English Edition
Dhivehi Edition

މިނިވަންކަޕް 2019 ގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ރިސޯޓް ބޯއިސް އިން ކާމިޔާބުކޮށްފިއެވެ.

މަލްޓި ޖީނިއަސް ސިޓީ އާއި ދެކޮޅަށް މިރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު ރިސޯޓް ބޯއިސް އިން ކާމިޔާބުކުރީ 6 ލަނޑު 4 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ރިސޯޓް ބޯއިސްގެ އިބްރާހީމް އަސްވަދު (ގަބޭ) އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ 6 ވަނަ މިނިޓްގައި ގަބޭ ނަގައިދިން ހުރަސް ގޯލަށް އަމާޒުކޮށް އަލީ ހާފިޒް (އައްޔަ)ވަނީ އިތުރު ލަނޑެއް  އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި  މެޗުގެ ބާރަވަނަ މިނިޓްގައި ރިސޯޓް ބޯއިސްގެ ހުސެއިން އީމާން (މާނު) އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފްގެ އެންމެ ފަހު މިނިޓްގައި މަލްޓި ޖީނިއަސް އިންވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނިލް އިބްރާހިމްއެވެ.

މެޗުގެ ދެވަނަ ހާފްގައި މަލްޓި ޖީނިއަސް އިން މެޗުގެ ކުޅުން އިތުރަށް ރަގަޅުކޮށްފައިވާއިރު މެޗުގެ ސައުވީސްވަނަ މިނިޓްގައި އެ ޓީމުގެ ހަސަން ލައުހް ވަނީ  އިތުރު ލަނޑެއް ޖަހާފައެވެ. ލައުހް ގެ ލަނޑާއެކު މެޗުގެ ފަންސަވީސްވަނަ މިނިޓްގައި އައްޔަަވަނީ ރިސޯޓް ބޯއިސްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.  މީގެ އިތުރުން މެޗުގެ ވަރަށް ކައިރިކައިރީގައި ދެ ލަނޑު ޖަހާ ދެ ޓީމް އެއްވަރުވުމާއެކު މެޗުގެ ފޯރިވަނީ އިތުރަށް ގަދަވެގެން ގޮސްފައެވެ. ދެ ޓީމުންވެސް މެޗުގެ ލީޑް ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ އެންމެ ފަހު ފަސްމިނިޓްގެ ތެރޭގައި ރިސޯޓް ބޯއިސްގެ މާނުވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިސޯޓް ބޯއިސް އަށް ތިން ލަނޑު ޖަހައިދިން މާނު އެވެ.