ދަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ފޮޓޯ ވަން އޮންލައިން
ދިވެހި ދަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ދެ ގައުމަކީ އިންޑިއާ އާއިލަންކާ
4 މަސް ކުރިން
އަޙްމަދު

މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ދެ ގައުމަކީ،އިންޑިއާ އަދި ސްރީ ލަންކާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ސާވޭ ރިޕޯޓުން ދައްކައިފިއެވެ.

ދިވެހިން ރާއްޖެ އިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ގޮތުން     2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ކުރި ސާވޭތަކުން ދައްކާ ގޮތުގައި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ދިވެހިން ރާއްޖެ އިން ބޭރުގައި ހޭދަކޮށްފައި ވަނީ އެވްރެޖްކޮށް 12 ދުވަހުގެ މުއްދަތެކެވެ. ވަކިވަކި ގައުމުތަކުގައި ހޭދަކުރި މުއްދަތަށް ބަލާއިރު، އިންޑިއާ އަށް ދަތުރުކުރި ދިވެހިން އެ ގައުމުގައި ހޭދަކުރި މުއްދަތު 2017 ވަނަ އަހަރު އެވެރޭޖްކޮށް 18 ދުވަހަށް އިތުރުވި ކަމުގައިވީ ނަމަވެސް 2018 ވަނަ އަހަރު މި އަދަދު ވަނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން އެވެރެޖްކޮށް 14 ދުވަހަށް ތިރިވެފަ އެވެ. މީގެ އިތުރުން، ސްރީ ލަންކާ އަށް 2018 ވަނަ އަހަރު ދަތުރުކުރި ދިވެހިން އެ ގައުމުގައި އެވެރެޖްކޮށް 12 ދުވަސް ހޭދަކުރިއިރު، މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އިތުރުވުމެކެވެ.

Advt

Advertisement

ސާވޭ ރިޕޯޓް ދައްކާ ގޮތުން 2015 ވަނަ އަހަރު ރާއްޖެ އިން ބޭރަށް ދަތުރުކުރި ދިވެހިންގެ ތެރެއިން 27 ޕަސެންޓް މީހުން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރިއިރު، މިދިޔަ 2018 ވަނަ އަހަރު މި އަދަދު ވަނީ 41 ޕަސެންޓަށް އިތުރުވެފަ އެވެ.

ޗުއްޓީ ހޭދަކުރުމަށް ގޮސް ދިވެހިން ހޭދަ ކުރާ މިންވަރު ވެސް މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ. އެގޮތުން، 2015 ވަނަ އަހަރު އެވްރެޖް ގޮތެއްގައި ޗުއްޓީ ހޭދަކުރުމަށް ބޭރަށް ދާ ދިވެއްސަކު ބޮލަކަށް 780 ޑޮލަރު ހޭދަކުރި ނަމަވެސް 2018 ވަނަ އަހަރު މި އަދަދު ވަނީ 890 ޑޮލަރަށް އިތުރުވެފަ އެވެ.

މި ސާވޭ އަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތައްޔާރުކުރުމަށް ބޭނުންވާ ތަފާސްހިސާބު ހަރުދަނާ ކުރުމުގެ ގޮތުން، 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މަރުކަޒީ ބޭންކުން ކުރަމުންގެންދާ ސާވޭ އެކެވެ.