English Edition
Dhivehi Edition

އަންނަ ސެޕްޓެންބަރު މަހުގެ 4 އިން 5އަށް ޝަރަފުއްދީން ސްކޫލުގައި ބާއްވަން ހަމަޖެހިފައިވާ އެންއައިއީގެ 5ވަނަ ބައިނަލްއަގްވާމީ ޓީޗަރސް ކޮންފަރެންސަށް ޝަރަފުއްދީން ސްކޫލުން ވަރަށްބޮޑަށް ތައްޔާރުވަމުން އެބަދެއެވެ.

ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ހުސައިން މުސައްވިރު އިއްޔެ އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫގައި ފުރަތަމަ ފަހަރަށް ބާއްވާ ޓީޗާރސް ކޮންފަރެންސް ޝަރަފުއްދީން ސްކޫލުގައި ބާއްވަން އެންއައި އީ އިން ނިންމުމާއި ގުޅިގެން ޝަރަފުއްދީން ސްކޫލުންދަނީ އެކަމަށް ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ.

އަދި މިކޮންފަރެންސްގެ އެންއައިއީގެ ޓެކްނިކަލް ޓީމާއި އެކު މަސައްކަތް ކުރަމުންދަނީ ޝަރަފުއްދީން ސްކޫލުން ކަމަށާއި ކޮންމެ ހަފްތާއަކުވެސް، ކޮންފަރެންސާއި ގުޅޭގޮތުން އެންއައި އީއާއި އެކު ބައްދަލުވުންތައް ބާއްވައި މަޝްވަރާތައް ކުރައްވަމުން ދާކަމަށެވެ.

އަދި މި ކޮންފަރެންސަކީ އެންއައި އީ އިން މުޅި އައްޑޫއަށް ގެނެސްދޭ ބޮޑު ހަރަކާތަކަށްވާތީ ކޮންފަރެންސްގެ ކަންތައްތައް ރާވައި އިންތިޒާމު ކުރަމުންދަނީ އައްޑޫގެ ހުރިހާ ސްކޫލްތަކާއި އައްޑޫސިޓީ ކައުންސިލާއި ޖަމިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އެކި އޮފީސްތަކާއި އައްޑޫގެ ވިޔަފާރިވެރިންވެސް ވަރަށްބޮޑަށް ގުޅިގެން ކަމަށެވެ.

ވުމާއެކު ޝަރަފުއްދީން ސްކޫލުންދަނީ ކޮންފަރެންސްގެ ކަނަތައްތައް އެންއައިއީގެ މަޝްވަރާގެ މަތިން މި ފަރާތްތަކާއި އެކު ކޯޑިނޭޓްކޮށް ވީހާވެސް ފުރިހަމަކޮށް ކޮންފަރެންސް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންކަމަށެވެ.

“ކޮންފަރެންސްގެ އެކި އެކި ކަނަތައްތައް މިހާރުވަނީ އެކިއެކި ފަރާތްތަކާއި ހަވާލުކުރެވިފައި، އައްޑޫ ސިޓީ ކައުންސިލާއި ސްކޫލުތަކާއި އެކި އެކި ޖަމާޢަތްތަކުން ކޮންފަރެންސަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވައި ވަރަށް ފުރިހަމައަށް މިކަމުގައި ހިއްސާވަމުން ދަނީ، އަޅުގަނޑުމެން އެދުނު ހުރިހާކަމެއް އެބޭފުޅުންދަނީ ކޮށްދެއްވަމުން. އެޑިއުކޭޝާން މިނިސްޓްރީއާއި، އައްޑޫސިޓީގެ މޭޔަރާއި ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުގެ އެހީތެރިކަމާއި އެއްބާރުލުންވެސް ވަރަށް ބޮޑަށް ލިބިގެން ސްކޫލު މިވަރުގެ ބޮޑުކަމަކަށް ތައްޔާރުވަމުން މިދަނީ” މުސައްވިރު ވިދާޅުވިއެވެ.

އަދި ޝަރަފުއްދީނުގައި ކޮންފަރެންސް އޮމާންކަމާއި އެކު ބޭއްވުމަށް ސްކޫލުގެ ޓީޗަރުންނާއި ހުރިހާ މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންވެސް ވަރަށް ފޯރީގައި، އެންމެން ވަރަށް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންކަމުން އެ އެންމެހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު  އަދާކުރާ ކަމުގައިވެސް މުސައްވިރު ވިދާޅުވިއެވެ.

ޓީޗާސް ކޮންފަރެންސަކީ ގިނަ އަދަދެއްގެ ބޭރުގެ މެހުމާނުން އައްޑޫއަށް ޒިޔާރަތް ކުރާނެ ހަރަކާތަކަށް ވުމާއި އެކު މެހުމާނުންނަށް މަރުހަބާ ދަންނަވާ އިރު އައްޑޫ އަކީ ސާފު ރީތި ތަނެއްގެ ގޮތުގައި ބާއްވަން އައްޑޫ ސިޓީ ކައުންސިލާއި ސްކޫލްތަކުންދަނީ އައްޑޫސިޓީގެ އެކި ސަރަހައްދުތައް ސާފުކޮށް ރީތިކުރަމުންނެވެ.

އެގޮތުން ގަމުން ފެއްޓިގެން އައްޑޫސިޓީގެ ކޯއްޓޭއާއި ހަމައަށް އައްޑޫ ސިޓީ ސާފުކޮށް ރީތި ކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް އެބަ ގެންދައެވެ. އިއްޔެ ޝަރަފުއްދީނުގެ މުވައްޒަފުންނާއި ކެޑޭޓުންނާއި ކަބްސްކައުޓުންނާއި ގައިޑުންނާއި ލިޓްލްމެއިޑުންނާއި ސްކޫލްގެ ބެލެނިވެރިން ވަނީ ސްކޫލުގެ ގޯތިތެރެއާއި ސްކޫލްގެ ވަށައިގެން އޮތް ސަރަހައްދުން ކުނިބުނި ނަގައި ސާފުކޮށްފައެވެ. އަދި ގަސްމުށިތައް ބަހައްޓައި ރީތިކޮށްފައެވެ.

އެންއައިއީ އިން ކޮންމެ ދެއަހަރުން އެއް އަހަރަކު ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސެއް ބާއްވައެވެ. މީގެކުރިން މިކޮންފަރެންސްތައް ބާއްވާފައިވަނީ މާލޭގައެވެ. އެންއައިއީ އިން މިއަހަރުގެ ކޮންފަރެންސް އައްޑޫ ސިޓީގައި ބާއްވަން ނިންމީ ލާމަރުކަޒީ ގޮތުން އިދާރާތައް ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްބާރުލުން ދިނުމަށް ކަމަށް އެ އިންސްޓިޓިއުޝަނުންވަނީ ވިދާޅުވެފައެވެ.

1 ކޮމެންޓް
ސަފުލް އަންވާރު
އޮގަސްޓް 30, 2019
ޓިޗަރުން ތުންދިގު ކޮއްގެން މިތިބި ބެލެނިވެރިން ފެލައިގެން ނަހަމަ ގޮތުގައި އިސްރާފު ނުކުރެވިދާނެތީބާ