ނޫއިޤްތިޞާދުގެ ނަފާ،އިތުރުވެގެން ދިޔުމުގައި، އަލިފުށީ ވަޑިންގެ ޙިއްޞާ ވަރަށް ބޮޑު: ރައީސް
2 ހަފްތާ ކުރިން
އައިޝާ މުޙައްމަދު

އަލިފުށީ ރައްޔިތުންނަކީ، ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބަޔަކަށްވެފައި ނޫއިޤްތިޞާދުގެ ނަފާ، އެތައް ގުނައެއް އިތުރުވެގެން ދިޔުމުގައި، އަލިފުށީ ވަޑިންގެ ޙިއްޞާ، ވަރަށް ބޮޑުކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިފުށީ ސްކޫލަށް 50 އަހަރުފުރުނު ރަން ޔޫބިލް މުނާސަބާ ފާހަގަކުރުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށްޓަކީ މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެންވެސް ތަޢުލީމީ ބިންގާ އެޅި، ޢިލްމު އުނގަންނައިދިނުމުގެ މުހިންމު މަސައްކަތް ފެށިފައިވާ ރަށެއްކަން ފާހަގަކުރައްވައި އެ ތާރީޚުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އަލިފުށި ސްކޫލު ގިނަ އަހަރުތަކެއް ވަންދެން ހިންގަމުން ދިޔައީ ރައްޔިތުންކަން ފާހަގަކުރައްވައި އެ ސްކޫލްގެ ރަން ޔޫބީލްގެ، ހުރިހާ ޝަރަފަކާއި ފަޚުރެއްގެ ޙައްޤުވެރިންނަކީ، އަލިފުށީގެ ލޮބުވެތި ރައްޔިތުންކަން ރައީސް ފާހަގަކުރެއްވިއެވެ.

Advt

Advertisement

ތަޢުލީމީ ކަންކަމުގެ އިތުރުން އަލިފުށީ ރައްޔިތުންނަކީ، ކިއްސަރު ވަޑާމުގައި އަރާތިބި ބައެއްކަން ފާހަގަކުރައްވައި އެދާއިރާއިން އަލިފުށީ ރައްޔިތުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެރަށުގެ ޢަލީ ޙަސަން، ފަރުމާކޮށް ބަނދެދީފައިވާ ދޯނިފަހަރު އެހެން ޤައުމުތަކުގައި ދުއްވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭނާ މިހާރު ވަނީ، ބައިނަލްއަޤްވާމީ ހޮޓެލް ޗެއިނެއްގެ ލޮޖިސްޓިކް ކުންފުންޏަކަށް، ޑައިވިން އާއި އެކްސްކާޝަންގައި ބޭނުންކުރުމަށް، ތަފާތު ސައިޒްތަކުގެ 5 ދޯންޏެއް ބަނދެދީފައިކަމަށާ އަދި މިހާރުވެސް ޒެންޒިބާރުގައި ބޭނުންކުރުމަށް، އޭނާ އިތުރު ތިން ދޯންޏެއް ބަނުމުގެ މަސައްކަތް ކުރަމުން ގެންދާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި، ޢަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުމަށް، އިސްކަންދެނީ މިފަދަ ސަބަބުތަކަށްޓަކައިކަން ފާހަގަކުރެއްވިއެވެ. އަދި ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ޤާބިލްކަން ހުރި، ޒުވާނަކަށް ހެދޭނީ އެގޮތަށް ކިޔަވައިދީގެންކަމަށާއި މިކަން އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީވެސް، އަލިފުށި ކަހަލަ ހުނަރުވެރި މުޖްތަމަޢުތަކުގެ މީހުންނަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމަޢު، މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރި މީހަކަށް ހަދަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.