English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އާއި އެމެރިކާގެ ނޭވީ ސީލް ގުޅިގެން “އެކްސަސައިޒް ފްލޭޝް މެޓަލް 19-01” ގެ ނަމުގައި އަސްކަރީ ފަރިތަކުރުންތަކެއް މިއަދު ފަށައިފި އެވެ. މި ފަރިތަކުރުންތައް ފަށާފައި ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ.ކައްދޫގައި އެވެ.

އެމްއެންޑީއެފުން ބުނީ މި ފަރިތަކުރުންތައް މިއަދުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކައްދޫގައެވެ.

އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެއެވެ. އޭގެ އިތުރުން މުދައްރިބުންގެ ގޮތުގައި އެމެރިކާގެ ނޭވީ ސީލްގެ ސިފައިން މި ތަމްރީނުތަކުގައި ޙަރަކާތްތެރިވެއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އޮފިސަރުންނާއި، އެމެރިކާ އަސްކަރިއްޔާގެ ނޭވީ ސީލްގެ ސިފައިންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވާ ދިވެހި ސިފައިން ވެސް ބައިވެރިވެފައިވެއެވެ.