English Edition
Dhivehi Edition

އައްޑޫސިޓީގެ ގުޅިފައި އޮންނަ 5 އަވަށުގެ އިތުރަށް ވަކިން އޮންނަ 2 އަވަށް ހުޅުދޫ އަދި މީދޫ އަކީ އިޖްތިމާއީ ގުޅުމަށް ބަލާއިރު އެހެން އަވަށްތަކަށް ނަމޫނާ 2 އަވަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރަށަށް އަންނަ މީހުންނަށް މެޙްމާންދާރީ އަދާ ކުރުމުން ފެށިގެން ރަށުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި އަދި ރަށުގެ ސާފުތާހިރު ކަމަށްޓަކައި އަމިއްލަ ފަރުދުން އިސްނަގައިގެން ތަފާތު އެކި ނަންނަމުގައި މަސައްކަތް ކުރާ ތަނަކަށް ހުޅުދޫ އަދި މީދޫ ވެގެންދާނެއެވެ. އެ ދެރަށަށް ޒިޔާރަތް ކުރާ މެޙްމާނުން ސޯޝަލް މީޑިއާއަށް ދޫކުރާ ވާހަކަތަކުން މިއީ ތެދު ހަގީގަތެއްކަން ހާމަވާން އޮވެއެވެ.

ޒަމާނުއްސުރެ އީދު ފާހަގަ ކުރުމަށް ފޯރިގަދަ ކުޅިވަރުތައް ކުޅުމަކީ ވެސް ހުޅުދޫ އަދި މީދޫގެ ރައްޔިތުން ކުރަމުން އަންނަ ސަގާފީ ކަމެއްގެ ގޮތުގައި ވެފައިވާ ކަމެކެވެ. ބޮޑަށް މިކަން ފާހަގަވެފައި އޮންނަނީ ކޮންމެ ބަޔަކު ވެސް އެބައެއްގެ އަމިއްލަ އަވަށުގައި ނުވަތަ ސަރަހައްދުގައި އީދު ފާހަގަކުރުމެވެ. އީދު ސަޔާއި ތަފާތު މުބާރާތް ތަކާއި އަދި ކުޅިވަރުތައް ކުޅެ އީދު ފަދަ މުނާސަބާ ކުލަގަދަކޮށް ފޯރި ހިފުމަށް އަބަދުވެސް ދެ ރަށުގެ ރައްޔިތުން މަސައްކަތް ކުރާތަން ފެނެއެވެ.

އައްޑޫގެ އެހެން ރަށްތަކާއި ވަކިން އޮންނަ މި ދެރަށް ނުވަތަ “ހުޅުމީދޫ” އިން ފެންނަން ގިނަ ބަޔަކު އެދޭ އެކަމަކު ނުފެނި އަދި އޮތް ކަމަކީ މި ދެރަށުގެ ރައްޔިތުން އެކަތި ގަނޑަކަށް ވެގެން މިފަދަ މުނާސަބާ ފާހަގަ ކުރާ ތަނެވެ. ކުޑަ ކުޑަ އާބާދީއެއް އޮތް މިދެރަށުން ފެންނަން ޖެހޭ “ހުޅުމީދޫ” ފެނިފައި ނުވުމެވެ. ނަމަވެސް މި ފަހަރުގެ އީދު ސަމާ މިވަނީ މިކަން ބަދަލުކޮށް ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނެސްދީފައެވެ. ވަކިން އޮތް ކުޑަ 2 އާބާދީ އެއް އެއްކޮށްލައި ބޮޑު އާބާދީއެއްގެ ގޮތުގައި އެންމެން އެއްތަނެއްގައި ތިބެގެން އުފާފާޅުކޮށް އީދުގެ ތަހުނިޔާ ކިޔައި ކުޅިވަރުކުޅޭނެ ފުރުސަތު ފަހިކޮށް ދީފައެވެ.

އީދު މަޅިލުމާއި އީދު ތަކުބީރާއި އީދު ބޮމާ އަދި އީދުބޮޑު ޖަމާއަތުގެ ނަމާދު ހުޅުމީދޫ މީހުން ކުރާނީ މިފަހަރު އެކީގައެވެ. އީދު ސަޔާއި އީދު ޕެރޭޑްގައި ބައިވެރިވަނީ “ހުޅުމީދޫ” ރައްޔިތުންނެވެ. ދަނޑިޖެހުމާއި ބިލެެއްދަފި ނެގުން އަދި ބޮޑު މަސް ބޭނުންފަދަ ކުޅިވަރު ތަކުގައި ބައިވެރިވަނީ ދެއަވަށުގެ ރައްޔިތުން އެކީގައެވެ. މިއީ މި ދެރަށަށް ނިސްބަތްވާ ގިނަ ބަޔަކު ކުރަމުން ދިޔަ އުއްމީދުތަކެކެވެ. ދެކެމުންދިޔަ ހުވަފެންތަކެއް ހަގީގަތަކަށް ވުމެވެ.

މިކަންކަމުން ދޭހަކޮށްދެނީ ޒަމާނާއެކު މުޖުތަމައަށް އަންނަ ކުރިއެރުމެވެ. ވިސްނުމަށް އަންނަ ބަދަލުތަކެވެ. ތަރައްގީވަމުން ކުރިއަރަމުން އަންނަ ސިކުނޑިތައް ގިނަވާކަމެވެ. އަމިއްލަ ރަށުގެ ހެވާ ލާބައަށް މަސައްކަތް ކުރާ މީހުންގެ ގިނަކަމެވެ!!