English Edition
Dhivehi Edition

އައްޑޫ އީދު ސަމާ 1440 ހުޅުމީދޫ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ އީދި ޕެރޭޑް މާދަމާ ކުރިއަށް ގެންދާނެކަމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މުލިމަތި ޖަމްއިއްޔާ އިން ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ މި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރު ހުޅުދޫ ސްކޫލް ކައިރިންނެވެ. ހުޅުދޫ އަދި މީދޫގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕެރޭޑް ނިންމުމަށް ހަމަޖެހިފައިވަނީ މީދޫ ސަންސެޓް ރެސްޓޯރެންޓް ކައިރިއަށެވެ. މި އީދު ޕެރޭޑާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޖަމްމިއްޔާގެ ނައިބް ރައީސާ ޝަމްސުއްނިސާ ބުނީ މި ޕެރޭޑަކީ ވަރަށް ތަފާތު، ގިނަ ސަޕްރައިޒް ހަރަކާތްތަކެއް ފެނިގެންދާނެ ޕެރޭޑެއް ކަމަށެވެ.

މި ޕެރޭޑްގައި ހުޅުދޫ ސްކޫލް، ޝަރީފީ ސްކޫލް، އަސްރިއްޔާ ސްކޫލް އަދި ޝަމްސުއްދީން ސްކޫލް ކުދިންގެ އިތުުރުން ހުޅުދޫ މީދޫ ޖަމްމިއްޔާ ތަކުގެ ހަރަކާތްތައްވެސް ފެނިގެންދާއިރު މި ޕެރޭޑްގައި ތަފާތު ގިނަ ‘ކެރެކްޓާ’ތައް ފެނިގެންދާނެކަމަށް ޝަމްސު ބުންޏެވެ.މި ޕެރޭޑްގައި ބޮޑު މަސް ދުއްވުމާއި، ދަފި ނެގުމާއި، ބަނޑިޔާޖެހުން ފަދަ ސަގާފީ ހަރަކާތްތަކެއް ފެނިގެންދާއިރު މި ހަރަކާތުގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މުލިމަތި ޖަމިއްޔާ އަދި އައްޑޫ އީދި ސަމާ ހުޅުމީދޫ ޓީމުން ވަނީ އެދިފައެވެ.

އަޟްހާ އީދު ފާހަނަގަކުރުމަށްޓަކައި ހުޅުމީދޫގައި މިހާތަނަށް ގިނަ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން މުލިމަތި ޖަމްމިއްޔާއިން މޫދު ކުޅިވަރާއި އެކު އީދި ކުލަފެން ފޯރި ކުރިއަށް ގެންގޮސްފައިވާއިރު ހުޅުދޫ އަންހެނުންގެ ގުޅުމުން ވަނީ ބޮޑެތި މީހުންގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މުލިމަތި ޖަމްމިއްޔާ އާއި ހުޅުމީދޫ ޕޮލިސް ގުޅިގެން އީޕީއެމްގެ އެހީތެރިކަމާއި އެކު އީދި މަޅި ކުރިއަށް ގެންގޮސްފައިވާއިރު ޗޭނު ޖަމްމިއްޔާ އިންވަނީ ސަގާފީ ދިރިއުޅުން ދައްކާލުމުގެ އިވެންޓެއް ބާއްވާފައެވެ. މީގެ އިތުރުން ޖަމްމިއްޔާތަކުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާއިރު މިއަދު ނަލަފެހި ޖަމްމިއްޔާއިން އިސްރަށްވެހިންނާއި އެކު ބޮޑެތި މީހުންގެ ކުޅިވަރުތައް ބޭއްވުމަށްވަނީ ނިންމާފައެވެ