މިނިވަންކަޕާއި މެދު ކުޅުންތެރިންގެ އުއްމީދުތައް ވަރަށް ފޮނި
1 މަސް ކުރިން
އާމިނަތު ޚާލިސާ

މެދު ކެނޑުމެއްނެތި ހުޅުދޫގައި މިނިވަންކަޕް ބާއްވަމުން އަންނަތާ 10 އަހަރުވެއްޖެއެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށިގެން ދިޔަ މި މުބާރާތް މިހާ ހިސާބަށް އައި އިރު މި ވަނީ މުޅި އައްޑޫ ސިޓީގައި ވެސް ކުޅޭ އެންމެ ފެންވަރު ރަގަޅު އެއް މުބާރާތަށްވެފައެވެ. ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންނާއެކު ބޮޑު އަގުގައި ކުޅުންތެރިން ގަނެގެން މި މުބާރާތުގައި ޓީމްތައް ބައިވެރިވަމުން އަންނަނީ ހަމަ ޔަގީނުންވެސް މުބާރާތުގެ ފެންވަރު އެއް އަހަރަށްވުރެ އަނެއް އަހަރު ރަގަޅުވަމުންދާތީ ކަމާއި މެދު ޝައްކެއް ނެތެވެ.

10 ވަނަ މިނިވަންކަޕް ނިމިގެން ދިޔަ އިރު މި އަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިންވަނީ ފެނިގެން ގޮސްފައެވެ.މި މުބާރާތާއި ބެހޭ ގޮތުން ޓީމްތަކުން ކުރަމުން އަންނަ އުއްމީދުތައް ވަރަށް ވެސް ފޮނިކަން އެގިގެން ދިޔައީ ބައެއް ޓީމްތަކުގެ މެނޭޖްމެންޓާއި ކުޅުންތެރިން މުބާރާތާއި ބެހޭ ގޮތުން ‘އޭއޯ ނިއުސް’އަށް ދިން އިންޓަވިއު އިންނެވެ. މި ގޮތުން ރިސޯޓް ބޯއިސް ޔުނައިޓެޑްގެ މެނޭޖަރ ތޮލާ ބުނެފައިވަނީ މިއީ މި މުބާރާތައް އައި ދެވަނަ ފަހަރުކަމަށާއި ކުރީ ފަހަރަށްވުރެ މިއަހަރުގެ މުބާރާތުގެ ފެންވަރު ރަގަޅުކަން ފާހަނގަކުރެވޭކަމަށެވެ.”މިއީ އައްޑޫ ސިޓީގައި ބާއްވާ އެންމެ ރަގަޅު އެއް މުބާރާތް. މުބާރާތުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ.” ތޮލާ ބުންޏެވެ. މީގެ އިތުރުން މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިިޔާ އައްޔަ މި މުބާރާތާއި ބެހޭ ގޮތުން ބުނީ މި މުބާރާތުގެ އިންތިޒާމްތައް ވަރަށް ފުރިހަމަކަމަށާއި އެންމެ ފާހަނގަކުރެވޭ ކަމަކީ ގަޑިއަށް މެޗުތައް ފެށުމާއެކު ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށް ދިއުންކަމަށެވެ. މީގެ އިތުރުން ރަށުން ބޭރުން އައި ކުޅުންތެރިންވަނީ ރަށުގެ ރައްޔަތުންގެ ފަރާތުން ލިބުނު މެހެމާންދާރީ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ.

Advt

Advertisement

މީގެ އިތުރުން މި މުބާރާތުގައި ކުޅޭ ކުޅުންތެރިން މުބާރާތާއި މެދު ވަރަށް ފޮނި ހުވަފެންތަކެއް ދެކެމުންދާކަން ކުޅުންތެރިންގެ ވާހަކައިން އެގިގެންދިޔައެވެ. މި ގޮތުން މެޓް ދަނޑުގެ ބަދަލުގައި ޓާފް ދަނޑެއްގައި ދެން އަހަރެއްގެ މުބާރާތް ކުރިއަށް ދިއުމަކީ ކުޅުންތެރިންގެ ވަރަށް ބޮޑު އުއްމީދެކެވެ. “މި މުބާރާތުގެ ހުރިހާކަމެއް ވަރަށް ފުރިހަމަ. އެކަމަކު މެޓް ދަނޑެއްގައި ކުޅެންޖެހުމުން ކުޅުންތެރިންނަށް ވަރަށް އަނިޔާވޭ. އެހެންކަމުން އަޅުގަނޑުމެންގެ އުއްމީދަކީ ދެން އަންނަ މުބާރާތެއް ޓާފް ދަނޑުގައި ބޭއްވިގެން ދިއުން. އަދި މިހާރުވެސް ވަރަށް ގިނަ ސަޕޯޓަރުން ބަލާ މުބާރާތަކަށްވާއިރު ސަޕޯޓަރުންނަށްވެސް ފަސޭހަކަމާއެކު މެޗުތައް ބެލޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން” ކުޅުންތެރިއަކު ބުންޏެވެ.