English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލުން އިސްނަގައިގެން މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނަށް ރޭ މާލޭގައި ބޭއްވި ބައްދަލުވުމުގައި އައްޑޫސިޓީ ތަމްސީލުކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ސުވާލުތަކަށް ޖަވާބުދާރީނުވެ ނިކުމެ ވަޑައިގެންނެވުން ގިނަ ބަޔަކު އެކަމަށް ފާޑުކިއުންތައް އަމާޒުކޮށްފި އެވެ.

ގިނަ ބަޔަކު ވަނީ މިކަން ސަމާސާ ގޮތަކަށް ވެސް ނަގާފައެވެ. އަދި އައްޑޫ އިން ފައިބައިގެން ކާށިދޫ އަށް ބަދަލުވާ ވާހަކަވެސް ބައެއް މީހުން މީސްމީޑިޔާގައި ހިއްސާ ކުރެއެވެ.

ރޭގައި ހިނގައި ދިޔަ ހާދިސާއަށް ފަހު ގިނަ މަޖިލިސް މެމްބަރުންނަށް ފާޑުކިއުންތައް އަމާޒުވިއިރު އެ ބައްދަލުވުމުގައި ބައިވެރިވި އެންމެ މެމްބަރަކު ފިޔަވައި ހުރިހާ މެންބަރުންނަށް ފާޑުކިޔާފައި ވެއެވެ. ބައެއް ރައްޔިތުން ފޭސް ބުކްގައި ބުނެފައި ވަނީ ބައްދަލުވުން ނުކުތް މަޖިލިސް މެމްބަރުންނަނީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހިއްވަރެއް ނެތް ބައެއް ކަމަށާއި ކެތްތެރިވާން ނޭގޭ ބައެއް ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު އެވެ. ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ފިޔަވައި ހުރިހާ މެމްބަރުން ބައްދަލުވުން ދޫކުރަށްވައި ވަނީ ބޭރަށް ވަޑައިގެންފައެވެ.

މަޖިލިސް މެންބަރުން ރޭގެ ބައްދަލުވުމުން ނިކުތް ނަމަވެސް، އެ މެމްބަރުންގެ ފަރާތުން އަދި އިތުރު ޖަވާބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އުއްމީދަކީ ވަރަށް އަވަހަށް ރައްޔިތުންނާއި އެ މެމްބަރުން، ބައްދަލުވުމުން ނިކުތް ސަބަބު ހިއްސާ ކުރަށްވާނެ ކަމެވެ.