English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

އައްޑޫ ސިޓީގައި މަސައްކަތްކުރާ ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ ހިތަދޫ ގެއެއް ބަލައިފާސްކޮށް ބަނގުރަލާއެކު ދެމީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސަޓްގައި ވިދާޅުވެފައިވަނީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އަދި އެދެމީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ ގެއެއްގައި ބަނގުރާ ކައްކައި، އެބޭނުންކުރަމުންދާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ސެޕްޓެންބަރ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކުށުގެ ވެށިންކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި އެގެ ބަލައިފާސްކުރިއިރު އެގޭގެ ކޮޓަރިއެއްގެތެރެއިން ބަނގުރާކަމަަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުންގެ ވެބްސައިޓްގައި ވިދާޅިުވެފައި ވެއެވެ.

މިމައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.