English Edition
Dhivehi Edition

މިނިވަންކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ވަރުގަދަ ތައްލިހި އެފްސީ ބަލިކުރުމަށްފަހު މި މުބާރާތުގެ ޗެމްޕިއަންކަން ރިސޯޓް ބޯއިސް އިން ހޯދައިފިއެވެ.

ރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފޯޜި ގަދަ ފައިނަލް މެޗު ރިސޯޓް ބޯއިސްއިން ކާމިޔާބުކުރީ ފަހަތުން އަރާ ތައްލިހި އެފްސީ ބަލިކުރުމަށްފަހުގައެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 4 ލަނޑު 4 ލަނޑުން ދެ ޓީމް އެއްވަރުވެފައިވާއިރު ރިސޯޓް ބޯއިސް އިން މި މުބާރަތް ކާމިޔާބުކުރީ ޕެނެލްޓީ ޖަހައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގެ ދިހަވަނަ މިނިޓްގައި ތައްލިހި އެފްސީގެ ލިރުއާމް(ލިރު) ލަނޑެއް ޖަހާފައިވާއިރު 15 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ލިރު ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލީޑް ފުޅާކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ތައްލިހި އެފްސީ ލީޑްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފްގައި ރިސޯޓް ބޯއިސް އިން ވަރުގަދަ ގިނަ ހަމަލާތައް އުފައްދާފައިވާއިރު މެޗުގެ 23 ވަނަ މިނިޓްގައި ހަސަން ޔާސިރު އަދްނާން(ޔާއްޓޭ) ވަނީ ރިސޯޓް ބޯއިސް އަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ޔާއްޓޭގެ ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ އިރު ލިރު ވަނީ އިތުރު ލަނޑެއް ތައްލިހި އަށް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 30 ވަނަ މިނިޓްގައި ލިޔާހު ޖެހި ލަނޑާއެކު ތައްލިހި އެފްސީ އިން ހަމަޖެހިލާފައިވާއިރު ރިސޯޓް ބޯއިސްވަނީ ބޮޑު ލީޑެއްގައި އޮތް ތައްލިހި އެފްސީ ކޮޅަށް ގިނަ ހަމަލާތައް ފޮނުވާފައެވެ.

މެޗުގެ ވަރަށް ކައިރި ކައިރީގައި ރިސޯޓް ބޯއިސް އިން ތިން ލަނޑުޖަހާ ނަތީޖާ އެއްވަރުކުރުމާއެކު ދެ ޓީމުންވެސް ވަނީ މެޗުގެ ލީޑް ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ނިމިގެން ދިޔައީ ދެ ޓީމަށްވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ނުލިބިއެވެ.
ރޭގެ މެޗުގައި ތައްލިހި އެފްސީ އިން ޖެހި ދެ ޕެނެލްޓީވެސް ކާމިޔާބުކުރެވިފައިނުވާއިރު ރިސޯޓް ބޯއިސްއިން ވަނީ އެ ޓީމުން ޖެހި ދެ ޕެނެލްޓީ ކާމިޔާބުކޮށްފައެވެ.