English Edition
Dhivehi Edition

މަޖިލީހުގެ ދާއިރާތައް ލިޔާއިރު، އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ނަންތައް ހިމަނަން އިންތިޚާބީ ދާއިރާތައް ކަނޑަ އެޅުމާބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މި އިސްލާހު ހުށަހަޅުއްވައިފައި ވަނީ އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށްފަހު، ރަސްމީ ލިޔުންތަކުގައި ދާއިރާގެ ނަން ލިޔާއިރު އެ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ނަން ހިމެނޭ ގޮތަށް ލިޔުމަށެވެ.

އަދި އިންތިހާބީ ދާއިރާގެ ނަން ލިޔެވިފައި އޮންނަން ވާނީ އާބާދީގެ ތަރުތީބުން، އެންމެ އާބާދީ ބޮޑު ރަށުގެ ނަން އެންމެ ކުރިއަށް އޮންނަ ގޮތަށް، އާބާދީގެ ބޮޑު މިނުގެ ތަރުތީބުން ކަމަށް ބިލުގައިވެ އެވެ. އަދި އެންމެ އާބާދީ ބޮޑު ރަށް ފިޔަވައި، އެހެން ރަށްތައް އޮންނަން ވާނީ ބްރެކެޓެއްގެ ތެރޭގައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ބިލުގައިވާ ގޮތުން، ރަސްމީ ލިޔުންތަކުގައި ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގެ ނަން ބޭނުންކުރި ނަމަވެސް، ކިޔުމުގައި ނިސްބަތްކުރާނީ ކޮންމެ ދާއިރާއެއްގައި ވެސް، އެ ދާއިރާގެ ނަމުގެ ކުރިއަށް އޮންނަ އެންމެ އާބާދީ ބޮޑު ރަށެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ނެވެ.

އިސްލާހު ހުށަހަޅުއްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް މި ރާއްޖެ އަކީ އަތޮޅުތަކަކާއި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވުމުން މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ވެސް ސިޔާސީ ގޮތުން އޭގެ ޒާތުގައި ސަމާލުކަން ދޭން ޖެހޭނެ ރަށެއް ކަމަށެވެ.

ދާއިރާގެ ނަން އެންމެ އާބާދީ ބޮޑު ރަށަށް ނިސްބަތްވާ ގޮތަށް މިހާރު އޮތުމުން އެ ދާއިރާއެއްގައި ހިމެނޭ އިތުރު ރަށްތަކަކީ ކޮބައިކަން ރަސްމީ ލިޔުންތަކުން އެނގެން ނޯންނަކަން މެމްބަރު ފާހަގަ ކުރެއްވި އެވެ.

ދާއިރާތަކަށް މިހާރު ނަން ދެވިފައިވާ ގޮތުން ރާއްޖޭގެ އެތައް ރަށެއްގެ މަންޒަރު ގެއްލި، އެ ރަށްތައް ފެންނާނެ ގޮތެއް ވެސް ނެތް ކަމަށާއި، މިއީ އާބާދީ ކުދި ރަށްތަކަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް ސަލީމް ގެ ވާހަކާގައި ވިދާޅުވި އެވެ.

މިހާރު ޤަވާއިދު އޮންނަ ގޮތުން މީހުން ދިރި އުޅޭ ރަށް ރަށުގައި ކަނޑައަޅާފައި ވާ ދާއިރާ ތަކުގައި ހިމެނޭ ރަށްރަށާއި އަވަށްތަކުގެ ނަންތައް ނުހިމަނާ މައްސަލައަކީ ގިނަ ބައެއްގެ މެދުގައި ޚިޔާލު ތަފާތުވެފައި އޮންނަ މައްސަލައެކެވެ. ގިނަ ބަޔަކު ޤަބޫލު ކުރާގޮތުގައި ފެށުނީއްސުރެން ސަރަޙައްދުތަކަށް ދެވިފައި އޮންނަ ނަން ބޭނުން ކޮށް އެނަންތައް ދިރުވާ އާލާކުރުމަކީ ތާރީޚަށްޓަކައި ވެސް ކުރަން މުހިއްމުކަމެކެވެ.