މިރޭމޮޅުވެއްޖެނަމަ ކޮންމެ ކުޅުންތެރިޔަކަށް އެއްލައްކަ ރުފިޔާ ދެނީ
2 ހަފްތާ ކުރިން
އައިޝާ މުޙައްމަދު

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ރާއްޖެއާއި ޗައިނާ ކުޅޭ ފުޓްބޯޅަ މެޗުން ރާއްޖެ ބަލިނުވެއްޖެނަމަ، ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއްލައްކަ ރުފިޔާގެ ބޯނަސްއެއް ދޭނެކަމަށް ކުޅިވަރާބެހޭ ވަޒީރު، އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙްލޫފް މިހެން ވިދާޅުވީ، ޗައިނާއާ ދެކޮޅަށް ޤައުމީ ދަނޑުގައި މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗުގެ ކުރިން، ހޮޓެލް ޖެންގައި ޓީމާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ

Advt

Advertisement

މަހުލޫފް ވިދާޅުވީ، މިރޭގެ މެޗުން މޮޅުވެއްޖެނަމަ، ނުވަތަ އެއްވަރުވެއްޖެނަމަ ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާގެ ބޯނަސްއެއް ސަރުކާރުން ދޭން ނިންމާފައިވާ ކަމަށެވެ.

މިރޭ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މި މެޗް ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްވެސް ދަނޑަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ޓީމު މިރޭ ޗައިނާއާ ދެކޮޅަށް ނުކުންނަ މެޗަކީ ދޮޅު އަހަރަށް ފަހު ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ކުޅޭ މެޗެކެވެ. މީގެ ކުރިން ޗައިނާއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން ރާއްޖެ މޮޅުވެފައެއް ނުވެއެވެ.

މިއަދު ގައުމީ ޓީމާއި ބައްދަލު ކުރައްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސަރުކާރުން ޓީމަށް މި ހުށައެޅި ބޮޑު ސަޕްރައިޒިންގް ހުށައެޅުމުގެ ސަބަބުން ފުޓުބޯޅައަށާއި ގައުމީ ޓީމަށް އޮތް އިތުބާރު އެނގިގެން ހިނގައްގެ ކަމަށާއި  އަދި މިރޭގެ މެޗުން މޮޅުވެއްޖެނަމަ އެފްއޭއެމުންވެސް ކުޅުންތެރިންނަށް ބޯނަސް ދޭން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއާއި ޗައިނާ ބައްދަލު ކުރާ މެޗު މިރޭ ގަލޮޅު ދަނޑުގައި ފަށާނީ 8:00 ޖަހާއިރުއެވެ.