English Edition
Dhivehi Edition

ބްރެޒިލްއިން ރާއްޖެ އައި އުމުރުން 32 އަހަރުގެ އަންހެނެއްގެ އަތުން އެއް ކިލޯގެ މަސްތުވާ ތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ. މިކަން ހިނގާފައިވަނީ މިމަހުގެ 1 ވަނަ ދުވަހު ބްރެޒިލް އިން ރާއްޖެ އައި މި މީހާގެ ޢަމަލުތައް ހުރި ގޮތުން އޭނާއާއި މެދު ޝައްކު ކުރެވިގެން ބަލާ ފަސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފައިވެއެވެ. ކަސްޓަމްސް އިން ވަނީ އެމީހާގެ ހަށިގަނޑުގައި ރައްކާކޮށްފައިވާ 1089 ގްރާމްގެ 70 ކެޕްސޫލް ހޯދާފައެވެ. އަދި އެތަކެތި ފުރަތަމަ މަރްޙަލާގައި ޓެސްޓް ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ މަގުމަތީ އަގު ތިން މިލިއަން އަށް ލައްކަ އެގާރަ ހާސް ފައްސަތޭކަ ރުފިޔާއަށް އަރާނެ ކަމަށް ބެލެވިފައި ވެއެވެ. މި މައްސަލާގައި ޝާމިލުވާ މީހާއާއި އަތުލައި ގަނެވުނު މަސްތުވާ ތަކެތި މިހާރު ވަނީ ފުލުހުންނާ ޙަވާލު ކޮށްފައެވެ. ކަސްޓަމްސް އިންވަނީ މިއަހަރުގެ މިހާތަނަށް 24.78 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފައެވެ.