English Edition
Dhivehi Edition

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، މިއަދު ހެނދުނު ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފި އެވެ. އެމްއެންޑީއެފް އިން ބުނީ މިއީ ޗީފް އޮފް ޑިފެންސް ފޯސް ތައިލެންޑަށާއި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗީފް އޮފް ޑިފެންސް ފޯސްއަށް އަލްވަދާޢު ވިދާޅުވީ މެރިންކޯގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕަރސަނަލް ސަރވިސަސް (ޖޭ1) ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް ޙުސައިން ޢަލީއެވެ.

އެމްއެންޑީއެފް އިން ބުނީ ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ން 28 އަށް ތައިލެންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ “ދަ އެނުއަލް ޗީފް އޮފް ޑިފެންސް ކޮންފަރެންސް” ގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.

ދެން އެމަނިކުފާނު މިމަހު 29 އިން 30 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ “ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ” ގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.