English Edition
Dhivehi Edition

ފިޔާއަކީ ވަރަށް ވޭންދެނިވި ތަރުކާރީއެކެވެ. ފިޔާ ކެއުމުން އަނގައިގައި ނުބައިވަސް ހިފުމުގެ އިތުރުން އަދި ކޮށާއިރު ލޮލުން ދިލަނަގާ ކަރުނައާދެއެވެ. އެހެން ނަމަވެސް ކެއްކުމަށް ބެނުންކުރާ މި ތަރުކާރީ އަކީ ކާނާގެ ރަހަމީރުކޮށްދޭއެންމެ މުހިންމު އެއް ބާވަތެވެ.

ދިރާސާކުރާފަރާތްތަކުން ބުނަނީ ފިޔާކޮށާއިރު ލޮނުން ކަރުނަ އަންނަނީ އޭގައި ހިމެނޭ އެމައިނޯ އެސިޑެއް ކަމަށްވާ ސަލްފޮއޮކްސައިޑުންނެވެ. ފިޔާ ކޮށާއިރު އޭގައި ހުންނަ ލޭޔާތައް ހަލާކުވުމުން ނިކުންނަ ގޭހުން ލޮލުން ދިލަނަގާ ލޮލުން ކަރުނައަންނަންފަށައެވެ. ފިޔާއިން ނިކުންނަ ގޭހެއްކަމަށްވާ ސިންޕްރޮޕަނެތިއަލް އެސް-އޮކްސައިޑަކީ  ލޮލުގެ ގްލޭންޑަށް އެންމެ ބޮޑަށް ހަމަލާދޭ އެއް ގޭހެވެ. މިގޭހުން މުޅި ލޮލުން ކެތްނުކުރެވޭވަރަށް ދިލައެއްނަގަންފަށައި ކަރުނަ ފައިބައެވެ.

ފިޔާކޮށާއިރު ބައެއް މީހުންގެ ލޮލުން ދިލަނަގާ ކަރުނަ ފައިބާއިރު އަނެއްބައި މީހުންގެ ލޮލުން ކަރުނަ ނާންނަކަން ފާހަނގަ ކުރެވޭނެއެވެ. މިކަމުގެ ސަބަބެއް ކަމަށް ސައިންސް ވެރިން ބުނަނީ ބައެއްމީހުންގެ ލޮލުގެ ލެކްރިމަލް ގްލޭންޑް އެހާ ސެންސިޓިވް އެއްނޫން ކަމަށެވެ. އެގޮތުން ލެކްރިމަލް ގްލޭންޑް ސެންސިޓިވް މީހުންގެ ލޯތޮރުފާލައި މިގޭސް ވަނުމުން ދިލަނަގާ ކަރުނަފައިބައެވެ.

ފިޔާކޮށާއިރު ލޮލުން ދިލަނެގުމާއި ކަރުނަފޭބުން ހުއްޓުވުމަށް ބެނުން ކުރެވިދާނެ ބައެއް އުކުޅުތައް:

– ފިޔާކޮށާއިރު ލޮލަށް ހަމަލާދޭ ގޭސް ކަމަށްވާ ސަލްފޮއޮކްސައިޑުން ސަލާމަތް ވުމަށް ފިޔާކޮށުމުގެ 15 މިނެޓްކުރިން ފްރިޖްގެ ގަނޑުކުރާބައިގައި ފިޔާބާއްވާށެވެ. އެހެން ނޫނީ 1 ގަޑި އިރު ކުރިން ފްރިޖްގައި ބާއްވާށެވެ.

– ފިޔާކޮށުމުގެ ގަޑިއެއްހާއިރު ކުރިން ބޯތައްޓަކަށް ފިނިފެން އެޅުމަށްފަހު ފެނުގެ ތެރެއަށް ފިޔާއަޅާފައި ބަހައްޓާށެވެ.

– ފިޔާކޮށާއިރު މޫނަށް ވައިޖެހޭނެހެން ފަންކާއެއް ކުރިމަތީގައި ހުރެގެން ކޮށާށެވެ. މިހެން ހެދުމުން ފަންކާގެ ވައިން ފިޔާއިން އަރާގޭސް ދުރުކޮށްދޭނެއެވެ.

– ފިޔާކޮށާއިރު ތޫނުވަޅިއެއް ބޭނުން ކުރުމަކީ ފިޔާގައި ހުންނަ ލޭޔާތަހަލާކު ނުވެ އޭގެން ނިކުންނަ ގޭސް ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.

-އަނެއްގޮތަކީ މިނުބައި ގޭހުން ލޯސަލާމަތް ކުރުނަސް ގޮގްލްސް ބޭނުން ކުރުމެވެ. މިއީ ތަންކޮޅެއް އޮޑް އަދި ޖޯކް ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް މިހެން ހެދުމުން ލޯސަލާމަތް ވާނެއެވެ.

ފިޔާއަކީ ކެއްކުމުގައި ކާނާއަށް މީރު ރަހަ ގެނެސްދީ އެއާނުލައި ކެއްކުން ފުރިހަމަ ނުވާނެ ތަރުކާރީ އެއްކަން ޔަގީނެވެ. ފިޔާ އިން އަޅުގަނޑުމެން ގެ ލޮލުގައި އަޅާވޭން ކުޑަކޮށް ދޭ މި އުކުޅުތައް ބޭނުން ކުރުމަކީ ލޯސަލާމަތް ވާނެކަމެކެވެ.