ސިންގަޕޫރުގެ ސަފީރު ރައީސް އާއި މިއަދު ބައްދަލުކުރައްވައިފި
4 ހަފްތާ ކުރިން
ޝާން މުޙައްމަދު

ސިންގަޕޫރުގެ ސަފީރު ހިޒް އެކްސެލެންސީ ޗުއާ ތިއާން ޕޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ސިންގަޕޫރުގެ ސަފީރު ފާއިތުވި 4 އަހަރުދުވަހު ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ބަދަހިކުރައްވަން ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

Advt

Advertisement

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ އެމަނިކުފާނާ އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސިންގަޕޫރުގެ ސަރުކާރުން ދިވެހި ވަފްދާ ދޭތެރޭގައި ބެހެއްޓެވި ގާތްކަމާއި ބެހެއްޓެވި މެހެމާންދާރީ ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައިވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރާއްޖޭގެ ތަރައްޤީގައި ސިންގަޕޫރުން މުހިންމު ދައުރެއް އަދާކުރަމުންގެންދާ ކަމަށާއި، ބޯހިޔާވަހިކަމާއި ތަޢުލީމީ ދާއިރާ އަދި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސިންގަޕޫރުގެ ސަފީރެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވެސް ސިންގަޕޫރުގެ ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ޚަބަރު – ރައީސުލްޖުމްހޫރިއްޔާގެ އޮފީސް