English Edition
Dhivehi Edition

އަޟްޙާ އީދު ފާހަގަކުރުމުގެ ގޮތުން އައްޑޫސިޓީގެ އެކިއަވަށްތަކުގައި ކުރިއަށްގެންދާ “އައްޑޫ އީދި ސަމާ 1440” ގެ ކުޅިވަރުތައް މިރޭ ހުޅުމީދޫގައި ފަށާނެ ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތްތަކުން ބުނެފިއެވެ.

ހުޅުމީދޫގެ ހުރިހާ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކުރިއަށް ގެންދާ އީދު ހަރަކާތްތައް ފެށޭނީ މިރޭ 8:00 އިން އޮންނަ އީދު ތަކުބީރުންނެވެ. މީގެ އިތުރުން މިރޭ އީދު މަޅި ލުމާއި އީދި ބޮމާ ވަޅުލުން އޮންނާނެ އެވެ.

ހުޅުދޫ އަދި މީދޫ ދެއަވަށުގެ ރައްޔިތުން ގުޅިގެން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި އީދުގައި މާދަމާ ހެނދުނު އީދު ނަމާދުގެ ބޮޑު ޖަމާއަތް އޮންނާނީ ޕޮލިސް ދަނޑުގައެވެ. އަދި އީދު ނަމާދަށް ފަހު ތައްޔާރުކުރާ އީދު ސައި ވެސް އޮންނާނީ އެ ސަރަހައްދުގައެވެ.

އީދު ދުވަހުގެ ހަވީރު އެންމެ ޚާއްޞަ ކަމަކަށް އޮންނާނީ ހުޅުދޫ ސްކޫލުން ފެށިގެން މީދޫ ސަންސެޓް ސަރަހައްދާ ހަމައަށް އޮންނަ އީދު ޕެރޭޑެވެ. މި ޕެރޭޑްގައި ހުޅުމީދޫގެ ހުރިހާ ޖަމިއްޔާތަކާއި އަދި ސްކޫލްތަކުން ބަިއވެރިވެއެވެ. ޕެރޭޑްގައި ސަގާފީ ތަފާތު ކުޅިވަރާއެކު ބޮޑުމަސް ދުއްވުން ވެސް އޮންނާނެއެވެ.

އީދު ދެވަނަ ދުވަހުގެ ހަރަކާތްތައް ފެށެނީ އެދުވަހުގެ ހެނދުނު 10:00 ގައި އިސްމެހެލާހެރަ ޗެނެލް ކައިރީގައި ކުރިއަށް ގެންދާ މޫދު ކުޅިވަރާއި ފެންކުޅިނެވެ. އެދުވަހުގެ ހަވީރު ޕޮލިސް ދަނޑުގައި ކުޑަކުދިންގެ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީދު 3 ވަނަ ދުވަސް ޚާއްޞަކޮށްފައިވަނީ ބޮޑެތިމީހުންގެ ކުޅިވަރަށެވެ. އެގޮތުން އެދުވަހުގެ ހަވީރު މީދޫ ބަނދަރު ސަރަހައްދާއި ހުޅުދޫ ކަނބަލުންގެ ޕާކުގައި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އީދުގެ 4 ވަނަ ދުވަހުގައި އޮތީ ހުޅުދޫގައި ބާއްވާ އެކުވެރިކަމުގެ ބަށިމެޗެކެވެ . އަދި އެރޭ ރޭގަނޑު ޕޮލިސް ސަރަހައްދުގައި ސަގާފީ ދިރިއުޅުން ދައްކުވައިދޭ ޝޯއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އީދުގެ 5 ވަނަ ދުވަހު އޮންނާނީ ޕޮލިސް ދަނޑުގައި ކުރިއަށް ގެންދާ ޗުކީ މެޗެވެ.

ހުޅުމީދޫގައި ކުރިއަށް ގެންދާ އީދު ހަރަކާތްތައް ނިންމާލާނީ އީދުގެ 6 ވަނަ ދުވަހު މީދޫ އީދިގަމޫލުގައި ބާއްވާ ކަނބަލުންގެ ނެޓްބޯޅަ މުބާރާތުންނެވެ. މީގެ އިތުރުން އީދުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާ ހަމައަށް ކަނޑައެޅޭ ސަރަހައްދުތަކުގައި ކުލަފެންކުޅި ކުޅުން އޮންނާނެކަމަށް ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.