައި ބައިވެރިވި ދުނިޔޭގެ ނަން މަޝްހޫރު އެންޖީއޯތަކުގެ ބައެއް ފަރާތްތަކާ ބައްދަލުކޮށް ވާހަކަ ދައްކާލުމުން ބުނީ ރާއްޖޭގެ ޑެލިގޭޝަނުން ބައިވެއިވެރިވި އެއް ޓީމަކުން ޑރ ޝަކީލާއާއި މެދު ހިތްހަމަނުޖެހުން ގެންގުޅޭކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އަދި މިފަދަ އެހެން ޕްލެޓްފޯމްތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރުމުން ޑރ ޝަކީލާ މެދުވެރިކޮށް އެ މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށް ބުނުމާއެކު އެކަމަށް ދެކޮޅުހެދިކަމަށެވެ. އަދި ފޮނުވާ މައުލޫމާތެއް ސީދާ ޑަބުލިޔުޑީސީ ނުވަތަ ކައުންސިލާ ހިއްސާ ކުރުމަށާއި ޑރ ޝަކީލާ މެދުވެރި ނުކުރެއްވުމަށް އެދިފައިވާ ކަމަށެވެ.

އައްޑޫގެ އަންހެނުންނަށް ކުރިއެރުން ހޯދައިދީ، އަންހެނުން ތަމްސީލްކުރުމަށް ހޮވާފައި ތިބި އިސް މަގާމުތަކުގައި ތިއްބެވި ޑަބްލިޔުޑީސީ ޓީމުން ސްވީޕްގައި ތަމްސީލު ކުރީ އައްޑޫސިޓީގެ އަންހެނުން ކަމާމެދު އިވެންޓްގައި ބައިވެރިވި އެހެންޓީމުތަކުން ސުވާލު އުފެއްދިއެވެ.

“އަހަރެމެންނަކީ ވެސް އައްޑޫ ކުރިއެރުވުމަށް މަސައްކަތް ކުރާ އަންހެނުން. އައްޑޫސިޓީ ފަޚުރުވެރިވާން ޖެހޭ އަމިއްލައަށް ބޮޑު ޚަރަދެއްކޮށް އަހަރެމެން މިތަނަށް އައިސް އައްޑޫއަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރާތީ. ޑަބުލިޔުޑީސީން އަހަރެމެންނަށް ދޭން ޖެހެނީ ހިތްވަރު. މިތަނަށް އައިސްތިބި ޓީމާ ޑަބުލިޔުޑީސީ ޓީމުން ބައްދަލުކުރާނެ ކަމަށް ވެސް އުއްމީދު ކުރިން. އަދި އައްޑޫސިޓީގެ ކައުންސިލަރަކު މިތަނުގައި ހުންނެވިއިރު މިތަނުގައި ތިބި އައްޑޫ މީހުންނާ ވަކިން ބައްދަލުކޮށް މަޝްވަރާ ކުރައްވަވާނެ ކަމަށް ވެސް ހީކުރިން. އެކަމަކު މި ފެނިގެންދަނީ އެޓީމުން އައަރެމެންނާ ޖައްސާލައިގެން ވާދަވެރިކަމާއެކު މަސައްކަތް ކުރާތަން” މީދޫ ޗޭނު ޖަމިއްޔާގެ މެމްބަރަކު ބުންޏެވެ.

މުޖުތަމައުގެ ލާބައާއި މަންފާއަށް މަސައްކަތް ކުރެވޭނީ އެފަދަ މަސައްކަތް ކުރާ ބަޔަކު ގުޅިގެން މަސައްކަތް ކޮށްގެންނެވެ. ކޮންމެ ބަޔަކު ކޮންމެ ނަމެއްގައި މަސައްކަތް ކުރިކަމުގައި ވިޔަސް ޓާގެޓަކީ އެކައްޗެކެވެ. އަމިއްލަ ގައުމަށް ނުވަތަ އަމިއްލަ ރަށަށް ލާބައާއި މަންފާ ހޯދައިދީ ކުރިއެރުން ހޯދައި ދިނުމެވެ. މިފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ މަގުސަދަކީ މަޖާ ދަތުރެއް ހަދާލެވުމެއް ނޫނެވެ!