ކުރީގެ ބައިވެރިޔާއަށް އިތުރު ފުރުސަތެއް ދޭން ބޭނުންތަ؟
1 މަސް ކުރިން
އާމިނަތު ޚާލިސާ

ވަކިވި ލޯބިވެރިޔާ އާއި އަލުން ގުޅި ދެވަނަ ފުރުސަތެއް ދިނުމަށް ބޭނުންވާނަމަ އެކަމާއި މެދު ވަރަށް ފުންކޮށް ވިސްނާލާށެވެ. ދެވަނަ ފުރުސަތަކީ ދެވަނަ ފަހަރަށް ލިބޭ ދެރައަކަށްވެސް ވެދާނެއެވެ. ނުވަތަ މުސްތަގުބަލަށްޓަކައި އެޅޭ ރަގަޅު ފިޔަވަޅަކަށްވެސް ވެދާނެއެވެ.  ލޯބިވެރިޔާއަށް، ވީ ކަންތައްތަކަށް މާފުކޮށް ކުރިންވެފައިވާ ކަންތައް ތަކުރާރު ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަންއޮތްނަމަ އެމީހަކަށް ދެވަނަ ފުރުސަތެއް ދޭންވީއެވެ. އެހެންނަމަވެސް ދެވަނަ ފުރުސަތެއް ދިނުމުގައި މި ކަންތައްތަކާއި މެދު ވިސްނާލާށެވެ.

  • އެއްވެސް މައްސަލައަކަށް ނުވާ ކަމަކާއި ދެމީހުން ވަކިވުމުން: ބައެއް ފަހަރު އެއްވެސް ކަމަކަށް ނުވާ ކަންތައްތަކާވެސް ދެމީހުންގެ މެދުގައި ހިޔާލު ތަފާތުވެ ދެމީހުން ވަކިވާންޖެހެއެވެ. މި ފަދަ ހާލަތުގައި އެކުގައި އުޅެން ކިތަންމެ ބޭނުންވި ނަމަވެސް ދެ މީހުންވެސް ކުށް ގަބޫލުކޮށް އަމިއްލައަށް މާފަށް އެދި އަލުން އެކުގައި އުޅެން ބޭނުން ނުވާ ދަޑިވަޅުތައްވެސް އާދެއެވެ.އެހެންނަމަވެސް މިފަދަ ކުދިކުދި މައްސަލަތަކަކީ ގުޅުމެއް ނިންމުމަކަށް ގެންނަންޖެހޭ ސަބަބެއް ނޫންކަމުގައި އަމިއްލައަށް ވިސްނާލާށެވެ. ހަމަޖެހިގެން ވިސްނާލުމަށްފަހު އެ ފަދަ މައްސަލައެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން އޮތް ނަމަ ބައިވެރިޔާއެއް އިތުރު ފުރުސަތެއް ދިނުން ބުއްދިވެރިއެވެ.
  • ބައިވެރިޔާއަށް ކުރެވުނު ކުށް އަމިއްލައަށް ގަބޫލްކުރުން: ބައިވެރިޔާއަށް ކުރެވުނު ކުށް އަމިއްލައަށް ގަބޫލުކޮށް މާފަށް އެދި އެ ކުށް ތަކުރާރުނުކުރާނެ ކަމުގެ ޔަގީންކަން ލިބިއްޖެނަމަ ބައިވެރިޔާއަށް މާފުކޮށް އަލުން ގުޅުމަކީ މައްސަލައެއް ނޫނެވެ.
  • އިތުބާރު، އިހްތިރާމްކުރުން، ވަފާތެރިކަން: ދެމީހުން ވަކިވުމަށް ފަހުވެސް އެމީހައަކީ ތިމާއަށް އިތުބާރު ކުރެވޭ، އިހްތިރާމް ކުރެވޭ ރަގަޅު މީހެއް ކަމުގައިވާނަމަ ދެ ވަނަ ފަހަރަށް އެމީހާއާއި އަލުން ގުޅުމަށް ވިސްނުމަކީ ރަގަޅު ކަމެކެވެ. ދިމާވި ކޮންމެވެސް ސަބަބަކާ ހުރެ،  ދެމީހުން ވަކިވެފައިވީ ނަމަވެސް މި ތިން ކަމަށް ބަދަލެއްނާންނަ ނަމަ ކުރީގެ ލޯބިވެރިޔާއަކީ ދެވަނަ ފުރުސަތެއް ދިނުމަށް އެކަށީގެންވާ މީހެކެވެ.

ކުރީގެ ބައިވެރިޔާއަށް ދެވަނަ ފުރުސަތެއް ދިނުމާއި މެދު ވިސްނާނީ ދެމީހުން ކުރެ ކޮންމެވެސް އެކަކު އެކަމަށް ބޭނުންވުމުންކަން ޔަގީނެވެ. އެހެންކަމުން ދެމީހުންވެސް އަލުން ގުޅި އެކުގައި އުޅެން ބޭނުންނަމަ ކުރިން ވަކިވުމަށް މެދުވެރިވި ސަބަބުތަކާއި ދުރުވާށެވެ. ތިމާ ބުނާ ބަހުގެ ތެދުކަން އަމަލުން ދައްކާށެވެ.

Advt

Advertisement