މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން އޮގަސްޓް 11 ވަނަ ދުވަހު އައްޑޫ އަށް 114 މިލިމީޓަރުގެ ވާރޭ ވެހިފައި ވާއިރު، ފުވައްމުލަކަށް ވަނީ 95 މިލިމީޓަރު ވާރޭ ވެހިފައެވެ. އަދި ވ. ރަކީދޫ އަށް ވެސް ވަނީ 69 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެންމެ ވައިގަދަ ވެފައި ވަނީ ގދ. ކާޑެއްދޫ އަށެވެ. އެއީ ގަޑިއަކު 55 މޭލު ބާރު މިނުގައެވެ. މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ.
އީދު ދުވަހާއި އީދުވިލޭރޭ އައްޑޫސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ އަދި ގަދަ ވަޔާއެކު ބައެއް ގޭގޭގެ ފުރާޅު އެއްލާލާ ގަސްތައް ވެއްޓި ، މޫސުން ގޯސްވެފައި އޮތުމަށްފަހު އީދު ދުވަހު ހަވީރުން ފެށިގެން މޫސުން ވަނީ ރަނގަޅު ވެ ފައެވެ.
މި ވިއްސާރައާ ގުޅިގެން އައްޑޫގެ އެކި އަވަށްތަކުން 40 އަށް ވުރެ ގިނަ ގެއަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު މީހުންނަށް އެހީވުމާއި ރަށް ސާފުކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި އާންމު ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގެއްލުން ލިބުނު ގެތަކުގެ އަދަދު މިހާތަނަށް 40 އަށް އަރާފައިވާ އިރު، އެ އަދަދު އަދިވެސް އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.
މި ދުވަސްކޮޅު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވާއިރު، ވޭތުވެދިޔަ 2 ދުވަހު ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން އެތައް ހާދިސާއެއް ހިނގާފައެވެ. އެގޮތުން ހުވަދު އަތޮޅާއި އައްްޑޫ ސިޓީ އަދި ފުވައްމުލަކުގެ ބައެއް ގޭގޭގެ ފުރާޅު ވަޔާ އެއްލާލާފައި ވާއިރު، ކަނޑު މަތީގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.