English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިރޭ، ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފާސްކުރި 1.7 ބިލިއަން ރުފިޔާ އާއި އެއްކޮށް ދައުލަތުގެ މިއަހަރުގެ ބަޖެޓް 32 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ސަރުކާރުން ހުށައެޅި ގޮތަށް ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 15.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުން ވިދާޅުވާނީ މިއަހަރުގެ ބަޖެޓަށް ފައިސާ އިތުރުކުރީ މިސަރުކާރުގެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި ކުރިން ފާސް ކޮށްފައިވާ ބަޖެޓްގައި ހުރި ގިނަ ކަންކަމަކީ ނިމިދިޔަ ސަރުކާރުން ހިމަނާފައިވާ ކަންކަން ކަމަށެވެ.

“ސަޕްލިމެންޓްރީ ބަޖެޓުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް އެކުލަވާލެވުނު ޖަޒީރާ ރާއްޖެ މެނިފެސްޓޯ ގައި ހިމެނޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބަޖެޓް ކަނޑައެޅުން،” ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި އެވެ.